ފ. ފީއަލީގައި "މަގޭ ނަބިއްޔާ"ގެ ނަމުގައި ހިނގާލުމެއް އިއްޔެ ހަވީރު ކުރިއަށްގެންގޮސްފިއެވެ.
ކީރިތި ރަސޫލާގެ ދިފާއުގައި ކުރިއަށްގެންދިޔަ އެ ހަރަކާތަކީ ފީއަލީ ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
އެ ހިގާލުން ރާވާ ހިންގުމުގައި އިސްކޮށް އުޅުނު ޒުވާނަކު "ސަން"އާ ވާހަކަދައްކަމުން ބުނީ އެ ހަރަކާތުގައި ތިންސަތޭކައަށްވުރެ ގިނަ މީހުން ބައިވެރިވިކަމަށެވެ.

ފީއަލީ ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދިޔަ "މަގޭ ނަބިއްޔާ" ހިނގާލުމުގެ ތެރެއިން
"އެކި އުމުރުގެ މީހުން ބައިވެރިވި. އެއީ ހަމަ ރަށުގެ ހުރިހާ އުމުރުފުރައެއްގެ މީހުނަށް ހުޅުވާލައިގެން ބޭއްވި ހިނގާލުމެއް،" އޭނާ ބުންޏެވެ.
އޭނާ ބުނީ މިފަދަ ހަރަކާތެއް ބޭއްވުމުގެ މަގުސަދަކީ ރަސޫލާއާ މެދު ހިތްތަކުގައި އޮތް ލޯބި ދައްކުވައިދިނުންކަމަށެވެ.
"ރަސޫލާއާ މެދު ބަދުބަސް ބުނެ މިކަހަލަ ކަންކަން ކުރުމަކީ ބަލައިގަނެވޭ ކަމެއްނޫން. އެހެންވީމަ ހަމަ ރަސޫލާގެ ދިފާއުގަ ނުކުންނަން ބޭނުންވީ،" އޭނާ ބުންޏެވެ.

ފީއަލީ ޒުވާނުން އިސްނަގައިގެން ކުރިއަށްގެންދިޔަ "މަގޭ ނަބިއްޔާ" ހިނގާލުމުގެ ތެރެއިން
އޭނާ ބުނީ މިއީ ސިޔާސީގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއް ނޫންކަމަށެވެ. އަދި މިއީ ސާފު ނިޔަތަކާއެކު ކުރިއަށްގެންދިޔަ ހިނގާލުމެއްކަމަށް އޭނާ ބުންޏެވެ.
ދާދި ފަހުން އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ތަރުޖަމާނު ނުޕުރު ޝަރުމާ، ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ހަޑިހުތުރުބަހުން ވާހަކަ ދައްކައި، ފުރައްސާރަ ކުރުމުގެ އިތުރުން ކީރިތި ޤުރުއާނަށް މަލާމާތްކުރުމުން ދުނިޔޭގެ ގިނަ ގައުމުތަކުން ދަނީ އެ އަމަލު ކުއްވެރިކުރަމުންނެވެ.
އަދި އެކަމާ ގުޅިގެން އޭޝިއާގެ ގިނަ ގައުމުތަކުގައި ވެސް ރަސޫލާގެ ދިފާއުގައި ދަނީ މުޒާހަރާކުރަމުންނެވެ.
މިދިޔަ ހޮނިހިރު ދުވަހު މާލޭގެ ގިނަ ބަޔަކު ބައިވެރިވެގެން ވެސް ވަނީ "މަގޭ ނަބިއްޔާ" ގެ ނަމުގައި ސައިކަލު ބުރެއް ބާއްވާފައެވެ.