އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު ކަމަށް އިބުރޭ އާއި އަހްމަދު އަބްދުﷲ ހޮވިއްޖެ

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު ކަމަށް ހޮވިވަޑައިގަތް އިބްރާހީމް ވަހީދު (އިބުރޭ) އާއި އަހްމަދު އަބްދުﷲ --- ސަން ގްރެފިކްސް/ ޢަލީ ޝާހީން

އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު ކަމަށް އިބްރާހީމް ވަހީދު (އިބުރޭ) އާއި އަޙްމަދު އަބްދުﷲ އިންތިޚާބުވެއްޖެއެވެ.

ޗެއާޕާސަންގެ ނައިބު ކަމަށް ކުރިމަތިލެއްވީ ވެސް އެ ދެ ބޭފުޅުން އެކަންޏެވެ. އެހެންކަމުން ވޯޓަކަށް ނުގޮސް ދެ ބޭފުޅުން ވެސް ވަނީ މަގާމަށް ހޮވިވަޑައިގެންފައެވެ.

އެގޮތުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީގެ މަގާމަށް ކުރިމަތިލެއްވީ ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަދި އެމްޑީޕީ ގައުމީ މަޖިލީހުގެ މަތި އުތުރު ޕްރޮވިންސްގެ ރައީސް އިބްރާހީމް ވަހީދު (އިބުރޭ) އެވެ. އަދި ޗެއާޕާސަންގެ ނައިބު މާލީގެ މަގާމަށް ކުރިމަތިލެއްވީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އަޙްމަދު އަބްދުﷲއެވެ. ކުރިން ވެސް ޗެއާޕާސަންގެ ނައިބު މާލީގެ މަގާމުގައި ހުންނެވީ އޭނާއެވެ.

ޗެއާޕާސަންގެ ނައިބުގެ ދައުރު ހަމަވާނީ އަންނަ އޮކްޓޯބަރުމަހުގެ 25ވަނަ ދުވަހުއެވެ. އެ މަގާމަށް ކުރިމަތިލުމަށް މިދިޔަ ހޯމަދުވަހު ހުޅުވާލި މުއްދަތު ހަމަވީ މިއަދުއެވެ.

އެ މަގާމަށް ހޮވުމާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އަޙްމަދު އަބްދުﷲ ވިދާޅުވީ އަމާޒަކީ ޕާޓީ ވަރުގަދަކޮށް އަންނަ އަހަރު ބައްވާ ރިޔާސީ އިންތިޚާބު ކާމިޔަބުކުރުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުންކަމަށެވެ.

"ޕާޓީ ވަރުގަދަކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކޮށް ޗެއާޕާސަން އަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް އަޅުގަނޑުމެން ދޭނީ. ދެން ޕާޓީ ވަރުގަދަކުރަން ކުރެވެންއޮތް ހުރިހާ ކަމެއް އަޅުގަނޑުމެން ކުރާނަން،" އޭނާ ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް