އިސް ގާޒީ ޝަކީލްގެ މައްސަލަ ސާބިތުނުވާ ކަމަށް ނިންމައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ޝަކީލް --- ސަން ފައިލް ފޮޓޯ

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަޙްމަދު ޝަކީލާ ގުޅޭގޮތުން ހުށަހެޅި ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމައިފިއެވެ.

ޖޭއެސްސީން ބެލި މައްސަލަ އަކީ އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތުކުރާ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ގޭބަންދަށް ބަދަލުކުރުމުގައި އިސް ގާޒީ ޝަކީލްގެ ސުލޫކީ މައްސަލައެއް އޮތް ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ.

މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި އެ މައްސަލަ ސާބިތު ނުވާކަމަށް ނިންމާފައިވާކަމަށް ޖޭއެސްސީން ބުންޏެވެ.

އޭނާ ގޭބަންދަށް ބަދަލުުރަން ނިންމި ނިންމުން މަތީ މަރުހަލާގެ ކޯޓަކުން ވަނީ ބާތިލްކޮށް އަލުން ޖަލުގައި ބަންދުކުރަން އަމުރުކޮށްފަ އެވެ.

އަމީންއަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ކުރެވުނު އެކަކެވެ. އެ މައްސަލާގައި ހައްޔަރު ކުރަން އުޅުމުން އަމީން ވަނީ ފިލައިގެން ލަންކާއަށް ގޮސްފައެވެ.

އަދި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ވެސް އޭރު ނެރުނެވެ. ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު އޭނާ ދޫކޮށްލީއެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް އަމީން ވަނީ ހިމަނައިފައެވެ. އޭނާއަކީ އެ ލިސްޓުގައި ހިމެނި ފުރަތަމަ ދިވެއްސެވެ.

comment ކޮމެންޓް