ބިއްލޫރި ޝީޓެއްގެ ދަށުވެ، އަނެއްކާވެސް ބިދޭސީއަކު މަރުވެއްޖެ

ނ. މާކުރެއްދޫ: ސަޕްލައި ކޮންޓެއިނަރަކުން އެރަށަށް މުދާ ހުސްކުރުމުގެ ތެރޭގައި ބިއްލޫރި ޝީޓުތަކެއްގެ ދަށުވެގެން ބިދޭސީއަކު ވަނީ މަރުވެފައި

ނ. މާކުރަންދޫއަށް ސަޕްލައި ކޮންޓެއިނަރަކުން މުދާ ހުސްކުރުމުގެ ތެރޭގައި ބިއްލޫރި ޝީޓުތަކެއްގެ ދަށުވެގެން ބިދޭސީއަކު މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާކުރަންދޫއަށް ސަޕްލައި ދޯންޏެއްގައި ގެންދިޔަ މުދާ ހުސްކުރުމުގެ ތެރޭގައި ބިއްލޫރި ޝީޓުތަކެއްގެ ދަށުވެ، ތިން މީހަކަށް އަނިޔާ ވެގެން އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްގެން ފަރުވާ ދީފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާ ލިބުނީ އުމުރުން 28 އަހަރުގެ މީހަކަށާއި 38 އަހަރުގެ މީހަކަށާ އަދި 37 އަހަރުގެ މީހަކަށެވެ.

މީޑިއާ އޮފިޝަލް ވިދާޅުވީ އުނގޫފާރު ހޮސްޕިޓަލުގައި އެ ތިން މީހުންނަށް ފަރުވާ ދެމުން އަންނަނިކޮށް އޭގެ ތެރެއިން އުމުރުން 28 އަހަރުގެ މީހާ މަރުވެފައިވާ ކަމަށެވެ.

އަނެއް ދެމިހުންގެ ތެރެއިން އެކަކަށް ފަރުވާ ދިނުމަށްފަހު، ވަނީ ދޫކޮށްލާފައެވެ. އަނެއް މީހާ ވަނީ އިތުރު ފަރުވާ ދިނުމަށް ޓަކައި މާލެ ގެނެސްފައި ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން އަންނަނީ މިހާދިސާއާ ގުޅިގެން ބަލާންޖެހޭ ކަންކަން ބަލަމުންނެވެ.

ބިއްލޫރި ޝީޓުތަކުގެ ދަށުވެގެން ހިނގާ ހިތާމަވެރި ހާދިސާތައް ފަހަކަށް އައިސް މިވަނީ އިތުރުވާން ފަށާފައެވެ.

އެގޮތުން މި މަހުގެ 12 ވަނަ ދުވަހު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓެއިނަރަކުން މާބުލް ޝީޓުތަކެއް ހުސްކުރުމުގެ މަސައްކަތް ކުރަން އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި ދެމީހަކު ތާށިވެ، އެތަނުން އެކަކު ވަނީ ވަގުތުން މަރުވެފައެވެ.

މީގެ ތެރެއިން ދެ ވަނަ މީހާ މަރުވީ ހާލު ސީރިއަސް ވެގެން އައިޖީއެމްއެޗުގައި ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދެމުން އަންނަނިކޮށް މިދިޔަ ބުރާސްފަތި ދުވަހުއެވެ.

comment ކޮމެންޓް