ސްރީލަންކާގެ ރައްޔިތުން ހިތްހަމަނުޖެހުނު ނަމަވެސް ސްރީލަންކާގެ ޕާލަމެންޓުން މިހާރުވަނީ އެގައުމުގެ ރައީސްކަމަށް ކުރީގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އިންތިޚާބުކޮށްފައެވެ.
ސްރީލަންކާގެ އާންމުން ދެކޭގޮތުގައި ރަނިލް ރައީސްކަމަށް އިންތިޚާބު ކުރުމަކީ އެގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާއާއި ތަދުމަޑުކަމަށް އޮތް ހައްލެއް ނޫނެވެ. ރައްޔިތުން ދެކެނީ ރަނިލްއަކީ މައްސަލައެއްގެ ގޮތުގައެވެ. ރަނިލް ބޮޑުވަޒީރަކަށް ހުންނެވިއިރުވެސް ރައްޔިތުން ވަނީ އޭނާގެ އިސްތިއުފާއަށް ގޮވާލާފައެވެ. ރައްޔިތުން ދެކެނީ ރަނިލްއަކީވެސް ރާޖަޕަކްސަމެންނެކޭ އެއްގޮތަށް ކޮރަޕްޓް ބޭފުޅެއްގެ ގޮތުގައެވެ. އަދި ސްރީލަންކާ މިހާރު ވެއްޓިފައިވާ އިގްތިސާދީ އަނދަވަޅަށް ވައްޓާލުމުގައި ބައިވެރިވެފައިވާ ލީޑަރެއްގެ ގޮތުގައެވެ.
އިސްތިއުފާ ދެއްވި ރައީސް ގޮތަބަޔަ އާ ދެކޮޅަށް މިމަހުގެ ނުވަ ވަނަ ދުވަހު ސްރީލަންކާގެ ރައްޔިތުން އުތުރިއަރައިގަތް އިރު އާންމުންގެ ތެރެއިން ބަޔަކުވަނީ ކޮލަންބޯގައި ހުންނަ ރަނިލްގެ އަމިއްލަފުޅު ގޭގައި ހުޅުޖަހައި އަންދާލާފައެވެ. އެއީ އޭގެ މަހެއްހާ ދުވަސްކުރިން ބޮޑުވަޒީރަކަށް ހުންނެވި މަހިންދަ ރާޖަޕަކްސަގެ އަމިއްލަ ގެކޮޅެއްގައި ހުޅުޖަހައި އަންދާލި ގޮތަށެވެ.
އަނެއްކޮޅުން މިމަހުގެ ނުވަ ވަނަ ދުވަހު ސްރީލަންކާގެ ރައްޔިތުން އުތުރިއަރައި ގޮތަބަޔަގެ ރަސްމީ ގަނޑުވަރާއި ރިޔާސީ އޮފީހަށް ވަދެގަތް ގޮތަށް އެދުވަހު ރަނިލްގެ އޮފީސް ކަމަށްވާ ބޮޑުވަޒީރުގެ ރަސްމީ އޮފީހަށްވެސް ރައްޔިތުން ވެދެގަތެވެ. މިއީ ރައްޔިތުންގެ ނުރުހުން ރާޖަޕަކްސަގެ އާއިލާއަށް އޮތް ގޮތަށް ރަނިލްއަށްވެސް އޮތްކަން ހާމަވެގެންދިޔަ ކަންކަމެވެ.
އެހެންކަމުން ރަނިލް ސްރީލަންކާގެ ރައީސްކަމަށް އިންތިޚާބު ކުރުމަކީ އެގައުމުގެ ރައްޔިތުން އެދޭ ގޮތް ނޫންކަން ވަރަށް ސާފެވެ. ރަނިލް ރައީސްކަމަށް އިންތިޚާބު ކުރިނަމަވެސް ސްރީލަންކާގެ ހަމަނުޖެހުންތަކުގައި އިސްކޮށް އުޅޭ އެކްޓިވިސްޓުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުން ރައްޔިތުންވަނީ މިކަމާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
ޕާލަމެންޓްގެ ނިންމުމާމެދު ރައްޔިތުން ދެކެނީ އެއީ ރައްޔިތުންގެ އެދުންތައް ބޮލާލައި ޖެހުންކަމުގައެވެ. ރައްޔިތުން އެދެނީ ސްރީލަންކާ މިހާރު ވެއްޓިފައިވާ އިގްތިސާދީ އަނދަވަޅަށް ވައްޓާލުމުގައި އެއްވެސް ވަރަކަށް ބައިވެރިވެފައިނުވާ އަދި ކޮރަޕްޝަނުގެ އެއްވެސް ތުހުމަތެއްނެތް މުޅިން އައު ބޭފުޅަކު ރައީސްކަމަށް އިންތިޚާބު ކުރުމަށެވެ.
ނަމަވެސް ސްރީލަންކާގެ ޕާލަމެންޓްގެ ކޮންޕޮޒިޝަން މިހާރު އޮތްގޮތުން މިއީ ވާންއޮތް ކަމެއްނޫނެވެ. އަނެއްކޮޅުން ޕާލަމެންޓް އުވާލެވޭކަށްވެސް ނެތެވެ. ސްރީލަންކާގެ ގާނޫނު އަސާސީ ބުނާގޮތުން އެގައުމުގެ ޕާލަމެންޓް އުވާލެވޭނީ ރައީސް ކަމުގައި މަދުވެގެން ދެއަހަރާއި ބައި ހޭދަކޮށްފައިވާ ވެރިއަކަށެވެ. ސްރީލަންކާގެ ރައީސްކަމަށް ރަނިލް އިންތިޚާބުކުރި އިއްޔެގައެވެ. އޭނާގެ ވެރިކަމަށް ދެއަހަރާ ބައި ވުމުގެ ކުރިން ރިޔާސީ ދައުރު ހަމަވެ އަލުން ރިޔާސީ އިންތިޚާބެއް ބާއްވާ މުއްދަތު އޮންނާނީ ޖެހިފައެވެ.
އެހެންވީމާ ސްރީލަންކާގެ ރައްޔިތުން އެދޭގޮތް މިހާރު ވާނެ އެއްވެސް ގޮތެއް ގާނޫނު އަސާސީގެ ތެރެއިން މިހާރަށް ފެންނާކަށް ނެތެވެ. ސްރީލަންކާގެ ގާނޫނު އަސަސީ ބުނާގޮތުން ރައީސަކަށް ހުންނަވާ ބޭފުޅަކު މަގާމުން އިސްތިއުފާ ދެއްވައިފިނަމަ ނުވަތަ އަވަހާރަ ވެއްޖެނަމަ އޭނާގެ ދައުރުގެ ބާކީ އޮންނަ މުއްދަތު ފުރިހަމަކުރާނީ ރައީސްކަމަށް ޕާލަމެންޓުން އިންތިޚާބުކުރާ ބޭފުޅެކެވެ.
އެގޮތުން 1993 ވަނަ އަހަރު ފުރަތަމަ ފަހަރަށްވަނީ މިކަން ފެނިފައެވެ. އެއީ ސްރީލަންކާގެ އޭރުގެ ރައީސް ރާނަސިންހަ ޕްރެމަދާސާ (މިހާރުގެ އިދިކޮޅު ލީޑަރު ސަޖިތު ޕްރެމަދާސާގެ ބައްޕާފުޅު) ބޮމުގެ ހަމަލާއެއްގައި އަވަހާރަވުމާއެކު ޕާލަމެންޓުން އެހެން ބޭފުޅަކު ރައީސްކަމަށް އިންތިޚާބު ކުުރުމުންނެވެ.
އެފަހަރު މިގޮތް ދިމާވެގެން ސްރީލަންކާގެ ޕާލަމެންޓުން އެގައުމުގެ ރައީސްކަމަށް އިންތިޚާބުކުރީ އޭރު ބޮޑުވަޒީރަކަށް ހުންނެވި ޑިންގިރީ ބަންޑާ ވިޖެތުންގަ އެވެ. ވިޖެތުންގަ އަކީ ރަނިލްގެ ޕާޓީކަމަށްވާ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ) އަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ރިޔާސީ ދައުރު ނިމެންދެން މަގާމުގައި ވިޖެތުންގަ ހުންނެވިއެވެ. ދެވަނަ ދައުރަކަށް އޭނާ ކުރިމަތި ލައްވާފައެއް ނުވެއެވެ.
އޭގެ ފަހުން 1994 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބަށް ކުރިމަތިލައިގެން އެއިންތިޚާބު ކާމިޔާބު ކުރެއްވީ ޗަންދްރިކާ ބަންޑާރަ ނަޔަކަ ކުމާރަތުންގައެވެ. ޗަންދްރިކާގެ ދެދައުރުގެ ވެރިކަން 2005 ވަނައަހަރާ ހަމައަށް ދެމިގެން ދިޔައެވެ.
ނަމަވެސް އެދުވަސްވަރު ސްރީލަންކާއަށް ކުރިމަތިވެފައިވަނީ އެހެން މައްސަލައެވެ. އެއީ ދާޚިލީ ހަނގުރާމައިގެ މައްސަލައެވެ. އިގްތިސާދީ މައްސަލަތަކެއް ހުއްޓަސް މިހާރު ގައުމަށް ކުރިމަތިވެގެން މިއުޅޭ ފަދަ އިގްތިސާދީ އިނދަޖެހުމެއް ނޫނީ ތަދުމަޑުކަމެއް އޭރަކު ނެތެވެ. ރައްޔިތުން އާދައިގެ ގޮތެއްގައި ދިރިއުޅެމުން ގެންދިޔައެވެ. ތެލާއި ބޭހާއި ކާބޯތަކެތީ ދަތިކަމެއް ނެތެވެ.
އޭރު 1993 ގައި މިގޮތަށް އަމާންކަމާއި އޮމާންކަމާއެކު ސްރީލަންކާގެ ވެރިކަން ބަދަލުވިނަމަވެސް މިހާރުގެ ހާލަތު މުޅިން ތަފާތެވެ. އޭރު ސްރީލަންކާގެ ރައްޔިތުންވެސް ވިޖޭތުންގާޔާ ދެކޮޅެއް ނޫނެވެ. ނަމަވެސް މިހާރަށް ބަލާއިރު ސްރީލަންކާގެ ރައްޔިތުން ރަނިލް އާ ވަރަށް ބޮޑަށް ދެކޮޅެވެ. ގިނަ ބަޔަކު ދެކެނީ ރަނިލް ވެރިކަމަށް އިންތިޚާބުކޮށްދިނުމުގެ ފަހަތުގައިވަނީ ރާޖަޕަކްސަގެ އާއިލާގެ ޕާޓީކަމަށްވާ ސްރީލަންކާ ޕޮޑުޖަނާ ޕެރުމުނާ ޕާޓީ (އެސްއެލްޕީޕީ) ކަމުގައެވެ.
ސްރީލަންކާގެ ގިނަބައެއްގެ ނަޒަރުގައި ރަނިލް އިންތިޚާބުކޮށްފައިވަނީ ރާޖަޕަކްސަގެ އާއިލާއަށް ދެންވެސް ދެވެންއޮތް ހިމާޔަތެއް ދިނުމުގެ ރޭވުމުގެ ދަށުންނެވެ. ގޮތަބަޔަ ރާޖަޕަކްސަ އާއި މަހިންދަ ރާޖަޕަކްސައާއި ބާސިލް ރާޖަޕަކްސައާއި އެނޫންވެސް ގައުމު މިހާލަތަށް ވައްޓާލި ރާޖަޕަކްސަގެ އާއިލާގެ މެންބަރުންގެ މައްޗަށް ތަހުގީގާއި ޝަރީއަތް ނުހިންގޭނެ އަދި އެމީހުންނަށް އަދަބު ނުދެވޭނެ ގޮތެއް ހޯދުމުގެ ވިސްނުމުގެ ދަށުންކަމުގައެވެ.
ރައީސް ކަމަށް ކުރިމަތިލެއްވީ އަދި އިންތިޚާބުވީވެސް މިމަގްސަދުގައި ނޫންކަމަށް ރަނިލް ވިދާޅުވެއެވެ. ނަމަވެސް މަގުތަކަށް އެއްވެ ރަސްމީ ތަންތަނަށް އަރައިގަތުމުގައި އުޅޭ ރައްޔިތުންގެ މިކަން ގަބޫލެއް ނުކުރެއެވެ. ނަމަވެސް މިކަން ގަބޫލުނުކޮށް މަގުތަކަށް ނުކުމެ ގޮތަބަޔަ އާ ދިމާކޮށްލި ގޮތަށް ރަނިލް އާ ދިމާކޮށްލައިފިނަމަ މިހާރަށް ބަލާއިރު ސްރީލަންކާގެ ހާލަތު އިތުރަށްވާނީ ގޯހެވެ. އިގްތިސާދީ ތަދުމަޑުކަން އިތުރަށް ވާނީ ބޮޑެވެ. އިގްތިސާދު ހަމައަކަށް އަޅުވަން ބޭނުންވާ ލޯން ހޯދުމުގެ ކަންތައް ވާނީ އިތުރަށް ލަހެވެ.
އައިއެމްއެފްއިން ނަގަން ސްރީލަންކާ އެދިފައިވާ 3.5 ބިލިޔަން ޑޮލަރުގެ ބޮޑު ލޯން ދިނުމުގައި އައިއެމްއެފްއިން އެންމެ ބޮޑަށް ބަލާނެ އެއްކަމަކީ ސްރީލަންކާގެ ރައީސް އާއި އިދިކޮޅާއި ރައްޔިތުން ތިބިގޮތެވެ. މި ތިން ފަރާތް ތިންކޮޅަށް ތިބެގެން ލޯން ހޯދަން ފަސޭހައެއް ނުވާނެއެވެ.
އެެހެންކަމުން އައިއެމްއެފްއިން ލޯން ހޯދުމަށްޓަކައި ހުރިހާ ފަރާތްތަކުންވެސް މިވަގުތަށް ގޮތް ދޫކުރުން މުހިންމެވެ. ސްރީލަންކާގެ ރައީސް އާއި އިދިކޮޅާ އަދި ރައްޔިތުން އެކައްޗެއް ކިޔުން މުހިންމެވެ. އެހެންނޫނީ ހާލަތުން އަރައިގަތުމުގެ ކަންތައް މާބޮޑަށް ލަސްވެގެން ހިނގައިދާނެއެވެ. ހާލަތުން އަރައިގަތުން މާބޮޑަށް ލަސްވެއްޖެނަމަ ސްރީލަންކާގެ ބައެއް ސަރަހައްދުތައް ބަނޑަށް ޖެހޭ ހިސާބަށް ކަންތައް ދިޔުމަކީވެސް ދުރުކަމެއްނޫނެވެ.
ރަނިލް ރަނގަޅު ނޫނަސް މިވަގުތަށް ބަލާއިރު އެންމެ ރަނގަޅު ގޮތަކީ މިހާލަތުން އަރައިގަތުމަށް ބޭނުންވާ ވަގުތު ރަނިލްއަށް ދިނުމެވެ. އެއީ ރަނިލް ކުރިން ވިދާޅުވެފައިވާ ގޮތުންނަމަ ގާތްގަނޑަކަށް އެއްއަހަރާއި އަށް މަސްދުވަހެވެ.