ޕެނަލްޓީން ވިޔަރިބޯޅަ ބަލިކޮށް އޮބި ޓީމުން ފިރިހެން ޑިވިޝަންގެ ތަށި އުފުލާލައިފި

ސަން ސިޔާމް ކުޑަފަރީ ފުޓްސަލް ޗެލެންޖުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި މިލަދޫގެ އޮބި ޓީމުން ތަށި އުފުލާލަނީ --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

ނ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ "ސަން ސިޔާމް ކުޑަފަރީ ފުޓްސަލް ޗެލެންޖު 2022"ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ވެސް މިލަދޫގެ އޮބި ޓީމުން ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން އެ ޓީމުން ހޯދީ ކުޑަފަރީގެ ވިޔަރިބޯޅަ ޓީމާ ދެކޮޅަށް ފައިނަލް މެޗުގައި ކުޅެ މެޗުގެ ފުރިހަމަ ވަގުތު ހަމަވައިރު މެޗުގެ ނަތީޖާ 2-2 އިން އެއްވަރުވުމާ ގުޅިގެން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން 4-2 ނަތީޖާއަކުން މޮޅުވެގެންނެވެ.

ނ. ކުޑަފަރީ ފުޓްސަލް ދަނޑުގައި ކުޅުނު އެ މެޗު ވެގެންގޮސްފައިވަނީ ވަރަށް ފޯރިގަދަ ފައިނަލް މެޗަކަށެވެ. ދެ ޓިމުގެ ފަރާތުންވެސް ގޯލުޖަހާނެ ފުރުސަތުތައް ވަނީ ތަނަވަސް ކޮށްފައެވެ.

އެގޮތުން އޮބި ޓީމުގެ ކުޅުންތެރިއަކަށް ވިޔަރިބޯޅަ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުން ވިޔަރިބޯޅަ ޓީމުގެ ކީޕަރު އަތުގައި ޖެހިފައިވަނީ ނިކުމެފައެވެ. އަދި އޮބި ޓީމުގެ މޫސާ ހުމައިދު އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައި މެޗުގެ ފުރަތަމަ ގޯލު ވަނީ ކާމިޔާބުކޮށްފައެެވެ.

އެ ގޯލާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 ގެ ނަތީޖާއަކުން އޮބި ޓީމު ކުރީގައި އޮވެގެންނެވެ.

ނަމަވެސް ދެވަނަ ހާފު ފަށައިގެން ވިޔަރިބޯޅަ ޓީމުން ވަނީ ފުލުފުުލުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ވިޔަރިބޯޅަ ޓީމުގެ ހަސަން ޞާދިގު ނަގައިދިން ހުރަހަކުން އެ ޓީމުގެ މުޙައްމަދު ޖުނައިދު ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

ސަން ސިޔާމް ކުޑަފަރީ ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި އޮބިއާއި ވިޔަރި ބޯޅަ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

މީގެއިތުރުން މެޗުގެ ފަހު ވަގުތު ކޮޅުތެރޭގައި އޮބި ޓީމުން ވިޔަރިބޯޅަ ކުޅުންތެރިއަކަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ހިލޭ ޖެހުމަކުން އިބްރާހީމް ނިޔާޒް ވަނީ އެ ޓީމަށް ގޯލެއް ޖަހައިދީ މެޗުގެ ލީޑު އެ ޓީމަށް ނަގައިދީފައެވެ.

އެ ނަތީޖާއިން މެޗު ނިމެން ދަނިކޮށް ވިޔަރި ޓީމުގެ ނިޔާޒު ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލުން އަނެއްކާ މެޗުގެ ނަތިޖާ ވަނީ ހަމަހަމަވެފައެވެ.

އެ ނަތީޖާއެކު މެޗުގެ ދެވަނަ ހާފުނިމުމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ވަނީ ޖަހާފައެވެ. އެގޮތުން ފުރަތަމަ ޕެނަލްޓީ ޖެހީ ވިޔަރި ޓީމުގެ ނިޔާޒުއެވެ. އޭނާގެ ޕެނަލްޓީ އަމާޒުވީ މަތީ ދަނޑިއަށެވެ. އަދި އޮބި ޓީމުގެ ނަވީދު ޖެހި ޕެނަލްޓީ ވަނީ އޭނާ ކާމިޔާބުކޮށްފައެވެ.

ނަމަވެސް ވިޔަރި ޓީމުގެ ދަވަނަ ޕެނަލްޓީ އޮބި ޓީމުގެ ކީޕަރު ވަނީ މަތަ ކޮށްފައެވެ. އެ ޕެނަލްޓީ ޖެހީ ޞާދިގުއެވެ. އޮބި ޓީމުގެ ދެވަނަ ޕެނަލްޓީ ޝާފީ ވަނީ ކާމިޔާބުކޮށްފައެވެ.

ވިޔަރިބޯޅަ ޓީމުގެ ތިންވަނަ ޕެނަލްޓީ އެ ޓީމުން ކާމިޔާބުކޮށް މެޗު ކާމިޔާބުކުރުމުގެ އުންމީދު ވަނީ އާކޮށްފައެވެ. އެ ޕެނަލްޓީ ޖެހީ އެ ޓީމުގެ ކެޕްޓަން ޖުނައިދުއެވެ. އަދި އޮބި ޓީމުގެ އަލާން ވަނީ އެ ޓީމުގެ ތިންވަނަ ޕެނަލްޓީ ވެސް ކާމިޔާބުކޮށްފައެވެ.

ވިޔަރި ޓީމުގެ ހަތަރު ވަނަ ޕެނަލްޓީ ނާޖިހު ވަނީ ކާމިޔާބުކޮށްފައެވެ. ނަމަވެސް އޮބި ޓީމުގެ ޕެނަލްޓީ ކާމިޔާބުކުރުމާއެކު އެ ޓީމު ވަނީ މެޗުން މޮޅުވެފައެވެ.

ސަން ސިޔާމް ކުޑަފަރީ ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި އޮބިއާއި ވިޔަރި ބޯޅަ ޓީމު ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

މިރޭ ކުޅުނު ފައިނަލް މެޗު ޝަރަފްވެރި ކޮށްދެއްވީ އެ މުބާރާތުގެ ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަޙުމަދު ސިޔާމް މުޙައްމަދެވެ.

އެ މުބާރާތް ކާމިޔާބު ކުރުމުން އޮބި ޓީމައަށް ތައްޓާއި 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ. އެ އިނާމު އެ ޓީމާ ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން ސިޔާމްއެވެ.

"ސަން ސިޔާމް ކުޑަފަރީ ފުޓްސަލް ޗެލެންޖު 2022"ގައި ފިރިހެން ހަތް ޓީމު ބައިވެރިވެފައިވާއިރު އަންހެން ޑިވިޝަންގައި 12 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އަދި ފަސް ރަށަކުން 16 އަހަރުން ދަށުގެ ފަސް ޓީމެއް ވެސް ވަނީ ބައިވެރިވެފައެވެ.

comment ކޮމެންޓް