ފީއަލީ މަރުކަޒުން ދެ އެމްބިއުލާންސް ވިއްކާލަނީ؛ ބީލަން ފެށޭ އަގަކީ 13,300 ރުފިޔާ

ފ. ފީއަލި ސިއްހީ މަރުކަޒު: އެ މަރުކަޒުން ދެ އެމްބިއުލާންސް ނީލަމުގައި ވިއްކަން ވަނީ އިއުލާނުގައި ----

ފ. ފީއަލީ ސިއްހީ މަރުކަޒުން ދެ އެމްބިއުލާންސް، ނީލަމުގައި ވިއްކާލަން އިއުލާންކޮށްފިއެވެ.

ފީއަލީ ސިއްހީ މަރުކަޒުން އިއްޔެ ގެޒެޓުގައި ޝާއިއުކުރި އިއުލާނެއްގައި ވަނީ، އެ މަރުކަޒުން ބޭނުންކުރަމުންދިޔަ ދެ އެމްބިއުލާންސް ވިއްކާލަން ނިންމައިފައިވާ ކަމަށެވެ.

ފީއަލީގެ ކައުންސިލުން "ސަން"އަށް ބުނީ މިހާރު އެ ރަށުގައި އޮތީ ބައުވެފައިވާ ތިން އެމްބިއުލާންސް ކަމަށެވެ. އެ ތިން އެމްބިއުލާންސްގެ ތެރެއިން ވިއްކާލާ ދެ އެމްބިއުލާންސް އޮތީ ބޭނުންކުރެވޭ ހާލަތުގައި ނަމަވެސް، އެ އެމްބިއުލާންސްތައް މަރާމާތު ކުރަން ޖެހޭ ކަމަށް ކައުންސިލުން މައުލޫމާތުދިނެވެ.

ކައުންސިލުން އިތުރަށް ބުނީ، 1،415 މީހުންގެ އާބާދީއެއް އޮންނަ ފީއަލީގައި ދެން ބޭނުންކުރެވޭނީ އެއް އެމްބިއުލާންސް ނަމަވެސް، އެ ރަށަށް އައު އެމްބިއުލާންސެއް ދޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

މިނިސްޓްރީން އެ ޔަގީންކަން ދިނީ މިދިޔަ މަހު ކުރީކޮޅު، ސިއްހީ މަރުކަޒާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށް ކައުންސިލުން ބުންޏެވެ.

ފީއަލީ މަރުކަޒުން ކުރި އިއުލާނުގައި ވަނީ ދެ އެމްބިއުލާންސްގެ ވެސް ބީލަން ފެށޭ އަގަކީ 13،300 ރުފިޔާ ކަމަށާއި، ނީލަމަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގަކީ 100 ރުފިޔާ ކަމަށެވެ.

ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، "NL04 ސިޓީން އަގު ހުށަހަޅާ ފޯމް" ފުރިހަމަކޮށް، ކޮންމެ ދުވަހެއްގެ މެންދުރު 12:00ގެ ކުރިން އެ އިދާރާގެ ކައުންޓަރަށް ނުވަތަ މެއިލް އަށް ފޮނުވުމަށް މަރުކަޒުން ވަނީ އެދިފައެވެ.

އެ ނީލަމަަށް އަގު ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ހުކުރު ދުވަހެވެ. އެ މުއްދަތުގައި ކޮންމެ ދުވަހެއްގެ 12:00އާ ހަމައަށް ހުށަހެޅޭ އެންމެ މަތީ އަގު އެ ދުވަހެއްގެ 14:00ގެ ކުރިން އެ މަރުކަޒުގެ ފޭސްބުކް ޕޭޖުގައި އާންމުކުރާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ފީއަލީ މަރުކަޒުން ވަނީ، ނީލަމަށް ހުށަހަޅާ އަގު، ޖެހިޖެހިގެން ތިން ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެ އަގަށް ނީލަން ނިންމާލުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން ސިއްހީ މަރުކަޒުން ވަނީމ ވެހިކަލް ބަލާލަން އެދޭ ފަރާތްތަކުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:00އިން 11:00އަށް އެ އިދާރާއަށް ދިޔުމުން އުޅަނދު ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ.

އެ ނީލަމުގައި އެންމެ މަތީ އަގު ހުށަހަޅައިގެން ނީލަން ކާމިޔާބުކުރާ ފަރާތުން، ނީލަން ނިމޭ ދުވަހުން ފެށިގެން ރަސްމީ ތިން ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމުން، އެ މީހަކާ އެމްބިއުލާންސް ހަވާލުކުރާނެ ކަމަށް ފީއަލީ ސިއްހީ މަރުކަޒުން ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް