އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން ނެރޭ ވިޕްލައިނާ ޚިލާފުވުމުން ފިޔަވަޅު އަޅަން ނުޖެހޭ ކަމަށް ބުނުމަކީ ހުތުރު، އަދި ހިތާމަހުރި ކަމެއްކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ޕާޓީގެ ތެރޭގައި ކަންކަން ކުރުމުގައި މެޖޯރިޓީ ގެއްލޭ ކޮންމެ ފަހަރަކު ކަންކަން ކުރަން އޮންނަ ގޮތާއި ޚިލާފުވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.
''އަޅުގަނޑުމެން އެމްޑީޕީ ތެރޭގައިވެސް ޗެއާޕާސަންކަން ކުރެއްވި ބޭފުޅުންނާއި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ތިއްބަވާ ވިޕްލައިންތަކާ ޚިލާފުވާ ފަރާތްތަކާއިމެދު އެޅުއްވި ފިޔަވަޅުތައް އަލުން އަޅަން ނުޖެހޭނެކަމަށް ހަމަ މަޤާމު ގެއްލޭއިރަށް ވިދާޅުވަމުން ގެންދިޔުމަކީ އެއި ހިތާމަހުރި ހުތުރު، ދެރަވަރުގެ ކަމެއް.'' އަނދުން ހުސައިން ވިދާޅުވިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުން ޙުސައިން ޝަމީމް ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުންނެވެ.
އެމްޑީޕީ ޕީޖީން އެގޮތަށް ނިންމުމާއެކު އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ވަނީ ޕީޖީ ޝަމީމްގެ ދިފާއުގައި ނިކުންނަވާނެ މަޖިލިސް މެންބަރުންގެ ލިސްޓެއްވެސް އާންމުކޮށްފައެވެ.
އޭގެ ތެރޭގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން 18 މެންބަރަކު ހިމެނިވަޑައިގަންނަވައެވެ.
އަދި ކަންކަން ނިންމުމުގެ ކުރިން ބަހުސް ކުރަން ޖާގަ ނުދީ ނެރޭ ވިޕްލައިނަކަށް ތަބާ ނުވާނެ ކަމަށްވެސް ވިޕްލައިންއާއި އެއްގޮތަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް އިއުލާން ކޮށްފައިވާ މެންބަރުންގެ ތެރޭގައި ހިމެނޭ، ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕުގެ މެޖޯރިޓީއާ ނަޝީދު ހިލާފު ވެފައިވާތީ ގިނަ މެމްބަރުންތަކެއް ގެންދަވަނީ މެޖޯރިޓީއަށް ތަބާވާން ޖެހޭނެ ކަމަށް ވިދާޅުވެ ރައްދު ދެއްވަމުންނެވެ.