ބެއިޖިންގް (25 ޖުލައި 2022): ޗައިނާއިން އުފައްދާފައިވާ ފަސިންޖަރު މަތިންދާބޯޓު ސީ-919 ގެ ކޮމާޝަލް ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.
މިކަން ހާމަކުރަމުން އެބޯޓު އުފެއްދި ޗައިނާގެ ކުންފުނި ކަމަށްވާ ދަ ކޮމާޝަލް އެއާކްރާފްޓް ކޯޕަރޭޝަން އޮފް ޗައިނާ ލިމިޓެޑް (ކޮމަކް) އިން ބުނީ އެކުންފުނިން އުފައްދާފައިވާ ސީ-919 މަރުކާގެ ނެރޯ ބޮޑީގެ މަތިންދާބޯޓު ގެ ކޮމާޝަލް ދަތުރުތައް ފެށުމަށް ކުރަންޖެހޭ ތަޖުރިބާގެ ހުރިހާ ދަތުރުތަކާއި ޓެކްނިކަލް ޓެސްޓު ތަކުގެ ހުރިހާ މަރުހަލާތަކެއް މިހާރުވަނީ ނިމިފައެވެ.
މިހުރިހާ ތަޖުރިބާތަކާއި ޓެސްޓް މަރުހަލާތައް ކާމިޔާބުކަމާއެކު ނިންމާލެވުމާއެކު ސީ-919 ގެ މަތިންދާބޯޓަކީ ކޮމާޝަލް ދަތުރުތައް ކުރަން ރައްކާތެރި ބޯޓެއްކަން ބަޔާންކޮށްދޭ ސެޓްފިކެޓްތައްވެސް ސިވިލްއޭވިއޭޝަނާބެހޭ ޗައިނާގެ މައި އިދާރަކަމަށްވާ "ސިވިލްއޭވިއޭޝަން އެޑްމިނިސްޓްރޭޝަން އޮފް ޗައިނާ" އިން މިހާރު ލިބިފައިވާކަމަށް "ކޮމަކް" އިން ނެރުނު ބަޔާނެގައިވެއެވެ.
ދެން އޮތީ ކޮމާޝަލް އުދުހުންތައް ފެށުމުގެ ކުރިން ލިބެންޖެހޭ ކޮމާޝަލް އޭވިއޭޝަންއާ ބެހޭ ޚާއްސަ ހުއްދަ ލިބުން އެކަންޏެވެ. ޓެސްޓްތަކާއި ތަޖުރިބާތައް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާތީ އެހުއްދަ ކުރިޔަށްއޮތް ދެހަފްތާއެއްހާ ދުވަހުގެ ތެރޭގައި ލިބޭނެކަމުގެ ޔަގީންކަން ލިބިފައިވާކަމަށް "ކޮމަކް" ގެ ބަޔާން ބުނެއެވެ.
"ކޮމަކް" އިން ސީ-919 މަރުކާގެ މަތިންދާބޯޓު އުފައްދާފައިވަނީ އެމެރިކާގެ ބޮއިންގް ކުންފުނިން އުފައްދާ 373 މަރުކާގެ ފަސިންޖަރު މަތިންދާބޯޓާއި ޔޫރަޕްގެ އެއާބަސް ކުންފުނިން އުފައްދާ 320 ނިއޯ މަރުކާގެ ފަސިންޖަރު މަތިންދާ ބޯޓުތަކާ ވަދަކުރެވޭ ފެންވަރުގައެވެ. ޓެކްނޮލޮޖީއާއި ރައްކާތެރިކަމާ އެނޫންވެސްކަންކަމުގައި އެބޯޓުތަކާ އެއްލެވެލްއެއްގައެވެ.
ޗައިނާ އުފެއްދި ފަސިންޖަރު މަތިންދާ ބޯޓުގެ ގޮނޑިތަކާއި ހިނގާ މަގު އަދި ދަބަސްތައް ބަހައްޓާ ކަޅިވައްތައް
"ކޮމަކް" ކުރިން ބުނެފައިވާގޮތުގައި އެކުންފުނިން އުފައްދާ "ސީ 919" މަރުކާގެ ކޮމާޝަލް މަތިންދާބޯޓުތައް ގަތުމަށް 300 އާއި 400 އާ ދެމެދުގެ އޯޑަރު ލިބިފައިވާތީ އެއަދަދަށް އެމަރުކާގެ މަތިންދާބޯޓު އުފެއްދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. ނަމަވެސް މިއަދަދަށް "ސީ 919" މަރުކާގެ މަތިންދާބޯޓުތައް އުފައްދަން އަދި އަހަރުތަކެއް ނަގާނެއެވެ.
ސީ-919 މަރުކާގެ މަތިންދާބޯޓު އުފެއްދުމުގެ މަސައްކަތް "ކޮމަކް" އިން ފުރަތަމަ ފަށާފައިވަނީ 2008 ވަނައަހަރުއެވެ. މި ބޯޓު އުފެއްދުމުގެ މަސައްކަތް ނިންމައި އޭގެ އެންމެ ފުރަތަމަ ޓެސްޓްތައް ކޮށްފައިވަނީ 2017 ވަނަ އަހަރު ތެރޭގައެވެ. އެއަށްފަހު މިހާތަނަށްވެސް ގެންދިޔައީ ކޮމާޝަލް ދަތުރުކުރުމަށް ބޭނުންވާ ޓެކްނިކަލް އަދި އެނޫންވެސް ގާބިލްކަން އެ ބޯޓަށް ލިބިފައިވޭތޯ ބެލުމުގެ އެކި ބާވަތުގެ ޓެކްނިކަލް ޓެސްޓްތަކާއި ދުއްވުމުގެ ތަފާތު ޓެސްޓްތައް ކުރަމުންނެވެ. އެޓެސްޓްތައް އެއްކޮށް ނިންމާލެވިފައި މިވަނީ ފަސް އަހަރު ތެރޭގައެވެ.
ސީ-919 ގެ މަތިންދާބޯޓަކީ ކޮމާޝަލް ދަތުރުތައް ކުރަން ރައްކާތެރި ބޯޓެއްކަން ބަޔާންކޮށްދޭ ސެޓްފިކެޓްތައް މިހާރު ލިބިފައިވާތީ "ސީ 919" ގެ މަތިންދާބޯޓުގެ ފެންވަރަށާއި އޭގެ ސްޕެސިފިކޭޝަންއާ އެއްގޮތަށް އެމަރުކާގެ އެހެން ބޯޓުތައް އުފެއްދުމުން ދެން ކުރަންޖެހޭ ޓެސްޓްތަކާއި ތަޖުރިބާގެ ދަތުރުތަކަށް މިހާ ދިގުމުއްދަތެއް ނުނަގާނެކަމަށް "ކޮމަކް" އިން ބުނެއެވެ.
މަތިންދާބޯޓު އުފައްދާ ޗައިނާގެ އެތަށް ކުންފުންޏެއް އޮވެއެވެ. އެކުންފުނިތަކުގެ ތެރޭގައި ފަސިންޖަރު މަތިންދާ ބޯޓުތައް އުފައްދާ ކުންފުނިތަކުގެ އިތުރުން ކާގޯ މަތިންދާބޯޓުތަކާއި އަސްކަރީ ޓާރާންސްޕޯޓް މަތިންދާބޯޓުތަކާއި އަސްކަރީ ފައިޓާ ޖެޓްތައް އުފައްދާ ކުންފުނިތައްވެސް ހިމެނެއެވެ.
މީގެތެރެއިން ފަސިންޖަރު މަތިންދާބޯޓުތައް އުފައްދާ ޗައިނާގެ ކުންފުނިތަކުން ގެންދަނީ އެމެރިކާގެ ބޮއިންގް އާއި ޔޫރަޕްގެ އެއާބަސް އިން އުފައްދާ ފަސިންޖަރު މަތިންދާ ބޯޓުތަކާ އެއްފެންވަރަށް ކޮމާޝަލް މަތިންދާ ބޯޓުތައް އުފެއްދުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.
އަސްކަރީ މަތިންދާ ބޯޓުތައް އުފައްދާ ޗައިނާގެ ކުންފުނިތައްވަނީ މަދަނީ ބޯޓުތައް އުފައްދާ ކުންފުނިތަކަށްވުރެ ގިނަ ކުރިއެރުންތައް ހޯދާފައެވެ.
"ކޮމަކް" އިން އުފެއްދި "ސީ 919" މަރުކާގެ މަތިންދާބޯޓަކީ ފަސިންޖަރު މަތިންދާބޯޓު އުފެއްދުމުގެ ޓެކްނޮލޮޖީގައި ޗައިނާގެ ކުންފުންޏަކަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. ޗައިނާގެ މިކާމިޔާބު އުފެއްދުމުގެ ސަބަބުން ކޮމާޝަލް ފަސިންޖަރު މަތިންދާބޯޓު އުފެއްދުމުގައި އެމެރިކާއާއި ޔޫރަޕުން މިހާރު ގެންގުޅޭ މޮނޮޕޮލީ ކައިރި މުސްތަގްބަލެއްގައި ނިމުމަކަށް އަންނާނެ ކަމަށް ވަނީ ބެލެވިފައެވެ.