މިއަދުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅު އަޅާނަން: އީސީ

ޕީޕީއެމް އޮފީހުގައި ބަޔަކު ދިދަތައް ހިފައިގެން: ޔޯގާ ހަރަކާތުގައި ހަމަނުޖެހުން ހިންގި މީހުން ބޭނުންކުރި ބައެއް ތަކެތި ނެރެފައި ވަނީ ޕީޕީއެމް އޮފީހުން ކަމަށް ފުލުހުން ބުނޭ -- ފޮޓޯ/ އެމްވީކްރައިސިސް

މިއަދު ހެނދުނު ގަލޮޅު ރަސްމީ ދަނޑުގައި ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުން ގުޅިގެން ބޭއްވި ޔޯގާ ހަރަކާތް ހުއްޓުވުމަށް އާންމުގެ ބަޔަކު ހިންގި ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ އަތެއް ވާނަމަ ފިޔަވަޅު އަޅާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

އެކަމާ ގުޅިގެން އީސީން ނެރުނު ބަޔާނެއްގައި ވަނީ އެ ހަރަކާތުގައި ބައިވެރިވި ބޭރުގެ ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެންޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ހިންގި ހަމަނުޖެހުން ކުށްވެރިކުރާކަމަށެވެ.

"މި މައްސަލައިގައި އެއްވެސް ސިޔާސީ ޕާތީއެއްގެ ބައިވެރިވުމެއް އޮތްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރައްވާ ތަހުގީގުން ސާބިތުވެއްޖެނަމަ، އެ ޕާޓީއަކާމެދު ސިޔާސީ ޕާޓީގެ ގާނޫނުގެ 45ވަނަ މާއްދާއަށް ރިއާޔަތްކޮށް، އެ ގާނޫނުގެ 49ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ވާހަކަ ދެންނެވީމެވެ." އެ ބަޔާނުގައި ވެއެވެ.

އެގޮތުން އެ މާއްދާގައި ވާ ގޮތުން ޕާޓީތަކުގެ ސުލޫކީ މިންގަނޑާ ޚިލާފުވެއްޖެ ނަމަ 30،000 ރުފިޔާއާއި 75،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އީސީއަށް ލިބިގެންވެއެވެ.

މިއަދުގެ ހަމަނުޖެހުމާ ގުޅިގެން ފުލުހުން ބުނީ އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށެވެ. އަދި އެ ހަމަނުޖެހުން ހިންގި މީހުން ބޭނުންކުރި ދިދަ ތަކަކީ ޕީޕީއެމް އޮފީހުން ނެރުނު ދިދަތަކެއް ކަމަށް ފުލުހުން ބުންޏެވެ.

އެކަމަށް ރައްދުދެއްވައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ މިއީ ސަރުކާރުން ރާވައިގެން ޕީޕީއެމްގެ ބޮލުގައި އަޅުވަން ކުރި ކަމެކޭ ބުނެވިދާނެކަމަށެވެ. އަދި މިކަން ރޭވީ ޕީޕީއެމްއާއި ޕާޓީގެ ރައީސް ގެ އަގު ވައްޓާލަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް