ކ. ދިއްފުށީގައި މިދިޔަ ބުރާސްފަތި ދުވަހު 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހެކި ލިބިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށް ޒުވާނަކަށް ހަމަލާދީ ބޮޑު ހަމަނުޖެހުމެއް އެ ދުވަހު ވަނީ ދިއްފުށީގައި ހިންގާފައެވެ. އަނިޔާވި މީހާއަށް މިހާރު ފަރުވާ ދެމުން އަންނަނީ އޭޑީކޭގައެވެ.
އެ ދުވަހު ދިއްފުށީގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިއްފުށީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މީހަކަށް ހަމަލާދީ މާރާމާރީ ހިންގިކަމަށް އެރޭ އިރުއޮއްސި 06:30 ކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން ފުލުހުން އެ ރަށަށް ގޮސް ހާދިސާ ހިނގިތަނަށް އެއްވެތިބި މީހުންނާ ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަށް މަސައްކަތް ކުރިކަމަށް އެ ބަޔާނުގައިވެއެވެ. އެ ބަޔާނުގައިވާގޮތުން، އެއްވެ ތިބި މީހުންގެ ތެރެއިން ބަޔަކު ފުލުހުންނަށް ހަމަލާދީ ދިއްފުށީ ސިއްހީ މަރުކަޒުތެރެއަށް ވަދެގަނެ ތަކެއްޗަށް ގެއްލުންދީ، ސިއްހީ މަރުކަޒުން ކަރަންޓު ކަނޑާލާ، ތުހުމަތު ކުރެވޭ މީހާއަށް ވަނީ ގެންލުން ދީފައެވެ.
"މި ހަމަނުޖެހުން ކޮންޓްރޯލް ކޮށްފައި ވަނީ މާލެއިން ސްޕެޝަލް އޮޕަރޭޝަންސްގެ ފުލުހުން ގޮސްގެންނެވެ. އަދި އަނިޔާ ލިބުނު މީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ވަނީ ގެންގޮސްދީފައެވެ،" އެ ބަޔާނުގައި ވެއެވެ.
އެ ހަމަނުޖެހުމުގައި ފުލުހުންނަށް ހަމަލާދިންކަމަށް ތުހުމަތުކުރެވޭ 22 އަހަރުގެ ދިވެހި ޒުވާނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދަށް ވަނީ 10 ދުވަސް ކޯޓުން ދީފައެވެ.
ފުލުހުން ބުނީ، ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އިތުރުން، ތުހުމަތުކުރެވޭ މީހާއަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައާއި، އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ހަމަލާދިން މައްސަލައިގެ އިތުރުން ދިއްފުށީ ސިއްހީ މަރުކަޒުގެ ތަކެއްޗަށް ގެއްލުންދިން މައްސަލައެއް ފުލުހުން ތަހުގީގުކުރަމުން ގެންދާކަމަށެވެ.
އޭގެ އިތުރުން ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރި ދިވެހި ފުލުހެއް އަމަލުކޮށްފައިވާ ގޮތް ދިވެހި ފުލުހުންގެ ޚިދުމަތުގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑުން ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.
މިފަދަ މައްސަލަތަކުގައި އެއްވެސް މީހަކު އަމިއްލައަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ޖިނާއީ މައްސަލަ ތަހުގީގުކުރުމުގެ ގާނޫނީ ޒިންމާއޮންނަ ދައުލަތުގެ އިދާރާތަކަށް އަންގައިގެން އުސޫލުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ ގޮވާލާފައެވެ.
ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށް ހަމަލާދީ ފައިވަނީ ގއ. ވިލިނގިލީ ޒުވާނަކަށެވެ. އޭނާއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި މިއަދު ވަނީ ވިލިނގިލީގައި މުޒާހަރާ ވެސް ކޮށްފައެވެ.