މި އަހަރުގެ އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ކ. ގުޅީގައި "ގުޅީ ބޮޑު ޢީދު 1443"ގެ ނަމުގައި ކުލަގަދަކޮށް ޢީދު ކުޅިވަރު ކުޅުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.
ގުޅީ ކައުންސިލްގެ ރައީސް މުސާ ސަފީލް "ސަން"އަށް ވިދާޅުވީ މި އަޟްހާ ޢީދަށް އެރަށަށް އަންނަ މެހެމާނުންނަށް ތަފާތު މަޖާ ހިތްގައިމު ޢީދަކަށް މި ޢީދު ވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ ޢީދު ދުވަހުގެ ހަރަކާތްތައް ފެށުމަށްޓަކައި ޢީދު ވިލޭރޭ ވެދުމާދިއުން އޮންނާނެކަމަށެވެ. އަދި ހަމަ އެރޭ ޢީދުގެ ޘަޤާފީ "ޢީދު ބަޑި" ޖެހުން އޮންނާނެކަމަށް ވެސް ވިދާޅުވިއެވެ.
ޒަމާނުއްސުރެ ހިފަހައްޓަމުން އަންނަ ޘަޤާފީ އާދަކާދަތައް ދިރުވާއާލާކުރުމަށް ލޯބިކުރާ ގުޅީ ކައުންސިލުން ބުނިގޮތުގައި އަޟްޙާ ޢީދުގެ އެންމެ ހާއްސަ ކަމަކީ ބޮޑުޖަމާޢަތުގައި ޢީދު ނަމާދު ކުރުމެވެ. އަދި އެއަށްފަހު ރަށުގެ ރައްޔިތުންނާއި ރަށަށް ވަޑައިގަންނަވާ އެންމެހާ މެޙްމާނުންނަށް ޙާއްސަކުރެވިފައިވާ "އެއް ޖަމާއަތުގެ ޢީދު ސައި" އޮންނާނެއެވެ.
އެއަށްފަހު އީދުގެ އެންމެހާ ހަރަކާތްތަކެއް ފެށިގެން ފޯރިއާ އެކު ރަށުގައި ކުރިއަށްދާނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ގުޅީ ކައުންސިލާއި ރަށުގެ ރައްޔިތުންނާ ގުޅިގެން ފާހަގަކުރާ ޢީދުގައި ސަގާފީ ލަނގެރި ޖެހުމުގައި މުޅި ރާއްޖޭގެ މަޝްހޫރުކަން ހޯދައިފައިވާ ދިއްގަރު ޒުވާނުންގެ ޖަމްއިއްޔާގެ ލަނގެރީގެ ފަރިހަރަކާތްތައް އެކުލެވޭ ތަފާތު ޝޯވް އެއްވެސް ކުރިއަށް ގެންދިއުމަށް ކައުންސިލުން ވަނީ އިންތިޒާމު ކޮށްފައެވެ.
ޢީދުގެ ކޮންމެ ކުޅިިވަރަކީ ވެސް ރައްޔިތުންގެ ބައިވެރިވުމާއެކު ކުޅޭ ކުޅިވަރުތަކަކަށް ވާއިރު ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ވެސް އެ ކުޅިވަރުތަކުގައި ބައިވެރިވެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ގުޅީ އަޟްހާ ޢީދު 1443 ގެ ޚާއްސަ އެއްކަމަކީ އެ ރަށުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކުޅިވަރު ފެސްޓިވަލަވެ. އެ ފެސްޓިވަލްގައި ސަގާފީ ހަރަކާތްތަކުގެ އިތުރުން ޒަމާނީ ކުޅިވަރުތައް ވެސް ކުޅެވޭނެކަމަށް އެރަށު ކައުންސިލުން ބުނެއެވެ. އެގޮތުން ގިރިސް ދަނޑިއަށް އެރުމާއި، ވޮލީ މެޗާއި ވާދަމެން ފަދަ ތަފާތު އެތަށް ކުޅިވަރެއް ކުޅެވޭނެކަމަށް ކައުންސިލުން ބުންޏެވެ.
ގުޅީ އަޟްހާ ޢީދު 1443ގައި ސްޓޭޖު ޝޯތަކެއް ބާއްވަން ހަމެޖެހިފައިވާއިރު އެ ޝޯތަކުގައި ތަފާތު އެކި ފަންނާނުންގެ ހުށަހެޅުންތައް ފެންނާނެކަމަށް ކައުންސިލުން ބުނެއެވެ. އަދި މީގެ އިތުރަށް ބޮޑުމަސް ބޭނުމާއި މާލި ނެށުން ފަދަ ފޯރިގަދަ އެކަތެއް ޙަރަކާތްތަކެއް އަދިވެސް އެބަހުރިކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި ޝޯތަކާއިި އެހެނިހެން އިވެންޓްތައް ހުށަހަޅައިދޭނީ ޝޯތައް ހުށަހެޅުމުގައި މަގުބޫލުކަން ހޯދައިފައިވާ މަޝްހޫރު ޕްރެޒެންޓަރު މޫސާ ވަސީމެވެ.