ނޫރުގެ މަރު: އަށް އަހަރު ފަހުން ދެ މީހަކަށް 25 އަހަރުގެ ޖަލު ހުކުމެއް

ނޫެރުގެ މަރުގެ މައްސަލައާ ގުޅިގެން 25 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރި މުޙައްމަދު ސަމީޙު އަދި މުޙައްމަދު ޝަމްލު --- ފޮޓޯ/ ޕޮލިސް މީޑިއާ

ދެހާސް ފަނަރަ ވަނަ އަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހުގެ ރޭ ދަންވަރު އައިޖީއެމްއެޗްގެ އިމަޖެންސީ ގޭޓު ކައިރިން ވަޅިން ހަމަލާދީ މާލޭ ދަފްތަރު ނޫރު އާދަމް ހަސަންފުޅު މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރި ދެ މީހަކަށް ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން މުހައްމަދު ސަމީހް, ޏ ފުވައްމުލައް, ޝައިނީ އާއި ހަމަ އެ ސިޓީއަށް ނިސްބަތްވާ މުޙައްމަދު ޝަމްލު, ނޯވެލްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާ އެ ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ އޭރު 18 އަހަރު ނުފުރޭ ދެ ކުދިން ނޫރުއަށް ހަމަލަ ދިން ސަރަހައްދަށް މި ދެ މީހުން ވެސް ގޮސްފައިވާތީއެވެ.

އެގޮތުން ނޫރުއަށް ހަމަލާދީފައިވަނީ ޝަމްލު ދުއްވަން އިން ސައިކަލު ފަހަތުގައި އިން ކުޑަ ކުއްޖާ ކަމަށް ދައުވާގައި ވަނީ ބުނެފައެވެ.

ނޫރުގެ ވާތްފަރާތު އަރިކަށްޓަށް އަށް އިންޗި ހުންނަ ވަރުގެ ވަޅިއަކުން ހަމަލާ ދީފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި ހަމަލާ ދިނުމަށްފަހު ދެ ސައިކަލުގައި ހަތަރު މީހުން އެތަނުން ގޮސްފައިވާ ކަމަށް ވެސް ދައުވާގައި ވަނީ ބުނެފައެވެ.

ދައުލަތާއި ދިފާއުން ހުށަހަޅާފައިވާ ހެކިތަކަށް ބެލުމަށްފަހު ކްރިމިނަލް ކޯޓުން އެ މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ނިންމަވާފައިވަނީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުން 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އިއްވުމުގެ އިޚްތިޔާރު ގާޒީއަށް ލިބެއެވެ.

އިންސާނެއްގެ ފުރާނައަށް އެއްވެސް ހުރުމަތެއް ނުބަހައްޓައި ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް ކުރުމަގައި އެއްވެސް ސިފައެއްގައި މި ދެ މީހުން ބައިވެރިވެފައިވާތީ ގާޒީ ނިންމެވީ އެ ކުށަށް ދެވެން އޮތް އެންމެ ބޮޑު އަދަބެއް ދިނުމަށެވެ. އަދި އެފަދަ ކުށްތަކަށް މީހުން އަރައިގަތުން ދުރުކޮށް މަދުކުރެވޭނީ މިފަދަ އަމަލުތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދީގެން ކަމަށް ވެސް އެ ހުކުމުގައި ވަނީ ބުނެފައެވެ.

އެހެންކަމުން އެ ދެ މީހުން 25 އަހަރަށް ޖަލަށް ލުމަށް ގާޒީ ވަނީ ހުކުމް ކޮށްފައެވެ.

އެ ހާދިސާ ހިނގާފައިވަނީ 2015 ވަނަ އަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހުއެވެ. ނޫރުއަށް ހަމަލާ ދީފައިވަނީ އެ ރޭ ދަންވަރު އައިޖީއެމްއެޗްގެ އިމަޖެންސީ ގޭޓު ކައިރީގައި ހުއްޓައެވެ.

އެ މައްސަލައާ ގުޅިގެން ދައުވާ އުފުލި ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކަށް ވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވެ އޭނާ މެރުމަށް ހުކުމް ކޮށްފައެވެ. ދެވަނަ ކުއްޖާއަށް ޖުވަނައިލް ކޯޓުން ކުށް ސާބިތު ނުވި ނަމަވެސް އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފައެވެ. އަދި ހައި ކޯޓުން ނިންމީ 10 އަހަރަށް އެ ކުއްޖާ ޖަލަށް ލުމަށެވެ.

comment ކޮމެންޓް