ސިފައިންގެ މީހަކު ނޫސްވެރިއަކަށް އިންޒާރުދިން މައްސަލައެއް އެމްއެމްސީން ބަލަނީ

އެމްއެމްސީގެ ރައީސް ޝަފާއު ޙަސަން -- ފޮޓޯ/ އެމްއެމްސީ

ސިފައިންގެ މީހަކު ނޫސްވެރިއަކަށް އިންޒާރުދިން މައްސަލައެއް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ބަލަން ފަށައިފިއެވެ.

އެމްއެމްސީން ބަލަމުން ދަނީ، ހުޅުމާލޭގައި ހުންނަ ހިޔާ ފްލެޓް ސަރަހައްދުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި "ވޮއިސް" ނޫހުގެ ޗީފް އެޑިޓަރު ޝަފްރާޒް އަހްމަދު ޙުސެއިންއަށް ސިފައިންގެ މީހަކު އިންޒާރު ދިން ކަމަށް ބުނާ މައްސަލައެކެވެ.

"ވޮއިސް"ގައި ރިޕޯޓުކޮށްފައިވާ ގޮތުން އެ ރަސްމިއްޔާތުގެ ތެރޭގައި ސިފައިންގެ މީހަކު ވަނީ ޝަފްރާޒް "ހޭއަރުވާލަން ޖެހޭ" ކަމަށް ބުނެ އިންޒާރު ދީފައެވެ. އަދި އޭނާއަކީ ނޫސްވެރިއެއްކަން އަންގައިދޭ ކާޑު ދެއްކުމުން ވެސް ސިފައިންގެ މީހާ ވަނީ އޭނާގެ ފޮޓޯ ނަގައި އޭނާއަށް ތަކުރާރުކޮށް އިންޒާރު ދީފައި ކަމަށް އެ ނޫހުގައިވެއެވެ.

އެކަމާ ގުޅިގެން މީޑިއާ ކައުންސިލްގެ ރައީސް ޝަފާއު ޙަސަން "ސަން"އަށް ވިދާޅުވީ އެ މައްސަލަ މީޑިއާ ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މައްސަލަ މިހާރު ބަލަމުންދާކަމަށެވެ.

ސިފައިންގެ މީޑިއާ އޮފިސަރަކު "ސަން"އަށް ވިދާޅުވީ އެފަދަ މައްސަލައެއް ފެންމަތިވެގެން އުޅޭކަން ނޫސްތަކުން އެނގިފައިވާކަމަށެވެ.

"އެކަމުގެ ހަގީގަތެއް އަޅުގަނޑުމެންނަކަށް ނޭނގެ. އެޑްމިނިސްޓްރޭޓިވްލީ ބަލާކަމަށް ވަންޏާ އެކަން ބަލާ ފަރާތަކުން ރަސްމީ ސިފައެއްގަ މިނިސްޓްރީ އޮފް ޑިފެންސަށް ހުށަހެޅީމަ އެ އޮންނަ އުސޫލުން އެކަންތައް ކުރިއަށްދާނެ،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ރަސްމީ ސިފައެއްގައި އަދި ހުށަހަޅާފައި ނުވާކަމަށެވެ. އަދި ރަސްމީ ސިފައެއްގައި މައްސަލަ ހުށަހެޅުމުން އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.

comment ކޮމެންޓް