ގޮތަބަޔައަށް ރާއްޖެއިން ހިމާޔަތް ދިން ކަމަށް ބުނާ މައްސަލަ އެމްއެންޕީން މަޖިލީހަށް ހުށަހަޅަނީ

މޯލްޑިވްސް ނެޝަނަލްް ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަންފޮޓޯ/ ނާއިލް ހުސައިން

ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސައަށް ރާއްޖެއިން ހިމާޔަތް ދިން ކަމަށް ބުނެ ސަރުކާރުން އަމަލުކުރި ގޮތް ސާފުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ(އެމްއެންޕީ)އިން ނިންމައިފިއެވެ.

އެމެރިކާއަށާއި ދުބާއިއަށް ފިއްލަވަން ކުރެއްވި މަސައްކަތް ނާކާމިޔާބުވުމުން ގޮތަބަޔަ ރާޖަޕަކްސަ ފިއްލަވައިގެން ރޭ ދަންވަރު ކުއްލި ގޮތަކަށް ވަނީ ރާއްޖެ ވަޑައިގަނެފައެވެ.

ރާއްޖޭގެ ރަސްމީ އެއްވެސް ފަރާތަކުންވެސް އަދި އެކަމާ ގުޅޭ ގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.

އެމްއެންޕީން މިއަދު ބުނީ ސްރީލަންކާގެ ރައީސަށް ރާއްޖެއިން ހިމާޔަތް ދިން މައްސަލާގައި ސަރުކާރުން އަމަލު ކުރިގޮތް ސާފު ކުރުމަށް މަޖިލީހަށް ހުށަހަޅަން އެ ޕާޓީގެ ޕާލިމެންޓް ގުރޫޕުން ނިންމާފައިވާ ކަމަށެވެ.

ސްރީލަންކާގެ ރައްޔިތުން ގޮތަބަޔައާ ދެކޮޅަށް އުތުުރިއެރުމާ ގުޅިގެން ރިޔާސީ ގަނޑުވަރުން ފިއްލަވައިގެން އުޅުއްވުމަށްފަހު ރާއްޖެއަށް ވަޑައިގެންނެވީ އެމެރިކާއަށާއި ދުބާއިއަށް ވަޑައިގަތުމަށް ކުރެއްވި މަސައްކަތްތަކަށް ސްރީލަންކާގެ މައި އެއާޕޯޓް ކަމަށްވާ ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓްގެ މުވައްޒަފުންނާއި އިމިގްރޭޝަން މުވައްޒަފުންނާއި ޓްރިންކޮމަލީގެ ކަނޑުގެ ބަނދަރުގެ މުވައްޒަފުން ހުރަސްއެޅުމާ ގުޅިގެންނެވެ.

އެތަންތަނުން ގޮތަބަޔައަށް ހުރަސްއެޅި ނަމަވެސް ސިފައިންގެ ތެރޭގައި ހިމެނޭ އޭނާއަށް ވަފާތެރި ފަރާތްތައް ވަރަށް ގިނައެވެ. ގޮތަބަޔައަކީ ކުރިން ސްރީލަންކާ ސިފައިންގެ ޖެނެރަލެކެވެ. އަދި ކުރިން ދިފާއީ ވަޒީރުކަންވެސް އަދާ ކުރައްވާފައިވެއެވެ. އެހެންކަމުން ސިފައިންގެ ތެރޭގައި ހިމެނޭ އޭނާއަށް ވަފާތެރި ފަރާތްތަކުން ގެންދިޔައީ ސިއްރިޔާތުގައި ކޮންމެ ގޮތަކުން ނަމަވެސް މިއަދު މެންދުރުގެ ކުރިން ގޮތަބަޔަ ގައުމުން ބޭރަށް ފޮނުވާލެވޭނެ ގޮތްތަކެއް ހޯދަމުންކަމަށް ރިޕޯޓްތައް ބުނެއެވެ. ސަބަބަކީ މިއަދު މެންދުރުފަހު ގޮތަބަޔަގެ އިސްތިއުފާ ރަސްމީކޮށް އިއުލާނު ކުރުމަށް ހަމަޖެހިފައިވާތީ އިސްތިއުފާއަށްފަހު ސްރީލަންކާގެ އިދާރާތަކުން ގޮތަބަޔަ ހައްޔަރު ކޮށްފާނެކަމުގެ ބިރު އޮތުމެވެ.

ސްރީލަންކާގެ ގާނޫނުތައް ބުނާގޮތުން ރައީސްކަމުގައި ހުންނެވިހާ ހިނދަކު އެގައުމުގެ ރައީސަކު ހައްޔަރެއް ނުކުރެވޭނެއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ރައީސް ބޭރަށް ފުރުން މަނާކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރުން ސްރީލަންކާގެ ގާނޫނުތައް މަނާ ނުކުރާކަމަށް ގާނޫނީ ވަކީލުން ވިދާޅުވެފައިވެއެވެ.

ގޮތަބަޔަ ދިވެހިރާއްޖެއަށް ފިއްލަވާފައިވަނީ އޭނާ ފުރުން މަނާކުރުމުގެ އަމުރެއް ހޯދުމަށް ސްރީލަންކާގެ ބަންޑާރަ ނައިބު އެގައުމުގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނިކޮށް ކަމަށް ބައެއް ޚަބަރުތައް ބުނެއެވެ. ގޮތަބަޔަ ގޮތް ހުސްވެގެން އަމިއްލަ ގައުމުން ފިއްލެވިއިރު އޭނާގެ އެއްވެސް ބާރެއް އަދި އަމުރެއް ސްރީލަންކާގެ މުއައްސަސާތަކަށް ނުހިނގާކަމަށް ވެއެވެ. ގައުމު އޮތީ ސިފައިންގެ ކޮންޓްރޯލްގެ ދަށުގައެވެ.

comment ކޮމެންޓް