ސ. ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 88 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެ މަޝްރޫއުގެ ދަށުން 88،623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 624 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
މީގެ އިތުރުން 742 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 2250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މަޝްރޫއުގައި ހިމެނެއެވެ.

ސ. ހުޅުދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން --- ފޮޓޯ/ އެމްޓީސީސީ
އޭގެ ތެރެއިން ހާބަރު ޕޭވްމަންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
އެ މަޝްރޫއަކީ 66.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެމްޓިސީސީއާ ހަވާލުކުރީ 2020 ވަނަ އަހަރުގެ މާޗް މަހުގެ އެއް ވަނަ ދުވަހުގައެވެ.