މާލޭން ބިމާއި ފްލެޓް ހޯދަން ހަފްތާއެއް ތެރޭ 3،000 ފޯމް

ހުޅުމާލެ: ބިމާއި ފްލެޓަށް އެދި 3،000 ފޯމް ވަނީ ހުށަހަޅައިފައި-- ސަން ފައިލް ފޮޓޯ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން މާލޭގެ ރަށްވެހިންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޯއްޗާއި ފްލެޓަށް އެދި، އެކަމަށް ހާއްސަ ކޮށްފައިވާ "ގެދޮރުވެރިން ޕޯޓަލް"އަށް 3،000 އަށް ވުރެން ގިނަ ފޯމް ހުށަހަޅައިފިއެވެ.

އެ ޕޯޓަލް އިފްތިތާހްކޮށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުއެވެ.

ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ މިހާތަނަށް 3،219 ފޯމް ލިބިފައިވާ ކަމަށެވެ.

https://sun.mv/166138

އޭގެ ތެރެއިން ބިމަށް އެދުނު މީހުންގެ އަދަދާއި ފްލެޓަށް އެދުނު މީހުންގެ އަދަދު ވަކިން އަދި ހާމައެއް ނުކުރެއެވެ.

މި ސްކީމްގެ ދަށުން ގޯއްޗަށް ކުރިމަތިލާ ފަރާތްތަކުގެ ވަކި ހާއްސަ ޝަރުތުތަކެއް ހުންނަން ޖެހެއެވެ. އަދި، އަމިއްލަ ގޮތުންނާއި، ގިނަ ބަޔަކު ބައިވެރިވެގެން ވެސް ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިގޮތަށް ބައިވެރިވެގެން ހުށަހެޅޭނީ އެއް އާއިލާއެއްގެ މީހުން ނުވަތަ އެއް ގޯއްޗެއްގެ ބެހެނިވެރިން ކަމުގައިވާ މީހުންނަށެވެ. އެ އެންމެންގެ ޝަރުތު ވެސް ފުރިހަމަ ވާންޖެހެއެވެ.

ގޯއްޗަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަނަކަށް ލިބޭ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1250 އަކަ ފޫޓެވެ. އެޕްލިކޭޝަނުގައި ބައިވެރިވާ މީހުންގެ އަދަދަށް ބަލާ ގޯތީގެ ސައިޒު ބޮޑުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، އެންމެ ބޮޑު ސައިޒެއްކަމަށް ކަނޑައަޅާފައިވަނީ 4000 އަކަފޫޓެވެ.

ގޯއްޗަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް

* މާލެ ފިޔަވާ އެހެން ތަނެއްގައި އެއްވެސް އިރަކު ރަށްވެހިވެފައި ނުވުން
* އުމުރުން 18 އަހަރު ފުރިފައިވުން
* އަމިއްލަ ނަމުގައި ރެޖިސްޓްރީވެފައި އޮތް 600 އަކަ ފޫޓަށްވުރެ ބޮޑު ގޯއްޗެއް މާލެ ސަރަހައްދުގައި ނެތުން
* އަމިއްލަ ނަމުގައި ރެޖިސްޓްރީވެފައި އޮތް 600 އަކަ ފޫޓަށްވުރެ ކުޑަ ގޯއްޗެއް މާލެ ސަރަހައްދުގައި އޮތް ނަމަ، އުސޫލުގެ ދަށުން ދޫކޮށްލުން
* ސަރުކާރުގެ ސޯޝަލް ހައުސިން ލިބިފައި ނެތުން
* މާލެ ސަރަހައްދުގައި ވާރުތައިން ލިބެން އޮތް ބަންޑާރަ ބިން ދޫކޮށްލުން
* މާލެ ސަރަހައްދުގައި އަމިއްލަ ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީފައި ނުވަތަ ވިއްކާލާފައި ނުވުން

އެ ޕޯޓަލް މެދުވެރިކޮށް ދެން ފުރުސަތު ހުޅުވާލީ ހުޅުމާލޭގައި އަލަށް އިމާރާތް ކުރާ 4،000 ފްލެޓަށް ކުރިމަތި ލުމަށެވެ.

ފްލެޓަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް

* ދިވެހި ރައްޔިތަކަށްވުން
* އުމުރުން 18 އަހަރު ފުރިފައިވުން
* މާލޭގެ ރަށްވެއްސެއްގެ ގޮތުގައި، ނުވަތަ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވުން
* ކުރިމަތިލާ ފަރާތްތަކަކީ 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ގަނެފައިވާ، ނުވަތަ ގަންނަން އެއްބަސްވެ، ފައިސާ ދައްކަން ފަށާފައިވާ ފަރާތަކަށް ނުވުން
* މާލޭގައި ދިރިއުޅުމަށް ހޯދާފައިވާ 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް މީހަކަށް ދީ، ނުވަތަ ވިއްކާފައިވާ ފަރާތަކަށް ނުވުން
* ސަރުކާރުގެ ސޯޝަލް ހައުސިން މީގެ ކުރިން ލިބިފައި ނުވުން
ކުރިމަތިލާ ފަރާތްތައް ވަކިން، ޖުމްލަ އާމްދަނީ 60،000އަށްވުރެ އިތުރު ނުވުން

މާލޭ ރައްޔިތުންނަށް އެއްވެސް އަގަކާ ނުލައި ބިން ދޫކުރަން ސަރުކާރުން ނިންމާފައިވާތީ ބައެއް މީހުން އަންނަނީ އެކަމާ ދެކޮޅު ހަދަމުންނެވެ. އެގޮތުން ވަކި ރަށެއްގެ ބަޔަކަށް އެގޮތަށް ހިލޭ މާލޭން ބިން ދިނުމަކީ އިންސާފެއް ނޫން ކަމަށް އެ މީހުން ބުނެއެވެ.

މާލޭ ރައްޔިތުންނަށް ދޫކުރާ ބިމާއި ފްލެޓަށް އެދި ހުށަހަޅަން ދީފައިވާ މުއްދަތު ހަމަވަނީ ސެޕްޓެމްބަރު 26އަށެވެ.

comment ކޮމެންޓް