ކޮވިޑާހެދި މިފަހަރު ޢީދުގައި ހަވާ އެރުވުމާއި ޢީދު ޝޯ ނުބާއްވަން ނިންމައިފި

ހުޅުމާލޭގައި ހަވާ އަރުވަނީ: ކޮވިޑާހެދި މިފަހަރުގެ ހަވާ އެރުވުމާ ޢީދު ޝޯ ނުބާއްވަން އެޗްޑީސީން ވަނީ ނިންމާފަ ---

ކޮވިޑު ކޭސްތައް ރާއްޖޭގައި ގިނަވާތީ މި ފަހަރު ޢީދު ކުޅިވަރުގެ ތެރެއިން ހުޅުމާލޭގައި ބާއްވަން ތައްޔާރުވަމުން އައި ހަވާ އެރުވުމާއި ޢީދު ޝޯ ނުބާއްވަން ނިންމައިފިއެވެ.

ގިނަ ދުވަސް ތަކަކަށްފަހު، ރާއްޖެއިން ކޮވިޑު ޖެހޭ މީހުންގެ އަދަދު މިވަނީ އަނެއްކާވެސް ގިނަވާން ފަށާފައެވެ. އެގޮތުން މިދިޔަ ހަފްތާގައި މުޅި ރާއްޖެއިން އަލަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 1،202އަށް އަރައެވެ.

އެޗްޑީސީން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައި މި ދުވަސްވަރު ކޮވިޑު ޖެހޭ މީހުން ގިނަވަމުން އަންނާތީ އެއްތަނަކަށް ގިނަ ބަޔަކު އެއްވެގެން ކުޅޭ ކުޅިވަރުތައް މަޑުޖައްސާލަން ނިންމާފައިވާ ކަމަށެވެ. އެގޮތުގެ މަތިން މިފަހަރުގެ ޢީދު ފާހަގަ ކުރުމަށް ހުޅުމާލޭގައި ބާއްވާ އެންމެ ބޮޑު ހަރަކާތް ކަމުގައިވާ ހަވާ އެރުވުމާ ޢީދު ޝޯ ނުބާއްވަން ނިންމީ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީގެ އިންފޮމޭޝަން އޮފިސަރު އަލީ މަޝާރު "ސަން"އަށް ވިދާޅުވީ ހުޅުމާލޭގައްޔާއި މާލޭގައި ޢީދު ފާހަގަ ކުރުމުގެ ގޮތުން ކުޅިވަރުގެ ހަރަކާތްތައް ބާއްވަން ބޭނުންވާ ފަރާތްތަކަށް ފުރިހަމަ އެއްބާލުން ދޭނެ ކަމަށެވެ.

"އެ ކުޅިވަރުތަކުގައި ބައިވެރިވާން ދާ ފަރާތްތަކުން ވެސް އެޗްޕީއޭ އިން އަންގާ ގޮތަށް ގައިދުރުކަމަށް ސަމާލުކަންދީ ރަނގަޅަށް މާސްކު އެޅުން އެދެން. އަޅުގަނޑުމެންގެ އިސްތިމާސަކީ އެއްތާކަށް ގިނަ ބަޔަކު އެއްވެގެން ކުޅޭ ކުޅިވަރުތައް މަލޭގައި ވެސް މި ހާލަތުގައި މަޑުޖައްސައިލުން،" މަޝާރު ވިދާޅުވިއެވެ.

އެޗްޕީއޭ އިން މައުލޫމާތު ދޭ ގޮތުގައި މި މަހުގެ 19 ވަނަ ދުވަހާއި، 25 ވަނަ ދުވަހާ ދެމެދު މާލެ ސަރަހައްދުން 528 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. މީގެ އިތުރުން އަތޮޅުތެރެއިން 452 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓުތަކާއި، ސަފާރީތަކާއި ސިނާއީ ރަށްތަކުން ޖުމުލަ 222 މީހަކު ކޮވިޑަށް ޕޮޒިޓިވް ވިއެވެ.

ރާއްޖެއިން ކޮވިޑު ޖެހިގެން މިދިޔަ ހަފްތާގައި ޖުމްލަ 51 މީހަކު އެނދުމަތިކޮށްފައިވާއިރު، ފަސް މީހަކު ވަނީ މަރުވެފައެވެ. އަދި ކޮވިޑާ ގުޅުމެއް ނެތް ކަމެއްގައި މަރުވި 13 މީހަކު ޓެސްޓު ކުރިއިރު ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

comment ކޮމެންޓް