ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ހުއްޓާލަން އީޕީއޭއިން އަންގައިފި

ސ. ހުޅުދޫ ބަނދަރު: ހުޅުދޫ އަދި ހުޅުމީދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ހުއްޓާލަން އީޕީއޭ އިން ވަނީ އަންގާފައި --

އައްޑޫ ސިޓީ ހުޅުދޫ އާއި މީދޫގެ ބަނދަރު އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ހުއްޓާލަން، އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އަންގައިފިއެވެ.

އީޕީއޭއިން ބުނީ އެ މަޝްރޫއުތައް ފެށުމުގެ ކުރީން އެ މަސައްކަތުގެ ސަބަބުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ގަބޫލު ކުރި ކަމުގެ ލިޔުމާއި ޚިލާފަށް މަސައްކަތް ކުރަމުން އަންނާތީ ހުޅުދު އާއި ހުޅުމީދޫގެ ބިން ހިއްކުމާއި ފަޅު ކޮނުމުގެ އެންމެހާ މަސައްކަތެއް ހުއްޓާލުމަށް މިއަދު އަންގާފައިވާ ކަމަށެވެ.

ހުޅުދޫ ބަނދަރުގެ މަސައްކަތް ހުއްޓާލަން މިއަދު އެންގިއިރު އެ މަސައްކަތުގެ 90 ޕަސެންޓް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން 88،623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 624 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

މީގެ އިތުރުން 742 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 2250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މަޝްރޫއުގައި ހިމެނެއެވެ.

އެ މަޝްރޫއަކީ 66.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެމްޓިސީސީއާ ހަވާލުކުރީ 2020 ވަނަ އަހަރުގެ މާޗް މަހުގެ އެއް ވަނަ ދުވަހުގައެވެ.

comment ކޮމެންޓް