މޯލްޑިވިއަންގެ ދަތުރުތަކުގެ ސަލާމަތީ ކަންކަން ކަށަވަރު ކުރުމަށް ގޮވާލާ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ — ފޮޓޯ/މަޖިލިސް

އައިލެންޑް އޭވިއޭޝަން ސާވިސެސްއަށް ދިމާވެފައިވާ މާލީ ހާލަތުގެ ސަބަބުން ގައުމީ އެއާލައިން މޯލްޑިވިއަންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރަށް ގޮވާލާ ހުށަހަޅާފައިވާ ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދެވެ.

މި މައްސަލަ ހުށަހަޅުއްވަމުން ސައީދު ވިދާޅުވީ މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ހާލަތު ބޮއްސުންލައި ކުންފުނީގެ ހާލަތު މިއިން ޒަމާނަކުވެސް ދަށަށް ނުދާހާ ދަށަށް ގޮސް ބަނގުރޫޓުވުމާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

''އައިލެންޑް އޭވިއޭޝަންގެ ހިންގުން ބޮއްސުންލައި އެ ކުންފުނީގެ މާލީ ހާލަތު ދުވަހަކު ދަށަށް ނުދާވަރަށް ދަށަށް ގޮސް ކުންފުނި ބަނގުރޫޓުވުމާހަމައަށް ގޮސްފި. އަދި 2020 ވަނަ އަހަރު ކުންފުންޏަށް 400 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށް އޮޑިޓް ރިޕޯޓުތަކުން ދައްކާ. މިދިޔަ އަހަރު 159 މިލިއަން ރުފިޔާގެ ގެއްލުންވެފައިވޭ،'' ސަޢީދު ވިދާޅުވިއެވެ.

އޭގެ އިތުރުން މިހާރު އެތަނުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް މުސާރަ ދެނީ މިނިސްޓްރީން ލޯނު ނަގައިގެން ކަމަށްވެސް ސައީދު ފާހަގަކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މި ފަހަކަށް އައިސް މޯލްޑިވިއަންގެ މަތިންދާބޯޓު ތަކުގައި ޓެކްނިކަލް މައްސަލަތައް ވެސް އިތުރުވެފައިވާ ކަމަށާއި މަތިންދާބޯޓުގެ ޓަޔަރުތައް ވެސް ބަދަލުކުރަން ޖެހޭ މުއްދަތަށް ބަދަލުނުކޮށް ބައެއް ބޯޓުތަކަށް ސްޕެއާ ނުލިބި ގްރައުންޑް ކުރަން ޖެހިފައިވާ ކަމަށެވެ.

އެކަންކަމުން ދިމާވެދާނެ ނުރައްކަލަކުން ސަލާމަތްވުމުގެ ގޮތުން މޯލްޑިވިއަންގެ މަތިންދާބޯޓުގައި ހުންނަން ޖެހޭ ސަލާމަތީ މިންގަނޑުތައް ހިފެއްޓުމުގެ ގޮތުންނާއި ދަތުރުކުރާ ފަރާތްތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް ސަރުކާރަށް ގޮވާލުމަށް މައްސަލަ ހުށަހެޅުއްވީ ކަމަށް ސައީދު ވިދާޅުވިއެވެ.

އެ މައްސަލަ ބަލައިގަތުމާ ބެހޭ ގޮތުން ނެގި ވޯޓުގައި މައްސަލަ މަޖިލީހުން ބޭރުކޮށްލީ ހާޒިރުވެ ތިއްބެވި 39 މެންބަރުންގެ ތެރެއިން 33 މެންބަރުންގެ އިއްތިފާގުންނެވެ. އެ މައްސަލަ މަޖިލީހުން ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ ފަސް މެންބަރުންނެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އައިއޭއެސްއަށް އެންމެ ބޮޑު ގެއްލުމެއް ލިބުނީ ދެވަނަ ކުއާޓަރުގައެވެ. އެއީ މުޅި ޖުމްލަ 99 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެކެވެ. އެވަރުގެ ގެއްލުމެއް ލިބިފައިވަނީ އެ ކުންފުންޏަށް މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ލިބުނު އާމްދަނީ ބޮޑު ތަނުން ދަށްވުމުންނެވެ.

ފިނޭންސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އައިއޭއެސްއަށް ގެއްލުން ލިބުނު ސަބަބުތަކުގެ ތެރޭގައި އިދާރީ ހަރަދުތަކާއި ސެލިން އަދި މާކެޓިން ހަރަދުތައް އިތުރުވުން ހިމެނެއެވެ. އެގޮތުން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ އިދާރީ ހަރަދުތަކަށް 114.9 މިލިއަން ރުފިޔާ ޚަރަދުވެފައިވާއިރު ހަތަރުވަނަ ކުއާޓަރުގެ އިދާރީ ހަރަދުތައް 138.1 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.

އިދާރީ ޚަރަދުތައް އިތުރުވެފައިވަނީ އިންޝުއަރެންސް އާއި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު ބޮޑުވުމުންނެވެ. އެގޮތުން ޕައިލެޓުންގެ ރޭޓު މަތިވުމަކީ ހަރަދުތައް ބޮޑުވި ސަބަބެއްގެ ގޮތުގައި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ދެހާސްވިހި ވަނަ އަހަރު އައިއޭއެސްއަށް 400 މިލިއަން ރުފިޔާގެ ގެއްލުން ލިބުނީ ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކޮށް، ދަތުރުފަތުރު ކުރުން ހުއްޓާލަން ޖެހުމާ ގުޅިގެންނެވެ.

އައިއޭއެސްއަށް މިހާރު ލިބޭ ގެއްލުމުގެ މިންވަރު ދަށްކޮށް އާމްދަނީ އިތުރު ކުރުމަށްޓަކައި ކުންފުނީގެ ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށާއި ކުންފުނީގެ އެހެން ހަރަދުތަކަށް ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށް ފިނޭންސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައިވެއެވެ.

comment ކޮމެންޓް