ޔޯގާ އިވެންޓުގައި ހަމަނުޖެހުން ހިންގައިގެން ހަ މީހަކު ހައްޔަރުކޮށްފި

ފުލުހުން ހަމަނުޖެހުމެއް ކޮންޓްރޯލް ކުރަނީ: ޔޯގާ ޑޭގެ އިވެންޓް ހުއްޓުވަން ހަމަލާދިން މައްސަލާގައި ހަ މީހަކު ވަނީ ހައްޔަރުކޮށްފައި-- ސަން ފައިލް ފޮޓޯ

އިންޓަނޭޝަނަލް ޔޯގާ ޑޭ ފާހަގަ ކުރުމަށް މިއަދު ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތަށް ވަދެގަނެ، ހަމަނުޖެހުން ހިންގި މައްސަލާގައި ހަ މީހަކު ހައްޔަރުކޮށްފިއެވެ.

އެ ހަރަކާތް މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ބޭއްވީ ޔޫތު މިނިސްޓްރީއާއި އިންޑިއަން ކަލްޗްރަލް ސެންޓަރު ގުޅިގެންނެވެ. ޔޯގާ ހެދުމަށް އިންޑިއާގެ ސަފީރު މުނު މަހާވަރްއާއި ޑިޕްލޮމެޓުންގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި އާންމުން ތިއްބައި ބަޔަކު ވަނީ ގަލޮޅުދަނޑަށް ގަދަކަމުން ވަދެގަނެ ހަމަނުޖެހުން ހިންގައިފައެވެ.

ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަ ތަކެއް ހިފައިގެން ތިބި މީހުން ގަލޮޅުދަނޑަށް ވަދެ ޔޯގާ އިވެންޓް ހުއްޓުވުމުގެ އިތުރުން އެ ހަރަކާތުގައި ބައިވެރިވި މީހުންނަށް ވަނީ ހަމަލާ ދީފައެވެ. އޭގެ އިތުރުން އެ ތަނުގައި ހުރި ތަކެއްޗަށް ވެސް ވަނީ ގެއްލުން ދީފައެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހަ މީހަކު ހައްޔަރު ކުރުމުގެ އިތުރުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

އެ ހަމަނުޖެހުންތަކާ ގުޅޭގޮތުން ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް، ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގައި ޔޯގާ ދުވަސް ފާހަގަކޮށް، އެ ހަރަކާތް ހިންގަން ފެށީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށާއި އޭރު އެކަން ނުހުއްޓުވައި، މިހާރު ހުއްޓުވަނީ އެކަމުގެ ފަހަތުގައި ސިޔާސީ މަގުސަދެއް އޮތުމުން ކަމަށެވެ.

މިއަދު ހިންގި ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ އިދިކޮޅު ޕީޕީއެމްގެ އިތުރުން ސަލަފް ޖަމިއްޔާ ކަމަށް ތުހުމަތުކޮށް މަހުލޫފް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ބޭރުގެ ޑިޕްލޮމެޓުންގެ ކުރިމަތީގައި މިއަދު ހިންގި ހަމަނުޖެހުމަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށާއި އެކަމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ވެސް މަހުލޫފް ވިދާޅުވިއެވެ.

ދީނާ ހިލާފު ކަމެއް ކަމަށް ބުނެ ޔޯގާ ދުވަސް ފާހަގަ ކުރުން ހުއްޓުވިއިރު، ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އެކި އަހަރު އެ ދުވަސް މާލޭގައި ފާހަގަ ކުރިއެވެ. އެފަހަރު ވެސް ފާހަގަ ކުރީ އިންޑިއަން ކަލްޗާ ސެންޓަރާއި ދިވެހި ސަރުކާރާ ގުޅިގެންނެވެ. އޭރު އެ ހަރަކާތަށް އެއްވެސް ބަޔަކު ހުރަހެއް ނާޅައެވެ.

ޔޯގާ ދުވަސް ފާހަގަކުރުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އިލްމުވެރިންގެ ގުޅުމުން ވެސް އިއްޔެ ވަނީ އިސްލާމިކް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައެވެ.

އެ ސިޓީގައި އެ ޖަމިއްޔާއިން ވަނީ ޔޯގާއަކީ އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނާ ޚިލާފަށް ކުރެވޭ ނުރައްކާތެރިކަމެއް ކަމަށް ބުނެފައެވެ. އަދި މިއަދު ޔޯގާ ޑޭ ފާހަގަކުރުމަށް ހިންގަން ނިންމާފައިވާ ހަރަކާތްތައް ހުއްޓުވުމަށް އަމަލީ ފިޔަވަޅުތައް އެޅުމަށް ވެސް އެ ޖަމިއްޔާއިން ވަނީ މިނިސްޓްރީގައި އެދިފައެވެ.

މިއަހަރު ޔޯގާ ދުވަސް ފާހަގަކުރަން އެންމެ ފުރަތަމަ ނިންމީ ރަސްފަންނުގައެވެ. ނަމަވެސް ގިނަ ބައެއްގެ ޝަކުވާ އަންނަ ކަމަށް ބުނެ ސިޓީ ކައުންސިލުން އިއްޔެ ވަނީ އެ ހަރަކާތަށް ރަސްފަންނު ނުދޭން ނިންމާފައެވެ.

މިކަމާ ގުޅިގެން ޔޫތު މިނިސްޓްރީން ޔޯގާ ދުވަހުގެ ހަރަކާތް ގަލޮޅުދަނޑުގައި ބާއްވާ ގޮތަށް ނިންމީއެވެ.

comment ކޮމެންޓް