ހިލްޓަންއަށް 20 މިލިއަނަށް ވުރެން ގިނަ ޑޮލަރު ދެއްކުމަށް އާބިޓްރޭޝަންއިން ސަން ޓްރެވަލްސްގެ މައްޗަށް ނިންމާފައިވާ ނިންމުން ތަންފީޒު ކުރުމަށް ސިވިލް ކޯޓުން މިދިޔަ އަހަރުގެ ޑިސެމްބަރުގައި ކުރި އަމުރު ހައިކޯޓުން މިއަދު ބާތިލްކޮށްފިއެވެ.
ނ. މެދުފުށީގައި ސަން އިން ތަރައްގީ ކޮށްފައިވާ، "ދަ ސަން ސިޔާމް އިރުފުށި މޯލްޑިވްސް" ރިސޯޓް މެނޭޖުކުރުމަށް ހިލްޓަންއާއެކު އެއްބަސް ވުމަކަށް އައީ 27 ފެބްރުއަރީ 2009 ގައެވެ. ރިސޯޓް ހިންގުމުގެ އެގްރިމެންޓާ ތަކުރާރުކޮށް ޚިލާފުވާ ކަމަށް ބުނެ ސަން ޓްރެވަލްސް އިން ވަނީ 30 އޭޕްރީލް 2013 ގައި އެ މެނޭޖްމަންޓް އެގްރީމެންޓް ބާތިލްކޮށްފައެވެ.
އެހެންވެ އެ މައްސަލަ ހިލްޓަންއިން އާބިޓްރޭޝަންއަށް ހުށަހެޅިއެވެ. ސިންގަޕޫރުގެ އާބިޓްރޭޝަންއިން ނިންމީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަން ޓްރެވަލްސް އިން ހިލްޓަންއަށް 24 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށެވެ.
އެ އަމުރު ރާއްޖޭގައި ތަންފީޒު ކުރުމަށް ރާއްޖޭގެ ކޯޓެއްގެ އަމުރެއް ބޭނުން ވާތީ ހިލްޓަންއިން، ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ސަން ޓްރެވަލްސްގެ މައްޗަށް އަމުރު ކުރީ އެއް މަސް ދުވަހުގެ ތެރޭގައި ހިލްޓަންއަށް ފައިސާ ދެއްކުމަށެވެ. ސިވިލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ އާބިޓްރޭޝަނުން އަންގާފައިވާ ގޮތަށް ފައިސާ ދައްކާފައި ނުވާތީ ޖޫރިމަނާ އެކު، 28 މިލިއަން ޑޮލަރަށް ވުރެން ގިނަ ފައިސާ ދެއްކުމަށެވެ.
އެހާތަނަށް ކޯޓުން އޮތީ ބެންކްތަކުގައި ހުރި ސަން ޓްރެވަލްސްގެ އެކައުންޓްތައް ފްރީޒުކޮށްގެން އެއް މިލިއަން ޑޮލަރަށް ވުރެން ގިނަ ފައިސާ ހޯދާފައެވެ.
ހިލްޓަންއަށް 28 މިލިއަން ޑޮލަރަށް ވުރެން ގިނަ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދައްކަން ސިވިލް ކޯޓުން ކުރި އަމުރު ސަން ޓްރެވަލްސް އިން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން މިއަދު ހުކުމްކޮށްފައި ވަނީ ސިވިލް ކޯޓުން ފައިސާ ދެއްކުމަށް ކުރި ހުކުމް ބާތިލް ކުރުމަށެވެ.
ފަނޑިޔާރު މުޙައްމަދު ފައިސަލް އާއި ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔުގައި ބުނެފައިވަނީ އާބިޓްރޭޝަންގެ ނިންމުމެއް ރާއްޖޭގައި ތަންފީޒު ކުރުމުގެ ކުރިން އެކަން ބަލައިގަތުމާމެދު ރާއްޖޭގެ ކޯޓްތަކުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހައި ކޯޓުން ކުރިން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެވޯޑް ބަލައިގަތުމަށް ނުނިންމާ، އެ އެވޯޑް ތަންފީޒު ކުރަން ނުފެށޭނެ ކަމަށް ރައުޔުގައިވެއެވެ.
ހައި ކޯޓުން މިގޮތަށް ހުކުމްކުރުމާއެކު ހިލްޓަންއަށް އާބިޓްރޭޝަންއިން އެ ބުނާ ފައިސާ ދައްކަން ޖެހޭނެ ކަމަށް ސަން ޓްރެވަލްސްގެ މައްޗަށް ރާއްޖޭގެ ކޯޓަކުން ކޮށްފައިވާ ހުކުމެއް މިހާރަކު ނެތެވެ.