އެމްއެންޑީއެފްގައި އައު ހަތިޔާރާއެކު، ޤާބިލުކަން އިތުރު ކުރެވިއްޖެެ: ޝަމާލް

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެންޑީއެފްގައި ބޭނުން ކުރަމުން އައި ދުވަސްވީ ހަތިޔާރުގެ ތެރެއަށް ޒަމާނީ އައު ހަތިޔާރު އިތުރުކޮށް، ސިފައިންގެ ޤާބިލުކަން ވެސް އިތުރު ކުރެވިއްޖެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މިނިވަންދުވަހާ ގުޅުވައިގެން ރާއްޖެ ޓީވީން މިއަދު ކުރިއަށް ގެންދިޔަ ލައިވް ކަވަރޭޖުގައި ވާހަކަ ދައްކަވަމުންނެވެ.

ޝަމާލް ވިދާޅުވީ މިދިޔަ އަހަރުގެ މޭ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާއަށް ފަހު، ސިފައިންގެ ޤާބިލުކަން އިތުރު ކުރުމަށް ޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ.

އޭނާ ވިދާޅުވީ އެގޮތުން އެކްސްޕްލޯސިވް ޑިވައިސްތަކާއި އަދި އައިއީޑީ ކަހަލަ، ނުރައްކާ އެހާ ބޮޑު ނޫން ގޮވައި ޒާތުގެ އެއްޗެއްސަށް ރެސްޕޮންޑް ކުރުމަށް ޓަކައި ސިފައިން ތަމްރީން ކުރުން ހިމެނޭ ކަމަށެވެ.

"އެންމެ ފަހުގެ މޮޑެލްތަކުގެ ހަތިޔާރު އާ ހަތިޔާރުތަކެއް، އޭކޭ 47ގެ ބަޑީގެ އެންމެ ފަހުގެ ވައްތަރުތައް މެރީން ސާވިސްއަށް ވާނީ އިތުރުކޮށްފައި،" ޝަމާލް ވިދާޅުވިއެވެ.

ސިފައިންގެ އެންމެ ބޮޑު އަމާޒަކީ ކޯސްޓްގާޑް ފުޅާކުރުން ކަން ފާހަގަ ކުރައްވައި ޝަމާލް، ވިދާޅުވީ މީގެ ތެރޭގައި އިތުރު ވަސީލަތްތައް ހޯދުމާއި އެއްގަމާއި ކަނޑުމަގުން ބޭނުން ކުރާނެ އުޅަނދު ހޯދުމާއި އިންފްރާސްޓްރަކްޗާގެ އިތުރުން މީހުން ބިނާކުރުމުގެ މަސައްކަތްތައް ވެސް ކުރަން އެބަޖެހޭ ކަމަށެވެ.

މީގެ އިތުރުން ޤައުމީ ދިފާއީ ބާރުގެ ސްޕެޝަލް ފޯހެއް ތައްޔާރު ކޮށްފައިވާނެކަން ފާހަގަ ކުރައްވަމުން ޝަމާލް ވިދާޅުވީ އެ ފޯސްގެ މައިގަނޑު މަސައްކަތަކީ މީހަކު ރަހީނު ކުރާ ހާލަތެއްގައި، މަތިންދާބޯޓެއް ނޫނީ އެ ނޫން ވެސް އުޅަނދެއް ހައިޖެކް ކުރާނެ ހާލަތަކަށް އެއަށް ރެސްޕޮންޑު ކުރުމުގެ ގާބިލްކަން އިތުރުކުރުން ކަމަށެވެ.

comment ކޮމެންޓް