ދެވަނަ ބުރުގައި ސަރުކާރުގެ ސްޓްރެޓަޖީއަކީ ދޮގު ހެދުން: މުއިއްޒު

ޑރ. މުހައްމަދު މުއިއްޒު ފެރިދޫގައި ވާހަކަ ދައްކަވަނީ --

އއ. ފެރިދޫން ޢާލިމް އަބްދުއްލަތީފް

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ދެވަނަ ބުރުގައި ގެންގުޅޭ ސްޓްރެޓަޖީއަކީ ދޮގު ހެދުން ކަމަށް ވިދާޅުވެ، ޕީޕީއެމް, ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ފާޑު ވިދާޅުވެއްޖެއެވެ.

މިއަދު ދެވަނަ ބުރުގެ ކެމްޕޭން އަތޮޅުތެރޭގައި ފައްޓަވައި، އއ. ފެރިދޫގައި ހުންނަވާ މުއިއްޒު ވިދާޅުވީ މި ސަރުކާރުން ވަރަށް ނޭއްގާނީ ކަންކަން ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި، ވަޒީފާތަކުގެ ބިރުދެއްކުން ހިމެނޭ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

"މިއިން ކޮންމެ ރަށެއްގައި މުވައްޒަފުން އެބަތިބި ވަރަށް ބައިވަރު ކުންފުނިތަކުގައި. އެ ބިރު ދޫކޮށްލަން އެބަ ޖެހޭ. ތަކުރާރުކޮށް މި ދަންނަވަނީ އެއްވެސް ވަޒީފާއަކުން ސިޔާސީ މަގާމަކުން ފިޔަވާ ވަތްކެއް ނުކުރާނަމޭ،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް 15 ދުވަހު ކެމްޕޭން ހަރަކާތްތަކުގައި އެ ވަޒީފާތަކުގައި ތިބި މީހުން ވެސް އުޅުމަށް އެދޭ ކަމަށެވެ. އަދި، ވަޒީފާއިން ވަކިިކުރި ނަމަވެސް، އޭނާގެ ވެރިކަމެއްގައި ވަޒީފާ އަނބުރާދޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

"ބިރު ދޫކޮށްލައްވާ، އެއްކޮށް ދޫކޮށްލައްވާ،" މުއިއްޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައްޔިތުން ތިބީ މި ސަރުކާރު ބަދަލުކުރަން ނިންމައިގެން ކަމަށާއި އެ ނިންމުން ފައިނަލް ކޮށްދިނުމަށް ނުކުތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މިއަދު އއ. ފެރިދޫގައި ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ ޕީޕީއެމް

"ދެން ދޮގު ހަދަނީ ވެސް ވަކިވަރެއް ބަަލައިފައެއް ނޫން. މިހާރު އަޅުގަނޑަށް ފާހަގަވަނީ މި ސަރުކާރުގެ ދެވަނަ ބުރުގެ ސްޓްރެޓަޖީއަކީ ދޮގުހެދުމުގެ ސްޓްރެޓަޖީ،" މުއިއްޒު ވިދާޅުވިއެވެ.

އެހެން ނަމަވެސް، ރައްޔިތުން މާ ހޭލުންތެރި ކަމަށާއި އެ ދައްކާ ވާހަކަތަކާ މެދު މާ ބޮޑަށް ކަންބޮޑުނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ހަގީގަތާ ހިލާފު އެތައް ވާހަކައެއް ކޮންމެ ދުވަހަކު ވެސް ފަތުރާ ކަމަށާއި އެ ވާހަކަތައް އަޑު އިވިއްޖެނަމަ އޭނާގެ ގާތުން އޮޅުން ފިލުވުމަށް ވެސް އޭނާ އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، އެ ވާހަކަތަކަކީ ރައްޔިތުންގެ ހިތުގައި ބިރު އުފައްދައިގެން ތާއީދު ކުޑަކުރުމަށް ދައްކާ ވާހަކަތަކެއް ކަމަށް ސިފަކުރެއްވިއެވެ.

ތާއީދު ހޯއްދެވުމަށް އދ. އަދި އއ. އަތޮޅުގެ އަށް ރަށަކަށް މުއިއްޒު މިއަދު ވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް