ވިލިމާލޭގައި ސްޓެލްކޯއިން އަޅާ ފުލެޓުތަކުގެ ބޮޑު ބައެއް ވިލިމާލޭ ރައްޔިތުންނަށް ހާއްސަވާނެ: ނަހުލާ

މާލެ ސިޓީގެ ވިލިމާލެ ދާއިރާގެ ކައުންސިލް މެމްބަރު ނަހުލާ އަލީ. ފޮޓޯ/ފޭސްބުކް

ސްޓެލްކޯއިން ވިލިމާލޭގައި ވަރަށް އަވަހަށް ފަށާނެ ކަމަށް އިއުލާނުކުރި އާ ހައުސިން ޕޮރޮޖެކްޓުގެ ދަށުން އަޅާ ގިނަ ފުލެޓުތަކަކީ ވިލިމާލޭ ރައްޔިތުންނަށް ހާއްސަ ފުލެޓުތަކެއްކަމަށް މާލޭ ސިޓީގެ ވިލިމާލޭ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ އާ ޗެއާމަން އެ ކުންފުނީގެ މުވައްޒަފުންނަށް ތައާރަފުކޮށްދިނުމަށް ހޮޮނިހިރު ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވަނީ ވަރަށް އަވަހަށް ވިލިމާލޭގައި އެކުންފުނީގެ އާ ހައުސިން ޕްރޮޖެކްޓެއް ފަށާނެ ކަމަށް އިއުލާނުކުރައްވާފައެވެ.

މިހާރު ކުރިއަށް ދަނީ ސްޓެލްކޯގެ ބޯޑު މެންބަރުންގެ ހުއްދަ އެކަމަށް ހޯދުމުގެ މަސައްކަތް ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ނަހުލާ ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ސްޓެލްކޯއިން ވިލިމާލޭގައި ފަށަން އުޅޭ އާ ހައުސިން ޕްރޮޖެކްޓުގެ ބޮޑު ބައެއް ވިލިމާލޭ ރައްޔިތުންނަށް ހާއްސަ ވާނެ ކަމަށް ވިދާޅުވެފައެވެ.

"މި ޕްރޮޖެކްޓުގެ ސަބަބުން ވިލިމާލޭ ބޯހިޔާވަހިކަމުގެ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެން ދާނެ،" އޭނާގެ ޓުވީޓުގައިވެއެވެ.

ނަހުލާ މިހެން ޓުވީޓު ކުރައްވާފައިވަނީ އެ ހައުސިން ޕްރޮޖެކްޓާ ބެހޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ.

އުޝާމް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވަނީ ވިލިމާލެއަކީ ބިންކުޑަ އަދި ބޯހިޔާވަހިކަމުގެ މައްސަލަ އިންތިހާއަށް އޮތް ރަށެއް ކަމަށެވެ. އެހެންކަމުން އެއްވެސް ކަމެއް އިތުރަށް ކުރުމުގެ ކުރިން އެކަމަށް ހައްލު ހޯދައިދޭން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ވިލިމާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައި ނުދީ ސަރުކާރު ކުންފުނިތަކުގެ މިފަދަ މަޝްރޫއުތަކަށް ވިލިމާލޭގެ ބިންދިނުމަށް ވިލިމާލޭގެ ރައްޔިތުން ތާއީދުނުކުރާނެ،" އޭނާގެ ޓުވީޓުގައިވެއެވެ.

ވިލިމާލޭގައި ފަށާނެ ކަމަށް ބުނާ އާ ހައުސިން ޕްރޮޖެކްޓާ ގުޅިގެން މާބޮޑު ތަފްސީލެއް ކަމާ ގުޅޭ އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައިނުވެއެވެ.

އާ ހައުސިން ޕްރޮޖެކްޓެއް ފަށަން ސްޓެލްކޯއިން ތައްޔާރުވަމުންދާއިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ އެކުންފުނީގެ ފުލެޓުތައް ލިބިފައިވާ މުވައްޒަފުންނަށް އަންނަ މަހުގެ ހަވަނަ ދުވަހު ޔަގީން ކަމާއެކު އެ ފުލެޓުތައް ހަވާލުކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.

ސްޓެލްކޯގެ ފުލެޓުތައް ހުންނަނީ ދެ ޓަވަރަކަށް ބަހާފައެވެ. އެ ދެ ޓަވަރުގައި އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓު ހިމެނެއެވެ.

އެ ފުލެޓުތަކުގެ އެއް ކޮޓަރީގެ އެޕާޓުމެންޓުތަކުގެ އަގު އުޅެނީ 5،622 ރުފިޔާއަށް ކަމަށް ވާއިރު، މެއިޑް ރޫމް ހިމެނޭ ތިން ކޮޓަރީގެ އެޕާޓުމެންޓުތަކުގެ އަގު އުޅެނީ 10،356ރުފިޔާ އާއި 10،652ރުފިޔާ އާ ދެމެދުގެ އަގެއްގައެވެ.

comment ކޮމެންޓް