ގްލޯބަލް ޕީސް ޓޫރިޒަމް ފޯރަމް އެންޑް އެވޯޑްސް ނިންމާލައިފި

ގްލޯބަލް ޕީސް ޓޫރިޒަމް ފޯރަމް ނިންމާލުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ ރަފީ

ގްލޯބަލް ޕީސް ޓޫރިޒަމް ފޯރަމް އެންޑް އެވޯޑްސް 2022 ކާމިޔާބުކަމާއެކު އިއްޔެ ނިންމާލައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ އެ ފޯރަމަކީ ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ)އާއި އިންޓަނޭޝަނަލް ޔޫތު ޑިވެލޮޕްމަންޓް ކައުންސިލް (އައިވައިޑީސީ)ގެ އިތުރުން، ސުލްހަ ގާއިމްކުރުމަށް ޒުވާނުންނާއެކު މަސައްކަތްކުރާ އެކިއެކި ޖަމިއްޔާތައް ގުޅިގެން ބޭއްވި ފޯރަމެކެވެ.

އެ ފޯރަމަކީ 20އަށް ވުރެ ގިނަ ގައުމުގައި ސުލްހައަށް މަސައްކަތް ކުރާ ސްޓޭކްހޯލްޑަރުންނާއި ޑިޕްލޮމެޓުންނާއި ވަކީލުންނާއި ސިޔާސީ ބޭފުޅުންނާއި ވިޔަފާރިވެރިންނާއި ހޮސްޕިޓަލިޓީގެ ޕްރޮފެޝަނަލުން ހިމެނޭ ގޮތަށް، އިންސާނީ ހައްގުތަކާއި ސުލްހަ ގާއިމުކުރުމާއި ވިލުންވެރިކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ފޯރަމެކެވެ.

އެ ފޯރަމް ނިންމާލުމަށް އިއްޔެ މެންދުރު 11:30އިން 12:30އަށް ސޯޝަލް ސެންޓަރުގެ ސެމިނާ ހޯލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ނާސިހެވެ.

ގްލޯބަލް ޕީސް ޓޫރިޒަމް ފޯރަމް ނިންމާލުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ ރަފީ

އެ ފޯރަމްގައި ތަޖުރިބާކާރު ސްޕީކަރުން ހިމެނޭހެން ތިން ޕެނަލް ބޭއްވި އިރު ބައިވެރިވި ގައުމުތަކުން ވަނީ ތަފާތު ޚިޔާލުތަކާއި ތަޖުރިބާ ހިއްސާކޮށްފައެވެ.

އެ ފޯރަމްގައި "ޕްރެސްޓިޖިއަސް ޕީސް އެވޯޑްސް" ވެސް ވަނީ ދީފައެވެ. އެއީ ނަމޫނާ މަސައްކަތުން އެހެން މީހުންގެ ދިރިއުޅުން ވަރަށް ބޮޑަށް ރަނގަޅުކޮށްދީފައިވާ ލީޑަރުންނަށް އަގު ވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.

އެ އެވޯޑު ލިބުނު ފަރާތްތަކުގެ ތެރޭގައި ހިމެނެނީ:

  • މުޙައްމަދު ޒާހިދު، ޔޫތު ޑިވެލޮޕްމަންޓް އެޑްވޮކޭޓް، ޖެންޑާ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަދި ހިއުމަން ރައިޓްސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް.
  • އިންޑިއާގެ މިސްޓަ ރާޗިތު ރާޗިތު، ކޯޕަރޭޓް ސްޕާ އަދި ވެލްނެސް ޓްރެއިނާ.
  • ކެނެޑާގެ މިސް އެޑްރިއާނާ ލަވެރާ، ވިޔަފާރިވެރިޔާ ކޮންސަލްޓަންޓް، ކޯޕަރޭޓް ލާނިން އެންޑް ޑިވެލޮޕްމަންޓް މެނޭޖާ
  • އިނގިރޭސި ވިލާތުގެ މިސް ހައިޑީ ގްރިމްވުޑް، ގްލޯބަލް ޕީސް އިންސްޓިޓިއުޓް ޔޫކޭގެ ފެލޯ، އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ސްޕާގެ ވައިސް ޕްރެޒިޑެންޓް.
  • ފިލިޕީންސްގެ މާރިއޯ އޯ ކުއިންޓް، ރީޖަނާ ޓްރައިއަލް ކޯޓުގެ ގޮފި 12އިގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު.
  • ޑރ.އެމްޑީ އަނަމުލް ހޯކް - އެޑްވޮކޭޓް-ސްޕްރީމް ކޯޓް އޮފް ބަންގްލަދޭޝް، ފައުންޑާ ޗެއާމަން އެންޑް ސީއީއޯ އޮފް އެކްސެސް ޓު ހިއުމަން ރައިޓްސް އިންޓަނޭޝަނަލް (އޭއެޗްއާރުއައި) ބަންގްލަދޭޝް.
  • މިސް ރޫތު ފްރެންކްލިން - ކޯ ފައުންޑާ ސީކްރެޓް ޕެރަޑައިސް މޯލްޑިވްސް، ސަސްޓެއިނަބަލް ޓޫރިޒަމް ސްޕެޝަލިސްޓް.
  • ހައްވާ ޝަހީނާ މުޙައްމަދު، ސެޓްފިކެޓް ލިބިފައިވާ ލީޑަޝިޕް/އެގްޒެކެޓިވް ކޯޗު، ސްޕީކަ އެންޑް ޓްރެއިނަ.

ގްލޯބަލް ޕީސް ޓޫރިޒަމް ފޯރަމް ނިންމާލުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ/ ރަފީ

އެ ރަސްމިއްޔާތުގައި ރަފީ ޖަމިއްޔާގެ ރައީސް، ޑރ. އައިޝަތު ރަފިއްޔާ ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަހުން ދުވަހަށް ޒުވާން ވަމުންދާ ކަމަށެވެ.

"ޒުވާނުންގެ އަޑު އަހަން ޖެހޭ. އެމީހުން ބޭނުންވަނީ އެމީހުންނަށާއި މުޅި މުޖުތަމައަށް ވެސް ކަރާމާތްތެރި ދިރިއުޅުމެއް ހޯދަން،" ޑރ. ރަފިއްޔާ ވިދާޅުވިއެވެ.

އެ ފޯރަމުގެ ބައިވެރިން ތަމްސީލުކުރި 22 ގައުމުގެ ތެރޭގައި ފަލަސްތީން، ސީރިއާ އަދި ސޫދާން ހިމެނެއެވެ.

comment ކޮމެންޓް