މުދަލު ޒަކާތުގެ ނިޞާބު ކުޑަކޮށްފި

މުދަލު ޒަކާތުގެ ނިޞާބު، އިސްލާމިކް މިނިސްޓްރީން ކުޑަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 6396.25 ރުފިޔާ ކަމަށެވެ. މިއީ 844.90 ރުފިޔާގެ ކުޑަވުމެކެވެ.

މި އަހަރުގެ މާޗް މަހު ކަނޑައަޅާފައިވާ ގޮތުން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 7241.15 ރުފިޔާއެވެ.

ނިޞާބު ހަމަވާ ވަރަށް އަތުގައި ފައިސާހުރެ އަހަރެއް ހަމަވެއްޖެނަމަ އޭގެ ސާޅީސްބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ދެއްކުމަކީ ދީނީ ގޮތުން ވާޖިބެކެވެ. ޕަސެންޓޭޖުން ބަލާނަމަ އެއީ 2.5 ޕަސެންޓެވެ.

ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެއެވެ.

ރަނާއި ރިހި ބާޒާރުގައި ލިބެން ހުންނަ އަގު ހާމަކުރަނީ ރާއްޖޭގެ ސެންޓްރަލް ބޭންކް އެމްއެމްއޭ އިންނެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި ރާއްޖެ ފަދަ ގައުމުތަކުގައި ޒަކާތުގެ ނިޞާބު ކަނޑައެޅުމުގައި ފަގީރުންނަށް އެންމެ ރަނގަޅު ގޮތަކީ ރިހީގެ އަގަށް ބިނާކޮށް ޒަކާތުގެ ނިޞާބު ކަނޑައެޅުމެވެ.

ޒަކާތްދިނުމަކީ ދީނުގެ ފަރުޟުތަކުގެ ތެރެއިންވާ ފަރުޟެކެވެ. އަދި އިސްލާމްދީނުގެ ފަސް ރުކުނުގެ ތެރެއިން ތިންވަނަ ރުކުނެވެ. އެހެންކަމުން ޒަކާތް ދެއްކުމުގެ ޝަރުތު ފުރިހަމަވާ ކޮންމެ މުސްލިމަކު ޒަކާތް ދެއްކުމަކީ ވާޖިބެކެވެ.

ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން މުދަލުގެ ޒަކާތް ބަލައިގަންނަމުން ދަނީ މީރާއިންނެވެ.

comment ކޮމެންޓް