ފ. ފީއަލީގައި މިއަހަރު ކުރިއަށްގެންދާ ބޮޑު ޢީދު ކުޅިވަރުތަކުގެ މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖައްސައިފިއެވެ.
އެކަމާ ގުޅޭ އެއްބަސްވުމުގައި ސަން މީޑިއާ ގްރޫޕާއި ފީއަލީ ކައުންސިލާއެކު މިއަދު ވަނީ ސޮއިކޮށްފައެވެ.
ފީއަލީ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިތުރުން ރަށުގެ މުއައްސަސާތައް ގުޅިގެން ބޮޑު ޢީދު ފާހަގަކުރަން ކުލަ ގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.
ފީއަލީ ކައުުންސިލް މެންބަރު އަހުޒަމް އަބްދުﷲ ވިދާޅުވީ ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު އެއް އޮންލައިން މީޑިއާއިން ފީއަލީގެ ޢީދު ހަރަކާތްތައް ކަވަރު ކުރަން އެއްބަސްވުމަކީ އެރަށަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށެވެ.
"ސަން އިން އަޅުގަނޑުމެންގެ ޢީދު ކަވަރު ކޮންދޭން ނިންމުމުން އީދުގެ ހަރަކާތްތައް ވަރަށް ގިނަ ބަޔަކަށް ރީޗްވާނެ. އަޅުގަނޑުމެން މިތިބީ ވަރަށް އުފަލުން މީޑިއާ ޕާޓްނަރަކަށް ސަން ހަމަޖެހުމުން،" އަހުޒަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއަހަރު އީދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެވޭލާ ޒަމާނުގެ ކުޅިވަރުތަކާއި ޒަމާނީ ކުޅިވަރުތައް ކަމަށެވެ. އަަދި މި ޢީދުގައި ރާއްޖޭގައި ނެތެމުންދާ އެތައް ކުޅިވަރެއް ވެސް ފެންނާނެކަމަށް އަހުޒަމް ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މި ޢީދުގައި ފީއަލީގައި ކުރިއަށް ގެންދާ ހަރަކާތްތަކީ ރާއްޖޭގެ އެހެން ރަށްރަށަށް ވުރެ ތާފާތުކޮށް ފުރިހަމަކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފާއިވާ ހަރަކާތްތަކެއްކަމަށެވެ.
"އަޅުގަނޑު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވަން ފީއަލީގެ އީދު ހަރަކާތްތައް ބައްލަވާލެއްވުމަށް ވަޑައިގަތުމަށް. ހަމަގައިމު ވެސް ފީއަލީގެ ޢީދު މިއަހަރު ތަފާތުވާނެ،" އަހުޒަމް ވިދާޅުވިއެވެ.
އެ ރަށުގައި ޢީދު ދުވަހުގެ ފަތިސް ނަމާދުން ފެށިގެން ޢީދުގެ ފަހު ދުވަހާ ހަމައަށް ހަރަކާތްތައް ހުއްޓުމެއް ނެތި ކުރިއަށް ދާނެއެވެ.
ޢީދުގައި ފީއަލީގައި ފިރިހެނުންގެ ހަރުބީނެގުން، ނަސީބު ކުޅިއާއި އަދި ތަފާތު އެކި ކުޅިވަރުތައް އެ ރަށުގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ކުލަ ކުޅުމާއި ސަގާފީ ކުޅިވަރުތައް ވެސް އެ ރަށުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.