މާލޭ މީހުންނަށް ދޫކުރާ 3000 ގޯއްޗަށް ކުރިމަތިލުމަށް ހާއްސަ ޕޯޓަލެއް

ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް -- ފޮޓޯ/ ޕްލޭނިން މިނިސްޓަރު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން މާލޭގެ ރަށްވެހިންނަށް ދޫކުރުމަށް ހަމަޖެހިފައިވާ 3000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލައި، އެކަމަށް ހާއްސަ ޕޯޓަލެއް މިއަދު އިފްތިތާހުކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕޯޓަލް އިފްތިތާހުކޮށްދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

މި ސްކީމްގެ ދަށުން ގޯއްޗަށް ކުރިމަތިލާ ފަރާތްތަކުގެ ވަކި ހާއްސަ ޝަރުތުތަކެއް ހުންނަން ޖެހެއެވެ. އަދި، އަމިއްލަ ގޮތުންނާއި، ގިނަ ބަޔަކު ބައިވެރިވެގެން ވެސް ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިގޮތަށް ބައިވެރިވެގެން ހުށަހެޅޭނީ އެއް އާއިލާއެއްގެ މީހުން ނުވަތަ އެއް ގޯއްޗެއްގެ ބެހެނިވެރިން ކަމުގައިވާ މީހުންނަށެވެ. އެ އެންމެންގެ ޝަރުތު ވެސް ފުރިހަމަ ވާންޖެހެއެވެ.

ގޯއްޗަށް އެދި ހުށަހަޅާ ކޮންމެ އެޕްލިކޭޝަނަކަށް ލިބޭ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1250 އަކަ ފޫޓެވެ. އެޕްލިކޭޝަނުގައި ބައިވެރިވާ މީހުންގެ އަދަދަށް ބަލާ ގޯތީގެ ސައިޒު ބޮޑުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، އެންމެ ބޮޑު ސައިޒެއްކަމަށް ކަނޑައަޅާފައިވަނީ 4000 އަކަފޫޓެވެ.

ގޯއްޗަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް

  • މާލެ ފިޔަވާ އެހެން ތަނެއްގައި އެއްވެސް އިރަކު ރަށްވެހިވެފައި ނުވުން
  • އުމުރުން 18 އަހަރު ފުރިފައިވުން
  • އަމިއްލަ ނަމުގައި ރެޖިސްޓްރީވެފައި އޮތް 600 އަކަ ފޫޓަށްވުރެ ބޮޑު ގޯއްޗެއް މާލެ ސަރަހައްދުގައި ނެތުން
  • އަމިއްލަ ނަމުގައި ރެޖިސްޓްރީވެފައި އޮތް 600 އަކަ ފޫޓަށްވުރެ ކުޑަ ގޯއްޗެއް މާލެ ސަރަހައްދުގައި އޮތް ނަމަ، އުސޫލުގެ ދަށުން ދޫކޮށްލުން
  • ސަރުކާރުގެ ސޯޝަލް ހައުސިން ލިބިފައި ނެތުން
  • މާލެ ސަރަހައްދުގައި ވާރުތައިން ލިބެން އޮތް ބަންޑާރަ ބިން ދޫކޮށްލުން
  • މާލެ ސަރަހައްދުގައި އަމިއްލަ ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީފައި ނުވަތަ ވިއްކާލާފައި ނުވުން

އެ 3000 ގޯތީގެ އިތުރުން ހުޅުމާލޭގައި މިހާރު އިމާރާތްކުރަމުންދާ 4000 ފްލެޓަށް ވެސް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.

ފްލެޓަށް ކުރިމަތިލާ މީހުންގެ ޝަރުތުތައް

  • ދިވެހި ރައްޔިތަކަށްވުން
  • އުމުރުން 18 އަހަރު ފުރިފައިވުން
  • މާލޭގެ ރަށްވެއްސެއްގެ ގޮތުގައި، ނުވަތަ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވުން
  • ކުރިމަތިލާ ފަރާތްތަކަކީ 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ގަނެފައިވާ، ނުވަތަ ގަންނަން އެއްބަސްވެ، ފައިސާ ދައްކަން ފަށާފައިވާ ފަރާތަކަށް ނުވުން
  • މާލޭގައި ދިރިއުޅުމަށް ހޯދާފައިވާ 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް މީހަކަށް ދީ، ނުވަތަ ވިއްކާފައިވާ ފަރާތަކަށް ނުވުން
  • ސަރުކާރުގެ ސޯޝަލް ހައުސިން މީގެ ކުރިން ލިބިފައި ނުވުން
  • ކުރިމަތިލާ ފަރާތްތައް ވަކިން، ޖުމްލަ އާމްދަނީ 60،000އަށްވުރެ އިތުރު ނުވުން
comment ކޮމެންޓް