ނ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ "ސަން ސިޔާމް ކުޑަފަރީ ފުޓްސަލް ޗެލެންޖު" 2022ގެ ފުރަތަމަ މެޗު ފަހަތުން އަރައި ލަންދޫ އެފްސީން ކާމިޔާބުކޮށްފިއެވެ.
މިއަދު ހަވީރު ކުޑަފަރީ ފުޓްސަލް ދަނޑުގައި ކުޅުނު މުބާރާތުގެ ފުރަތަމަ މެޗު 3-5ގެ ނަތީޖާއަކުން ލާންދޫ އެފްސީން ކާމިޔާބުކުރީ ކުޑަފަރީގެ ގަދަ ހައެއް ޓީމާ ވާދަކޮށެވެ.
ގަދަ ވިއްސާރައިގަައި ކުޅުނު އެ މެޗު ފަށައިގެން މޮޅަށް ކުޅެ ފުރަތަމަ ލީޑު ނަގައިފައިވަނީ ގަދަ ހައެއް ޓީމުންނެވެ. އެ ޓީމުން ވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު ދެ ގޯލު ޖަހައި ލަންދޫ ޓީމު ހާސްކޮށްލާފައެވެ.
ލަންދޫ ޓީމުގެ ޑިފެންސް ލައިނުން ހެދި ގޯހެއްގެ ބޭނުންހިފައި މެޗުގެ ފުރަތަމަ ގޯލު ޖަހައިފައިވަނީ ގަދަ ހައެއްގެ އަބޫބަކުރު ހިލްމީއެވެ.
މެޗުގެ ދެވަނަ ގޯލަކީ ވެސް ލަންދޫ ޓީމަށް ހެދުނު ގޯހަކުން ގަދަ ހައެއް ޖެހި ގޯލެކެވެ. އެ ގޯލު ޖަހައިފައިވަނީ އަލީ ފާއިޒެވެ.

ނ. އަތޮޅު ރަށްތަކަށް ހުޅުވާލައިގެން ބާއްވާ "ސަން ސިޔާމް ކުޑަފަރީ ފުޓްސަލް ޗެލެންޖު" ފެށުމުގެ ގޮތުން މިއަދު ކުޅުނު މެޗްގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ނަމަވެސް ލަންދޫ ޓީމުގެ ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ އެ ޓީމުގެ ފުރަތަމަ ގޯލު ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އެ ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހުސައިން އަހުނަފް އަލީއެވެ.
ފުރަތަމަ ފަހަރަށް ލަންދޫ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ގޯލު ޖަހައިދީފައިވަނީ އަހުމަދު އަފްޒަލްއެވެ. އަދި އެ ޓީމަށް މެޗުގެ ލީޑު ނަގައިދީފައިވަނީ މުޙައްމަދު ސައީދެވެ.

ނ. އަތޮޅު ރަށްތަކަށް ހުޅުވާލައިގެން ބާއްވާ "ސަން ސިޔާމް ކުޑަފަރީ ފުޓްސަލް ޗެލެންޖު" ފެށުމުގެ ގޮތުން މިއަދު ކުޅުނު މެޗްގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
ލަންދޫ ޓީމުގެ ހަތަރު ވަނަ ކޯލު ޖަހާފައި ވަނީ މުޙައްމަދު ސައީދެވެ. އަދި އެ ޓީމުގެ ފަހު ގޯލު ޖަހައިފައިވަނީ އަހުމަދު ސަމޫންއެވެ. އެ ގޯލަކީ ލިބުނު ޕެނަލްޓީއަކުން އޭނާ ޖެހި ގޯލެކެވެ.
އެ މެޗުގައި ގަދަ ހައެއް ޓީމުގެ ތިންވަނަ ގޯލު ޖަހައިފައިވަނީ މެޗުގެ ފުރަތަމަ ގޯލުޖެހި އަބޫބަކުރު ހިލްމީއެވެ.

ނ. އަތޮޅު ރަށްތަކަށް ހުޅުވާލައިގެން ބާއްވާ "ސަން ސިޔާމް ކުޑަފަރީ ފުޓްސަލް ޗެލެންޖު" ފެށުމުގެ ގޮތުން މިއަދު ކުޅުނު މެޗްގެ މޮޅު ކުޅުންތެރިޔާއަށް ސިޔާމް އިނާމު ހަވާލުކޮށްދެއްވަނީ --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން
"ސަން ސިޔާމް ކުޑަފަރީ ފުޓްސަލް ޗެލެންޖު 2022"ގައި ފިރިހެން ހަތް ޓީމު ބައިވެރިވެފައިވާއިރު އަންހެން ޑިވިޝަންގައި 12 ޓީމަކުން ވަނީ ބައިވެރިވެފައެވެ. އަދި ފަސް ރަށަކުން 16 އަހަރުން ދަށުގެ ފަސް ޓީމު ވަނީ އެ މުބާރާތުގައި ބައިވެރިވެފައެވެ.