މިދިޔަ މަހުގެ 21 ވަނަ ދުވަހު، ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވުމަށް ބަޔަކު ވަދެގަތް މައްސަލައިގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލްގެ މައްސަލަ ހައިކޯޓުގައި މިއަދު އިސްތިއުނާފްކޮށްފިއެވެ.
މުހައްމަދު އިސްމާއީލް ބަންދުކޮށް އޭނާގެ ބަންދަށް ފުރަތަމަ ދިނީ ހަތް ދުވަހެވެ. އަދި އޭގެ ފަހުން ދެ ފަހަރު ބަންދުގެ މުއްދަތު އިތުރު ކުރުމަށްފަހު މި މަހުގެ ހަތް ވަނަ ދުވަހު ވަނީ 30 ދުވަހު ބަންދުގައި ބެއްހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައެވެ.
އެ ނިންމުން ބާތިލްކޮށް، އޭނާ މިނިވަން ކޮށްދިނުމަށް އެދި އޭނާގެ ވަކީލުން މިއަދު ވަނީ ހައި ކޯޓަށް މައްސަލަ ހުށަހަޅައިފައެވެ.
އެ މައްސަލައާ ގުޅިގެން މުޙައްމަދު އިސްމާއީލްގެ އިތުރުން ދެ ޝެއިހުންނާއެކު އިތުރު ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ހައްޔަރުކުރި މީހުންގެ ތެރެއިން ބައެއް މީހުން ދޫކޮށްލާފައިވާއިރު ޝެއިޚް ފަޒްލޫން މިއަދު ވަނީ ދޫކޮށްލާފައެވެ.
މިދިޔަ މަހުގެ 21ގައި ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނޫ މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.
ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.
އެކަމާ ގުޅިގެން އެ މައްސަލައާ ގުޅޭ ސީރިއަސް ތަހުގީގެއް ހިންގަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހަމަނުޖެހުމުގައި ބައިވެރިވި މީހުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ޓުވީޓެއް ކުރައްވާފައިވާއެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ކެބިނެޓްގެ ސަބް ކޮމިޓީއެއް ވަނީ އުފައްދާފައެވެ.