ޔޫރަޕްގެ އިއްތިހާދުން ވަކިވުމުގެ ސަބަބުން އިނގިރޭސިވިލާތަށް 38 ބިލިޔަން ޑޮލަރުގެ ގެއްލުމެއް

ބޮރިސް ޖޯންސަން

ލަންޑަން (14 ޖޫން 2022): ޔޫރަޕްގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުން (ބްރެކްސިޓް)ގެ ސަބަބުން އިނގިރޭސި އިގްތިސާދަށް 31 ބިލިއަން ޕައުންޑު ނުވަތަ 38 ބިލިއަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ވެފައިވާކަން ހާމަވެއްޖެއެވެ.

ބްރެކްސިޓްއާ ބެހޭ ގޮތުން "ސެންޓާ ފޯ ޔޫރަޕިއަން ރިފޯމް" (ސީއީއެފް)އިން ކުރި ދިރާސާއަކަށް ފަހު ނެރުނު ރިޕޯޓެއްގައި ވާގޮތުން ބްރެކްސިޓްގެ ސަބަބުން އިނގިރޭސި އިގްތިސާދަށް 38 ބިލިއަން ޑޮލަރުގެ ބޮޑު ގެއްލުމެއްވެ އިނގިރޭސި އިގްތިސާދަށް ވަނީ 5.2 އިންސައްތައިގެ ހީނަރުކަމެއް ކުރިމަތިވެފައެވެ. މިގެއްލުން ފޫބެއްދުމަށް އަހަރުތަކެއް ނަގާނެ ކަމަށްވެސް އެރިޕޯޓް ބުނެއެވެ.

ބްރެކްސިޓްގެ ސަބަބުން އިނގިރޭސި އިގްތިސާދަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި އިނގިރޭސިވިލާތުގެ އުފެއްދުންތަކަށް މާކެޓް ލިބުން ދަތިވުމާއި ޔޫރަޕްގެ ގައުމުތަކުން އިނގިރޭސިވިލާތަށް އެތެރެކުރާ ތަކެތީގެ އަގުތައް ބޮޑުވެ އިންފްލޭޝަން މައްޗަށް ދިޔުމާއި އިނގިރޭސި ރައްޔިތުންގެ ޖީބުތަކަށް ބާރުބޮޑުވުން ނުވަތަ ޕާޗޭސިން ޕަވާ ދަށަށްދިޔުން ހިމެނެއެވެ.

މި ރިޕޯޓް ބުނާގޮތުން އިގްތިސާދީ ގޮތުން އިނގިރޭސިވިލާތާ އެއް ލެވެލްގެ ގައުމުތަކާ އަޅާ ބަލާއިރު، ބްރެކްސިޓްއަށް ފަހު އިނގިރޭސިވިލާތަށް ލިބޭ ބޭރުގެ އިންވެސްޓްމަންޓް ވަނީ 13.7 އިންސައްތައަށް ދަށަށް ގޮސްފައެވެ. އަދި އިންޕޯޓް އެކްސްޕޯޓް ފަދަ ވިޔަފާރީގެ މުއާމަލާތްތައް ވަނީ 13.6 އިންސައްތައަށް ދަށަށް ގޮސްފައެވެ. މިކަމުގެ ސަބަބުން އިނގިރޭސިވިލާތުގެ ޖީޑީޕީއަށް ވެސް ވަނީ އެނގުންވެފައެވެ.

އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދުން ވަކިވުމަށް ވަކާލާތު ކުރެއްވި އިސް ސިޔާސީ ފަރާތްތަކުގެ ކުރީ ސަފުގައި އެގައުމުގެ މިހާރުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ހިމެނިވަޑައިގަންނަވައެވެ. އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިހާދުގައި އޮތުމުން ގެއްލުން ލިބޭކަމަށް ވިދާޅުވެ ހަގީގަތާ ޚިލާފު ވާހަކަ ދައްކަވައި އިނގިރޭސި އާންމުންނަށް އޮޅުވާލުމަށް ބުހުތާން ދޮގު ހެއްދެވި ކަމުގެ ތުހުމަތު ޖޯންސަންގެ މައްޗަށް ކުރެވެއެވެ.

ޖޯންސަންގެ މައްޗަށް މި ތުހުމަތުތައް ކުރެވުނީ ބްރެކްސިޓްއާ ބެހޭ ގޮތުން އިނގިރޭސި ރައްޔިތުން ދެކޭގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓު ނެގުމަށް ތައްޔާރުވަމުން ދިޔަ ދުވަސްވަރުގައެވެ.

ބްރެކްސިޓްގެ ސަބަބުން އިނގިރޭސި ސަރުކާރަށް ލިބޭ ގެއްލުންތައް ފޫބެއްދުމަށްޓަކައި ޓެކްސް ބޮޑުކުރުމަށްވެސް އެގައުމަށްވަނީ މަޖްބޫރުވެގެން ގޮސްފައެވެ. މިކަން ކުރެއްވީ އިނގިރޭސި މާލީވަޒީރު ނުވަތަ "ޗާންސެލާ އޮފް ދި އެކްޗެކާ" އެވެ. ޓެކްސް ބޮޑުކުރުމުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށްވަނީ ގެއްލުންތަކާ ކުރިމަތިލާން ޖެހިފައެވެ.

އިނގިރޭސިވިލާތަކީ އެންމެ ބޮޑަށް ކުރިއަރާފައިވާ އޯއީސީޑީގެ ގައުމެކެވެ. އޯއީސީޑީއަކީ "އޮގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް"ގައި ހިމެނޭ ގައުމުތަކެވެ. މިގައުމުތަކަށް ބަލާއިރު 2019އިން ފެށިގެން އިގްތިސާދު އެންމެ ބޮޑަށް މަޑުޖެހިފައިވާ އޯއައިސީޑީގެ ހައެކަނި ގައުމަކީ އިނގިރޭސިވިލާތެވެ.

މިއީވެސް ބްރެކްސިޓްގެ ސަބަބުން އިނގިރޭސީންނަށް ކުރިމަތިވި މައްސަލައެއްކަމަށްވަނީ ބެލެވިފައެވެ.

comment ކޮމެންޓް