އައިއެމްއެފްގެ ވަފްދެއް ސްރީލަންކާއަށް ގޮސް ލޯން މަޝްވަރާތައް ފަށައިފި

ސްރީލަންކާގެ ބޮޑުވަޒީރު

ކޮލަންބޯ (21 ޖޫން 2022): ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމުން އަރައިގަތުމަށް ބޭނުންވާ ލޯން ހޯދުމަށް އެގައުމު ކުރަމުންގެންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ފަންނީ ބޭފުޅުންގެ ވަފުދެއް ވެރިރަށް ކޮލަންބޯއަށް ހިނގައްޖެއެވެ.

ސްރީލަންކާގެ މަސްއޫލުވެރިން ވިދާޅުވާގޮތުގައި އައިއެމްއެފްގެ ވަފުދާއެކު ކުރިއަށްދާ މަޝްވަރާތައް ބިނާވެފައިވަނީ އެފަންޑުން ހަތަރު ބިލިޔަން ނޫނީ 3.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ލޯނެއް ހޯދުމުގެ މައްޗަށެވެ. ލޯނު ދޭނެ މިންވަރެއް އަދި ހާމައެއް ނުކުރެއެވެ. ލޯނާ ހަމައަށް ދިނުމަށް ދިގު ޕްރޮސެސްއެއް އެބައޮތެވެ.

އައިއެމްއެފްގެ ވަފްދުން ސްރީލަންކާ ސަރުކާރާއެކު މަޝްވަރާކުރަނީ ލޯން ދިނުމަށް އެ ފަންޑުގެ ޝަރުތުތައް ސްރީލަންކާ ސަރުކާރުން ގަބޫލުކުރުމާބެހޭގޮތުންނާއި އެލޯން ބޭނުންކުރާނެ ގޮތްތަކާބެހޭގޮތުންނެވެ.

ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވިގޮތުގައި އައިއެމްއެފް އިން ނަގާ ލޯނުން ބޭނުންކުރާނީ ސްރީލަންކާއަށް ބޭނުންވާ ހަކަތައިގެ ބާވަތްތަކާއި ކާބޯތަކެއްޗާއި ބޭސް މަދުވެގެން ހަ މަސްދުވަހަށްވާވަރަށް ގަތުމަށާއި ބަޖެޓްގެ ދަތިތައް ފިލުވުމަށެވެ.

އައިއެމްއެފްއިން ކުރިން ބުނެފައިވާގޮތުން ޝަރުތުތަކަކާއެކު ރެސްކިޔު ޕްރޮގްރާމެއްގެ ދަށުން ސްރީލަންކާއަށް ލޯން ދެވިދާނެއެވެ. އައިއެމްއެފްގެ އިތުރުން ވޯލްޑް ބޭންކާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު ފަދަ އިދާރާތަކުން ލޯން ހޯދުމުގެ މަސައްކަތްވެސް ސްރީލަންކާ ސަރުކާރުން ގެންދަނީ ކުރަމުންނެވެ.

އައިއެމްއެފް އާއެކު ކުރިއަށްދާ މަޝްވަރާތައް ކާމިޔާބު ވެއްޖެނަމަ މިދެންނެވި ބޭންކްތަކުން އިތުރު ލޯންތައް ހޯދުމަށް ސްރީލަންކާއަށް ފަސޭހަވާނެއެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ތަދުމަޑުކަމުގެ ސަބަބުން އެގައުމަށްވަނީ ތެލާއި ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް ފޯރާފައެވެ. އާންމު ތަކެތީގެ އަގުތައްވެސް ވަނީ އިންތިހާއަށް އުފުލިފައެވެ.

އައިއެމްއެފް އާއި އެނޫން ތަންތަނުން ސްރީލަންކާއަށް ލޯނު ލިބުނު ނަމަވެސް ކުރިން އެގައުމުން ނަގާފައިވާ ލޯންތައް ދެއްކުން ފަސްކުރެވޭނެ ގޮތެއް ވެގެންނޫނީ އެގައުމު މިހާރު ވެއްޓިފައިވާ އިގްތިސާދީ އަނދަވަޅުން އަރައި ނުގަނެވޭނެ ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެއެވެ.

comment ކޮމެންޓް