އިންޖީނު ހުއްޓުނު ލޯންޗެއްގައި ތިބި 27 މީހަކު މާލެ ގެނެސްފި

ތެޔޮ ހުސްވެގެން އިންޖީނު ހުއްޓުނު ލޯންޗުގައި ތިބި މީހުން އެމްއެންޑީއެފްގެ ކޯސްޓުގާޑުގައި މާލެ ގެނައުމުގެ ތެރެއިން --- ފޮޓޯ/ އެމްއެންޑީއެފް

އެއްތިރީސް މީހުންނާއެކު މާލެ ދަތުރުކުރަމުން އައި ލޯންޗެއްގެ ތެޔޮ ހުސްވެގެން އިންޖީނު ހުއްޓުމާ ގުޅިގެން, އެ އުޅަނދުގައި ތިބި 27 މީހަކު މާލެ ގެނެސްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އއ. ފެރިދޫއިން ފުރައިގެން މާލެ ދަތުރުކުރަމުން އައި "އެރްވީނާ އަލޯހާ" ނަމަކަށް ކިޔާ އެ ލޯންޗު ހުއްޓުނީ ކ. ބޮލިފުށީގެ ހުޅަނގު އުތުރުން 14 ނޯޓިކަލް މޭލު ބޭރުންނެވެ. އެއާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓުގާޑު ސެކަންޑް ސްކޮޓްރަންގެ ސިފައިން އެ ސަރަޚައްދުގައި ހަރަކާތްތެރިވާން ފެށިއެވެ.

ތެޔޮ ހުސްވެގެން އިންޖީނު ހުއްޓުނު ލޯންޗު ކައިރީގައި އެމްއެންޑީއެފްގެ އުޅަނދެއް/ ފޮޓޯ/ އެމްއެންޑީއެފް

އެމްއެންޑީއެފްއިން ބުނީ އިންޖީނު ހުއްޓުނު އެ ލޯންޗުގައި ތިބި 27 މީހުން ކޯސްޓުގާޑުގެ ދެ އުޅަނދެއްގައި މިއަދު ހެނދުނު 10:16 ހާއިރު މާލެ ގެނެސްފައިވާ ކަމަށެވެ. އެ 27 މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިންނާއި ހަތް އަންހެނުން ހިމެނެއެވެ.

ބާކީ ހަތަރު މީހުންނަކީ ލޯންޗުގެ ފަޅުވެރިން ކަމަށާއި އެ މީހުންނާއެކު ލޯންޗު ތިލަފުއްޓަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

comment ކޮމެންޓް