ގއ. ދާންދޫގައި މިރޭ ޢީދު މަޅި ރޯކުރަން އުޅުމުގެ ތެރޭގައި ދެ ޒުވާނަކު ފިހިއްޖެއެވެ.
ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް "ސަން"އަށް ވިދާޅުވީ ޢީދު މަޅި ރޯކުރަން އުޅުމުގެ ތެރޭގައި ފިހިފައި ވަނީ ޒުވާން ދެ ފިރިހެނުން ކަމަށެވެ.
"ދެ ކުދިންގެ ވެސް އަތާއި ފައި ފިހިފައި ވަނީ،" އޭނާ ވިދާޅުވިއެވެ.
އާސިފް ވިދާޅުވީ އެ ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާކަމަށެވެ. ނަމަވެސް ދެ ޒުވާނުން ވެސް ދާންދޫ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެއްކުއްޖަކަށް ހޮސްޕިޓަލުގައި ފަރުވާ ދީފަ މިހާރު ދޫކޮށްލައިފި. އަދިވެސް އަނެއްކުއްޖާއަށް ހޮސްޕިޓަލުގައި ފަރުވާދެނީ،" އޭނާ ވިދާޅުވިއެވެ.
އީދުމަޅީގައި ރޯކުރުމަކީ ހުވަދު އަތޮޅުގެ ރަށްތަކުގައި ޢީދު ފާހަގަ ކުރުމަށް އެންމެ ފުރަތަމަ ހިންގާ އެއް ހަރަކާތެވެ. އެގޮތުން ދުނބުރި ގަހާއި ކަށިކެޔޮ ގަހުގެ ގޮފިތަކާއި ހިކި ފަން އުސްކޮށް އެއްކުރުމަށް ފަހު، އޭގައި އީދު ވިލޭރޭ ރޯކުރެއެވެ.