ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބައިޓްޑާންސްއިން ޓިކްޓޮކް ވިއްކާލުމަށް އެއްބަސްވުމަކަށް އާދެވޭތޯ މަސައްކަތްކުރުމަށްޓަކައި ޗައިނާއަށް ކުރިން ކަނޑައަޅާފައިވާ ޓެރިފް ކުޑަކޮށްދިނުމަށް ތައްޔާރަށް ހުންނެވި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ 170 މިލިއަން ރައްޔިތުން ބޭނުންކުރާ ޓިކްޓޮކް އެޕް ޗައިނާ ނޫން ފަރާތަކަށް ވިއްކާލުމަށް އެޕްރީލް ފަސް ވަނަ ދުވަހުގެ ސުންގަޑިއެއް ބައިޓްޑާންސްއަށް ވަނީ ދީފައެވެ. އަދި އެގޮތަށް ނުވެއްޖެނަމަ ޤައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ، 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ތަންފީޒުކުރަން ހަމަޖެހިފައިވާ ޤާނޫނެއްގެ ދަށުން އެމެރިކާގައި ޓިކްޓޮކް މަނާކުރާނެއެވެ.
އެމެރިކާ ސަރުކާރުގައި ކަންބޮޑުވުން އުފެދިފައި ވަނީ ބައިޓްޑާންސްގެ ޓިކްޓޮކްގެ މިލްކުވެރިކަމުގެ ސަބަބުން، ޗައިނާގެ ސަރުކާރަށް އެ އެޕް ބަރޯސާވެފައިވާ ކަމަށާއި، ޗައިނާއިން އެމެރިކާއާ ދެކޮޅަށް ނުފޫޒު ފޯރުވުމުގެ މަސައްކަތްތަކެއް ހިންގުމަށާއި އެމެރިކާގެ ރައްޔިތުންގެ މައުލޫމާތު އެއްކުރުމަށް އެޕް ބޭނުންކޮށްފާނެތީއެވެ.
ޓްރަމްޕް ވިދާޅުވީ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ވެސް އެޕްރީލް މަހުގެ ސުންގަޑި އިތުރުކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
"އެ މައްސަލަ ނިންމުމަށްޓަކައި ޗައިނާއަށް ޓެރިފް ކުޑަކޮށް ދިނުމަށް ވިސްނިދާނެ," ޓްރަމްޕް ނޫސްވެރިންނަށް ވިދާޅުވިއެވެ.
ޓްރަމްޕްގެ މި ބަސްފުޅުން ދޭހަވަނީ ޓިކްޓޮކް ވިއްކާލުމަކީ އޭނާގެ ސަރުކާރުން އިސްކަމެއް ދޭ ކަމެއް ކަމަށާއި، ޓެރިފް ކުޑަކޮށްގެން ނަމަވެސް ޓިކްޓޮކް އެމެރިކާގައި ސަލާމަތް ކުރުމަށް ބޭނުންވާ ކަމެވެ.
ފެބްރުއަރީ މަހާއި މި މަހުގެ ކުރީކޮޅު، ޓްރަމްޕް ވަނީ ޗައިނާއިން ކުރާ ހުރިހާ އިމްޕޯޓްތަކަށް ކުރިން ހުރި ޓެރިފްތަކުގެ އިތުރުން ޖުމްލަ 20 ޕަސެންޓް އިތުރުކުރައްވާފައެވެ.
މީގެ ކުރިން ވެސް ޓްރަމްޕް ވަނީ ޓިކްޓޮކްއާ ގުޅޭ މަޝްވަރާތަކުގައި ޓެރިފް ކުޑަކުރުމުގެ ވާހަކަ ދައްކަވާފައެވެ.
ރޮއިޓާސްއިން ފާއިތުވި ހަފުތާގައި ރިޕޯޓްކޮށްފައިވަނީ ވައިޓް ހައުސްގެ އިސްނެގުމުގެ ދަށުން އިންވެސްޓަރުންގެ މެދުގައި, އެ އެޕްގެ އެމެރިކާގެ އޮޕަރޭޝަންތައް ގަތުމުގެ ޕްލޭނެއްގެ މައްޗަށް މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.