މަޑުއްވަރީ ރޭޕް ކޭސްއާ ގުޅިގެން ފިޔަވަޅު އެޅުމަށް ޖެންޑާ މިނިސްޓަރު އަންގަވައިފި

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ: ރ. މަޑުއްވަރީގައި 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭ މީހުންނާމެދު ފިޔަވަޅު އެޅުމަށް އެކަމަނާ ވަނީ އަންގަވާފައި --- ފޮޓޯ/ މަޖިލިސް

މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭ ރ. މަޑުއްވަރީގައި 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ފިޔަވަޅު އަޅަންޖެހޭ މީހުންނާމެދު ފިޔަވަޅު އެޅުމަށް ޖެންޑާ މިނިސްޓްރު އާއިޝަތު މުޙައްމަދު ދީދީ އަންގަވައިފިއެވެ.

ޖިންސީ ގޯނާގެ ޝިކާރައަކަށްވި ކުއްޖާގެ ބައްޕައަށް މިނިސްޓަރު އާއިޝަތު މުޙައްމަދު ދީދީ ސޮއިކުރައްވާ ފޮނުއްވި ސިޓީގައި ވަނީ އެ މައްސަލައާ ގުޅިގެން ގާނޫނީ އިމުގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުންހުރި ދައުލަތުގެ މުއަސަސާތަކަށް އެ މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

ޖެންޑާ މިނިސްޓްރީން މިފަދައިން އަންގާފައިވަނީ އަނިޔާ ލިބުނު ކުއްޖާގެ ބައްޕަ އެ މައްސަލައާ ގުޅިގެން ހުރި ކަންބޮޑުވުންތައް ބަޔާންކޮށް އެ މިނިސްޓްރީއަށް ސިޓީއެއް ފޮނުވުމުން އޭގެ ޖަވާބެއްގެ ގޮތުންނެވެ.

އެ ކުއްޖާގެ ބައްޕަ ވަނީ އެ މައްސަލަ އަލުން ތަހުގީގުކޮށްދިނުމަށް ފުލުހުންގެ އިދާރާގައި ވެސް އެދިފައެވެ.

އެކަމާ ގުޅިގެން އެ ބައްޕަ "ސަން"އަށް ބުނީ އެ މައްސަލަ އަލުން ތަހުގީގުކޮށްދިނުމަށް ފުލުހުންގެ އިދާރާގައި އެދުނީ ހެއްކާއެކު ކަމަށެވެ.

"އެބޭފުޅުން ހެކި ނެތް ކަމަށް ބުނާތީ އަލުން މައްސަލަ ތަހުގީގުކޮށްދިނުމަށް އަޅުގަނޑު އެދިފައިވާނީ ހެއްކާއެކު،" އޭނާ ބުންޏެވެ.

އެ މައްސަލަ މިނިވަންކަމާއި އިންސާފުވެރިކަމާއެކު ތަހުގީގުކުރެވޭ ގޮތް ހަމަޖައްސައިދިނުމަށް އޭނާ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށް ގޮވަައިލައްވާފައެވެ.

މަޑުއްވަރީ ސްކޫލްގައި ތައުލީމު ހާސިލުކުރަމުންދިޔަ އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ހަތަރު މީހަކަށް ކުރެވެއެވެ. އޭގެތެރޭގައި އެ ކުއްޖާއަށް ކިޔަވައިދިން ޓީޗަރު ވެސް ހިމެނެއެވެ.

އެ މައްސަލާގައި އެ ޓީޗަރަށް ކުރެވޭ ތުހުމަތަކީ އޮޅުވާލައިގެން އެ ކުއްޖާ އެރަށު ގެސްޓް ހައުސްއަކަށް ގެންގޮސް ވަޅިން ބިރުދައްކައި އެއްޗެއް ބޯންދިނުމަށްފަހު އިތުރު ބަޔަކާ ބައިވެރިވެގެން އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތެވެ. އެކަމުގައި ފުލުހަކު ބައިވެރިވި ކަމަށް ވެސް ތުހުމަތު ކުރެވެއެވެ.

އެ މައްސަލާގައި ތުހުމަތުކުރެވޭ ޓީޗަރު ބުނަމުން އަންނަނީ މި މައްސަލައަކީ އޭނާ ފްރޭމްކުރުމުގެ ގޮތުން އުފައްދާފައިވާ މައްސަލައެއްކަމަށެވެ.

އެ މައްސަލައިގެ ތަހުގީގު ފެށުމާއެކު އެ ޓީޗަރު ވަޒީފާއިން ސަސްޕެންޑުކުރިއެވެ. އަދި އޭގެ ފަހުން ސިވިލް ސާވިސް ކޮމިޝަނުން ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ޗެނަލް 13ގެ "ހަޖަމް" ޕްރޮގްރާމުގައި ވަނީ އެ މައްސަލައިގައި ތުހުމަތުކުރެވޭ ޓީޗަރުގެ ފޯން ކޯލްތަކެއްގެ އޯޑިއޯ ރެކޯޑިން ތަކެއް އާންމުކޮށްފައެވެ.

އެ ކޯލު ރިކޯޑިން ތަކުން ސަރުކާރުގެ އިސް ބޭފުޅުންގެ މައްޗަށް ގިނަ ތުހުމަތުތަކެއް އަމާޒުވިއެވެ. އޭގެ ތެރޭގައި އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ހިމެނެއެވެ.

އެކަމާ ގުޅިގެން ފައްޔާޒު "ސަން"އަށް ވިދާޅުވީ އެ މައްސަލއާ ގުޅިގެން ކުރެވޭ ތުހުމަތު ތަކަކީ އެއްވެސް ހަގީގަތެއް ނެތް، ދޮގެއް ކަމަށެވެ. އަދި، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވީ އޭނާގެ ނަން އޭނާއަށް ނޭނގި ވަރަށް ގިނައިން ބޭނުންކުރާ ކަމަށާއި، ގާނޫނާ ހިލާފު އެއްވެސް ކަމަކަށް އެއްބާރުލުން ނުދޭ ކަމަށެވެ. ސީދާ އެ މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޖިންސީ ގޯނާގެ ޝިކާރައަކަށްވި އެ ކުއްޖާއަށް އިންސާފު ހޯދުމަށް ގޮވާލައި މަޑުއްވަރީގައި މީގެ ކުރިން ސިލްސިލާ މުޒާހަރާތަކެއް ވެސް ކޮށްފައިވެއެވެ. އެ މުޒާހަރާތައް ހޫނުވެ ހަމަނުޖެހުންތައް ވެސް އޭރު ހިނގިއެވެ.

comment ކޮމެންޓް