އޭސީ މިލާނަށް ކުޅެމުންއައި އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ފްރޭންކް ކެސީއާއި ޗެލްސީއަށް ކުޅެމުންއައި ޑެންމާކުގެ ޑިފެންޑަރު އަންޑްރޭސް ކްރިސްޓެންސަން ބާސެލޯނާއަށް ބަދަލުވެއްޖެއެވެ.
ބާސާއިން މިއަދު ހެނދުނު ކުރި ޓްވީޓެއްގައި އެ ޓީމުން ވަނީ ކެސީ އެ ޓީމަށް ބަދަލުވެފައިވާކަން ހާމަކޮށްފައެވެ. އަދި ދެންމެ ކުރި ޓުވީޓެެއްގައި އެ ޓީމުން ކްރިސްޓެންސަންގެ ސޮއި ހޯދާފައިވާކަން ވެސް ވަނީ އިއުލާނުކޮށްފައެވެ.
އެ ޓީމުން ބުނީ ކެސީއާއި ކްރިސްޓެންސަން އެ ޓީމާ ގުޅޭނީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ކަމަށެވެ. އެ ދެ ކުޅުންތެރިން އެ ޓީމަށް ގެނައީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.
ބާސާގެ ޓީމު އިތުރަށް ވަރުގަދަ ކުރުމަށް އަންނަ ސީޒަނަށް ގެނައި ފުރަތަމަ ކުޅުންތެރިޔާ ކެސީއަކީ ޒަމާނީ ފުޓުބޯޅައިގައި މެދުތެރޭގައި ތަފާތު މޮޅު ކުޅުންތެރިއެއްކަމަށް އެ ޓީމުން ޤަބޫލުކުރެއެވެ.
ކެސީ ހޯދަން ބޭނުންވާ ޓީމަކުން އޭނާ ގެންދިއުމަށް 500 މިލިއަން ޔޫރޯ ރިލީސް ފީގެ ގޮތުގައި ބާސާއަށް ދޭންޖެހޭގޮތަށް އެ ޓީމުން ވަނީ ހަމަޖައްސާފައެވެ. އެ ޓީމުން މުސާރައިގެ ގޮތުގައި ކެސީ އަށް ސީޒަނެއްގައި 6.5 މިލިއަން ޔޫރޯ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޗެލްސީއަށް ކުޅެމުންއައި ޑެންމާކުގެ ޑިފެންޑަރު އަންޑްރޭސް ކްރިސްޓެންސަން ---
ކްރިސްޓެންސަން އަކީ ބާސެލޯނާގެ ކޯޗު ޒަވީ ހަނާންޑޭޒް ވަރަށް ބޭނުންވާ ކުޅުންތެރިއެކެވެ. އޭނާ ހޯދުމަށް ބަޔާން މިއުނިކުން ވެސް ވަނީ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ.
ބަޔާން މިއުނިކް އިން އުމުރުން 25 އަހަރުގެ ޑިފެންޑަރު ގެންނަން މަސައްކަތްކުރަނީ މި ސީޒަނަށްފަހު ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވާ ނިކްލަސް ސޫލްގެ ބަދަލަށެވެ.
ކްރިސްޓެންސަންގެ ރިލީޒް ކަލައުސްއަކަށް ބާސާއިން ހަމަޖައްސާފައިވަނީ ވެސް 500 މިލިއަން ޔޫރޯއެވެ. އޭނާގެ މުސާރައިގެ ގޮތުގައި ކޮންމެ ސީޒަނަކަށް ހަ މިލިއަން ޔޫރޯ ލިބޭނެކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.