މަޖިލީހުގެ ގަވާއިދުގައި ނޯންނާނެ ތެދު ބަހުން ވާހަކަ ދެއްކުމަކަށް: އީވާ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނައިބު ރައީސް އީވާ ޢަބްދުﷲ -- ފޮޓޯ/ މަޖިލިސް

މަޖިލީހުގެ ގަވާއިދުގައި ތެދު ބަހުން ވާހަކަ ދެއްކުމަށް އަންގާފައި ނޯންނާނެކަމަށް މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަޙުމަދު ޝިޔާމް ދެއްކެވި ވާހަކަތަކަކާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވަނީ ޝިޔާމް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ނަން ބޭނުން ކުރައްވައިގެން އިތުރުފުޅު ހައްދަވާ، އަބުރު ކަތިލަން މަސައްކަތް ކުރާ ކަމަށް ވިދާޅުވެ ނިޒާމީ މައްސަލައެއް ނަންގަވާފައެވެ.

ރޮޒައިނާ ނިޒާމީ މައްސަލަ ނެންގެވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ރައީސަށް ދިން ކަމަށް ތުހުމަތު ކުރައްވައި ޝިޔާމް ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް -- ފޮޓޯ/ މަޖިލިސް

ޝިޔާމްގެ ވާހަކައަށް ރައްދު ދެއްވައި ރޮޒައިނާ ވިދާޅުވީ އޭނާ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ރައީސްއާ ގުޅުވައިގެން ދައްކަވަމުންދާ ކަމަށާއި އެތަނުގައި ނެތް މީހެއްގެ ވާހަކަ، އަބުރުކަތިލުމުގެ ބޭނުމުގައި ދެއްކުމަކީ މަޖިލީހުގެ ގަވާއިދުގައި ތަންދޭ ކަމެއް ނޫންކަމަށެވެ.

ރޮޒައިނާގެ ނިޒާމީ ނުކުތާއާ ގުޅިގެން، މިއަދުގެ މަޖިލީހުގައި ރިޔާސަތު ބަލަހައްޓަވަން އިންނެވި އީވާ ވިދާޅުވީ މަޖިލީހުގައި މެންބަރުން ވާހަކަ ދައްކަވަން ޖެހޭނީ ތެދު ބަހުންކަމަށް މަޖިލީހުގެ ގަވާއިދުގައި ނޯންނާނެކަމަށެވެ.

''އާދެ. މަޖިލީހުގެ ގަވާއިދަކު ނޯންނާނެ ތެދުބަހުން ވާހަކަދެއްކެވުމަކަށް،'' އީވާ ވިދާޅުވިއެވެ.

އީވާ އެހެން ވިދާޅުވުމުން ރޮޒައިނާ އަނެއްކާވެސް ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ އިސްލާމްދީނާ ޚިލާފު ނުވާގޮތަށް ވާހަކަދައްކަން ޖެހޭނެކަމަށް މަޖިލީހުގެ ގަވާއިދުގައި އޮންނަ ކަމަށެވެ. އަދި އިސްލާމްދީނުގައި މީހުންނާ ބެހޭ ގޮތުން ދޮގު ވާހަކަތައް ދެއްކުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ނަމަވެސް ރޮޒައިނާގެ ނިޒާމީ ނުކުތާ ބަލައިނުގަނެ، ރިޔާސަތުން ވަނީ ޝިޔާމްގެ ވާހަކަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ދީފައެވެ.

comment ކޮމެންޓް