ގޮތަބަޔައަށް ރާއްޖެއިން ހިމާޔަތް ދިނުމުން ލަންކާގައި އުޅޭ ދިވެހީން ނުރައްކަލަކަށް ހުށަހެޅިއްޖެ: ޕީޕީއެމް

ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް --- ފޮޓޯ: ޕީޕީއެމް

ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ފިއްލަވައިގެން ދިވެހި އަސްކަރިއްޔާގެ ހުއްދައާއެކު ރާއްޖެ ގެނައުމުގެ ސަބަބުން އެގައުމުގައި ދިރިއުޅޭ ދިވެހީން ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށް އިދިކޮޅު ޕީޕީއެމްއިން ބުނެފިއެވެ.

އެމެރިކާއަށާއި ދުބާއިއަށް ފިއްލަވަން ކުރެއްވި މަސައްކަތް ނާކާމިޔާބުވުމުން ސްރީލަންކާގެ ރައީސް ގޮތަބަޔަ ފިއްލަވައިގެން ރޭ ދަންވަރު ކުއްލި ގޮތަކަށް ރާއްޖެ ވަޑައިގަނެފައިވާ ކަމަށް ބައިނަލްއަގްވާމީ މީޑިއާތަކުން ވަނީ ބުނެފައެވެ.

އެކަން ކުށްވެރިކޮށް ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ, އެއީ ދިވެހި ރައްޔިތުން އެއްގޮތަކަށް ވެސް ބަލައިގަންނާނޭ ކަމެއް ނޫން ކަމަށެވެ.

އަސްކަރީ މަތިންދާ ބޯޓަކަށް ރާއްޖޭގެ ސަރަޙައްދަށް ވަދެވޭނީ އެމްއެންޑީއެފްގެ ހުއްދައާ ވެސް އެކުކަމަށްވާތީ، މިކަމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް, ދިވެހި ރައްޔިތުންނަށް ޖަވަބުދާރީވުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

އެކަން ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ގުޅިގެންކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ.

އެހެން ކަމުން އެކަމުގެ ޙަޤީޤަތް ހާމަކޮށްދީ ދިވެހިންނާއި ލަންކާ ރައްޔިތުންނަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ޖަވާބުދާރީވުމަށް ވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

"ލަންކާ ރައްޔިތުންގެ ވިންދާއި އިޙުސާސްތަކާއި ދެކޮޅަށް ދިވެހި ސަރުކާރުން ޢަމަލުކޮށް އެޤައުމުގެ ރައީސް އަށް ޙިމާޔަތް ދިނުމުގެ ސަބަބުން އެޤައުމުގައި ދިރިއުޅޭ އެތައް ހާސް ދިވެހިން ނުރައްކަލަށް ހުށަހެޅިގެން ދިޔުމުގެ ޒިންމާ ދިވެހި ސަރުކާރުން ޚާއްޞަކޮށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސް މުޙައްމަދު ނަޝީދާއި، މާރިޔާ އަޙްމަދު ދީދީ އާއި ޢަބްދުﷲ ޝަމާލާއި، ޢަބްދުﷲ ޝާހިދު ނަންގަވާ ލަންކާގައި ތިބި ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ އަވަސް ފިޔަވަޅުތައް އެޅުއްވުމަށް ގޮވާލަން," އިދިކޮޅުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ރިޕޯޓްތައް ބުނާގޮތުން ސްރީލަންކާގެ ރައްޔިތުން ރިޔާސީ ގަނޑުވަރަށާއި ރިޔާސީ އޮފީހަށް އަރައިގަތުމާއެކު އަމިއްލަ ގައުމުގައި ރައްޔިތުންނަށް ފިއްލަވައިގެން އުޅުއްވި ރައީސް ގޮތަބަޔަ ރާޖަޕަކްސަ ދިވެހިރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވީ އޭނާއަށް ވަފާތެރި ސްރީލަންކާގެ ސިފައިންގެ އެހީތެރިކަމާއެކު ސިފައިންގެ އަސްކަރީ ޓްރާންސްޕޯޓް މަތިންދާ ބޯޓެއްކަމަށްވާ އެންޓަނޯވް-32 މަރުކާގެ މަތިންދާ ބޯޓެއްގައެވެ.

އެންޓަނޯވް-32އަކީ ރަޝިއާގައި އުފައްދާ މަތިންދާބޯޓެކެވެ. ގޮތަބަޔަ ދަތުރުކުރެއްވި އަސްކަރީ ބޯޓު ނައްޓާލިކަމަށް ބެލެވިފައިވަނީ ސްރީލަންކާ ސިފައިންގެ ވައިގެ ބޭހަކުންނެވެ. އެ މަތިންދާބޯޓުގައި ގޮތަބަޔަގެ އަރިހުގައި ދިވެހިރާއްޖެއަށް ފިއްލެވީ އޭނާގެ އަނބިކަނބަލުންނާއި ހަށިފާރަވެރިއެއް ކަމަށް ވެއެވެ.

ދިވެހިރާއްޖޭގެ ރަސްމީ އެއްވެސް ފަރާތަކުންވެސް އަދި ސްރީލަންކާގެ ރަސްމީ ފަރާތަކުންވެސް މިކަމާ ބެހޭގޮތުން އަދި އެއްޗެއް ބުނެފައިނުވެއެވެ.

comment ކޮމެންޓް