ބަހުސް ކުރަން ޖާގަ ނުދޭނަމަ ވިޕްލައިނަށް ތަބައެއް ނުވާނަން، ހަދާނެ އެއްޗެއް ހަދާ: އީވާ

ރައީސް މުޙައްމަދު ނަޝީދާއި އީވާ ޢަބްދުﷲ-- ސަން ފައިލް ފޮޓޯ

ކަންކަން ނިންމުމުގެ ކުރިން ބަހުސް ކުރަން ޖާގަ ނުދީ ނެރޭ ވިޕްލައިނަކަށް ތަބާ ނުވާނެ ކަމަށާއި "ހަދާނެ އެއްޗެއް ހަދަންވީ" ކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަގާމުން ވަކިކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން އިއްޔެ ނިންމާފައިވާއިރު އެކަމާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ދެކޮޅު ހައްދަވާފައެވެ. އަދި އެ ވިޕްލައިނާ ހިލާފުވާނެ މެމްބަރުން ނަން ނޯޓްކުރިއިރު އީވާ ވެސް ހިމެނޭގޮތަށް ނަޝީދުގެ ކޮޅަށް އެރީ 18 މެމްބަރުންނެވެ.

ޕާލަމެންޓްރީ ގުރޫޕުގެ މެޖޯރިޓީއާ ނަޝީދު ހިލާފު ވެފައިވާތީ ގިނަ މެމްބަރުންތަކެއް ގެންދަވަނީ މެޖޯރިޓީއަށް ތަބާވާން ޖެހޭނެ ކަމަށް ވިދާޅުވެ ރައްދު ދެއްވަމުންނެވެ.

އެކަމަށް ރައްދު ދެއްވައި ޕާލަމެންޓްރީ ގުރޫޕުގެ ވަޓްސްއަޕް ގުރޫޕަށް އީވާ ފޮނުއްވި މެސެޖެއްގައި މިއަދު ވިދާޅުވީ މެޖޯރިޓީއަށް ތަބާވުމަކީ ޑިމޮކުރަސީގެ އެއް ސިފަ ކަމަށް ވީނަމަވެސް މައިނޯރިޓީއަށާއި މައިނޯރިޓީގެ ބަހަށް ޑިމޮކުރަސީގައި ޖާގަ އޮންނަން ޖެހޭ ކަމަށެވެ.

"އެއީ ޕާޓީގެ އެތެރޭގައި ކަމަށް ވިޔަސް. މަޖިލިސްގައި ވިޔަސް. ކޮމެޓީއެއްގައި ވިޔަސް. ކޮންމެ ބަހުސްއެއްގައި ވިޔަސް. މެޖޯރިޓީ އޮތަސް މައިނޯރިޓީއާ އަދި އެހެން ހިޔާލުތަކަށް ޖާގަ އޮތުން،" އީވާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މެޖޯރިޓީއަށް ތަބާވުމަކީ އެމްޑީޕީގެ އަސާސްތަކާ ހިލާފަށް މަޝްވަރާ އާއި ބަހުސަށް ޖާގަ ބަންދު ކުރުން ނޫން ކަމަށެވެ.

"އަޅުގަނޑު ހަމަ ގައިމުވެސް ބަހުސަށް ޖާގަ ނުދޭ ވިޕްލައިންއަކަށް ތަބާވާކަށް ބޭނުމެއް ނޫން. ހަދާނެ އެއްޗެއް ހަދާ،" އީވާ ވިދާޅުވިއެވެ.

"އަޅުގަނޑު އިންތިހާބު ކުރީ ބަހުސް ކުރަން. އެޅިހާ ބަތަކަށް ރިހަ ވާކަށް ނޫން. އެއީ އެމްޑީޕީގެ އެތެރޭން ވިޔަސް."

އެމްޑީޕީގެ 65 މެމްބަރުން ތިއްބަވާއިރު އޭގެ ތެރެއިން ނަޝީދު ފަޅީގައި ތިއްބެވީ 18 މެމްބަރުންނެވެ. އަނެއް 46 މެމްބަރުން ތިއްބެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއެކުއެވެ.

ނަޝީދު ފަޅީގައި ތިއްބެވި މެމްބަރުން

  • މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުالله
  • ވިލުފުށީ ދާއިރާ މެންބަރު ޙަސަން އަފީފް
  • ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ޙަސަން ލަތީފް
  • މާފަންނު އުތުރު ދާއިރާ މެމްބަރު އިމްތިޔާޒު ފަހުމީ
  • ހުޅުދޫ ދާއިރާ މެންބަރު އިލްޔާސް ލަބީބް
  • މެދު ހެންވޭރު ދާއިރާ މެންބަރު ޢަލީ އާޒިމް
  • ތޮއްޑޫ ދާއިރާ މެންބަރު ޙަސަން ޝިޔާން
  • އުނގޫފާރު ދާއިރާ މެންބަރު މުޙައްމަދު ވަހީދު
  • ވެލިދޫ ދާއިރާ މެންބަރު މުޙައްމަދު އަބްދުﷲ ޝަފީގު
  • މައްޗަންގޮޅި އުތުރު ދާއިރާ މެންބަރު މުޙައްމަދު ރަޝީދު
  • ގައްދޫ ދާއިރާ މެންބަރު އަޙްމަދު ޒާހިރު
  • ފޮނަދޫ ދާއިރާ މެންބަރު މޫސާ ސިރާޖް
  • ބިލެއްދޫ ދާއިރާ މެންބަރު ދޮންބިލެތް އަޙްމަދު ހަލީމް
  • މާފަންނު މެދު ދާއިރާ މެންބަރު އިބްރާހީމް ރަޝީދު
  • ފަރެސްމާތޮޑާ ދާއިރާ މެންބަރު ޙުސައިން ފިރުޝާން
  • ހެންވޭރު އުތުރު ދާއިރާ މެންބަރު އިބްރާހީމް މުއިއްޒު
  • ގަލޮޅު ދެކުނު ދާއިރާ މެންބަރު މީކާއިލް ނަސީމް
  • ކަނޑިތީމު ދާއިރާ މެންބަރު މުޙައްމަދު ޝަހީމް

ޒަމާންވީ ދެ އެކުވެރިން ކަމަށްވާ ނަޝީދާއި ރައީސް ޞާލިހުގެ ގުޅުން މިވަނީ ވަރަށް ގޯސްވެފައެވެ. ނަޝީދުގެ އިތުރުން ރައީސް ޞާލިހު ވެސް ވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވައިފައެވެ.

comment ކޮމެންޓް