ކަނޑުދަތުރުފަތުރު ކުރާއިރު ރައްކާތެރިކަން ކަށަވަރު ކުރުމަށް އިލްތިމާސް ކޮށްފި

ކަނޑު ގަދަ ދުވަހެއްގައި ދަތުރު ކުރަމުންދާ ދޯންޏެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް މިދުވަސްވަރު ކުރަމުން އަންނަ ވިއްސާރާގައި ކަނޑުތައް ގަދަވުމާއެކު ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ކަނޑުދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަަމަލުކުރުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ރާއްޖެއަށް މި ދުވަސްވަރު ކުރަމުން މިި އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.

ފުލުހުން ބުނީ މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށް ވުމުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމާއި ރަށްރަށަށް ދަތުރުދިއުން ފަދަ ކަންކަން ވެސް އިތުރުވާނެ ކަމަށެވެ. އެހެން ނަމަވެސް ދަތުރަކަށް ފެށުމުގެ ކުރިން ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

އެގޮތުން، އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު އުޅަނދުގައި ފުރިހަމަވެފައި ހުންނަންޖެހޭ މުވާސަލާތީ ވަސީލަތްތަކާއި ލައިފް ޖެކެޓު ހަމައަށް ހުރިތޯ ބެލުމާއި އެތަކެތި ހުރީ ބޭނުންކުރެވޭފަދަ ހާލަތުގައިތޯ ޔަގީންކުރުމަށް ވަނީ ހަނދާންކޮށްދީފައެވެ. އަދި އެ އުޅަނދަކަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށް ވެސް ފުލުހުން އެދެއެވެ.

ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އުޅަނދުތައް ބަލައި ފާސްކުރުމާއި މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ފުލުހުން ސިލްސިލާކޮށް ކުރިއަށް ގެންދެއެވެ.

ފުލުހުން ބުނީ ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އުޅަނދު ދުއްވާ ފަރާތްތަކުން ވެސް ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެއްކަން މި ފުރުސަތުގައި ހަނދާންކޮށްދޭ ކަމަށެވެ.

comment ކޮމެންޓް