ޕާކިސްތާނަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ހަރަދު ކުޑަ ކުރުމުގެ ގޮތުން އެ ގައުމުގެ ރައްޔިތުން ސައި ބޯ މިންވަރު މަދު ކުރުމަށް އެ ގައުމުގެ ސަރުކާރުން އެދެފިއެވެ.
ބޭރު ފައިސާގެ ރިޒާވް ދަށްވެ ޕާކިސްތާނުގައި މިހާރު ހުރީ ދެ މަސް ދުވަހަށް ވުރެން ކުރު މުއްދަތަކަށް މުދާ އެތެރެ ކުރެވޭހާ ފައިސާއެވެ.
ޕާކިސްތާނަކީ ދުނިޔޭގައި އެންމެ ގިނައިން ސައިފަތް އެތެރެކުރާ ގައުމެވެ. މިދިޔަ އަހަރު ވެސް އެ ގައުމަށް 600 މިލިއަން ޑޮލަރުގެ ސައިފަތް ވަނީ އެތެރެ ކޮށްފައެވެ.
ޕާކިސްތާނުގެ ސީނިއާ މިނިސްޓަރު އަހުސަން އިގްބާލް އެ ގައުމުގެ ނޫސްތަކަށް ބުނެފައިވާގޮތުގައި އިމްޕޯޓް މަދު ކުރުމަށްޓަކައި ސައި ބޯ މިންވަރު މަދު ކުރަން ޖެހެއެވެ.
"އަޅުގަނޑު ގައުމަށް އިލްތިމާސް ކުރަން ސައި ބޯއިރު ދެ ތަށި ނުވަތަ އެއް ތަށި މަދު ކުރުމަށް، ސަބަބަކީ އަޅުގަނޑުމެން ލޯނު ނަގައިގެން ސައި އެތެރެކުރާތީ،" އިގްބާލް ވިދާޅުވިއެވެ.
މި އާދޭސް ސަރުކާރުން ކޮށްފައި މި ވަނީ ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވް ހަލުވިކަމާއެކު ދަށަށްދާ ދަނޑިވަޅެއްގައެވެ. އަދި އިމްޕޯޓް ކުރުމަށް ކުރާ ބޮޑު ހަރަދުތައް ކުޑަކުރުމަށާއި އެ ގައުމުގައި ފައިސާ ބެހެއްޓުމަށް ސަރުކާރަށް ޕްރެޝަރު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ސައި ބުއިން މަދުކުރުމަށް ގޮވާލައި އެ ގައުމުގެ ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު، އެފަދަ ބުއިންތައް މަދުކޮށްގެން އެ ގައުމަށް ދިމާވެފައިވާ ބޮޑެތި މާލީ މައްސަލަތައް ހައްލުކުރެވޭނެ ކަމަށް ގިނަ ބަޔަކު ޝައްކު ކުރެއެވެ.
ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވް ފެބްރުއަރީ މަހު ގާތްގަނޑަކަށް 16 ބިލިއަން ޑޮލަރުގައި ހުރުމަށް ފަހު ޖޫން މަހުގެ ފުރަތަމަ ހަފްތާގައި ވަނީ 10 ބިލިއަން ޑޮލަރަށް ވުރެ ދަށަށް ގޮސްފައެވެ. އެއީ އެގައުމުގެ ހުރިހާ އިމްޕޯޓެއްގެ ދެ މަސް ދުވަހުގެ ހަރަދު ފޫބެއްދުމަށް ކިރިޔާވާ ވަރެވެ.
ޕާކިސްތާނަށް މިހާރު ދިމާވެފައިވާ އިގްތިސާދީ ދަތިކަމަކީ އާ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ސަރުކާރަށް ކުރިމަތިވެފައިވާ ބޮޑު އިމްތިހާނެކެވެ.
މިދިަ އޭޕްރީލް މަހު ޝެހްބާޒް ޝަރީފް ބޮޑުވަޒީރު ކަމަށް އައްޔަން ކުރީ، އޭރު އެ މަގާމުގައި ހުންނެވި އިމްރާން ޚާންގެ އިތުބާރު ނެތް ކަމަށް ޕާކިސްތާނުގެ ޕާލިމެންޓުން ފާސްކުރުމުންނެވެ.