ބައިނަލްއަގުވާމީ ޗެސް މުބާރާތެއް މި މަހު އުކުޅަހުގައި ބާއްވަނީ

އޭޝިއަން ޖޫނިއާ ޗެސް ޗެމްޕިއަންޝިޕް 2022ގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް ވާހަކަ ދައްކަނީ --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން

އޭޝިއަން ޖޫނިއާ ޗެސް ޗެމްޕިއަންޝިޕް 2022 އއ. އުކުޅަހުގައި ބޭއްވުމަށް ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.

މިއަދު ޔޫތު ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފް ވިދާޅުވީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް އުކުޅަހުގައި ބޭއްވޭނެކަމަށެވެ.

ދުނިޔޭގެ އެކި ގައުމުތަކުން ރާޒުވާ ކުޅޭ ކުޅުންތެރިން ބައިވެރިވާ އެ މުބާރާތް އުކުޅުަހުގައި ބޭއްވުމަށް ނިންމީ އަތޮޅު ތެރޭގައި ކުޅިވަރު ކުރިއަރުވައި ކުޅިވަރުގެ ފޯރި ގަދަކުރުންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ޒަމާނުއްސުރެ މާލެއަށް ހުރިހާކަމެއް ބަރޯސާވެ މާލޭގެ މުބާރާތްތައް ވެސް ހޯސްޓުކުރާ ވާހަކަ ދެކެވެމުންދޭ. އެކަން ބަދަލުކުރުމުގެ ގޮތުން އަޅުގަނޑުމެން ޗެސް މުބާރާތް އުކުޅަހަށް މި ގެންދަނީ،" މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް ވިދާޅުވީ ނުވަ ގައުމަކުން 180 ކުޅުންތެރިންނާއި އެކުދިންގެ ބެލެނިވެރިން އެ މުބާރަތަށް ރާއްޖެ އަންނާނެކަމަށެވެ.

އުކުޅަހުގައި އެ މުބާރާތް ކުޅުމަށް ހަމަޖެއްސީ ކުރު މުއްދަތެއްގެ ތެރޭގައި އެފަދަ މުބާރާތެއް ބޭއްވޭނެފަދަ މާހައުލެއް އެ ރަށުގައި އޮތުމުންކަމަށް މަހުލޫފް ވިދާޅުވިއެވެ.

އެ ރަށުގައި ޤާއިމްކޮށްފައިވާ ކޮންވެންޝަން ސެންޓަރުގައި ބައިނަލްއަޤްވާމީ ރާޒުވާ މުބާރާތެއް ކުޅެވޭނެފަދަ ފެސިލިޓީތަކެއް ގާއިމްކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެ މުބާރާތް ބާއްވާ ދުވަސްވަރު މޫސުން ރަނގަޅުނަމަ ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ މުބާރާތެއްގައި ބީޗް ޗެސް ވެސް ކުޅެވޭނަކަމަށް މަހުލޫފް ވިދާޅުވިއެވެ.

އެނާ ވިދާޅުވީ ކުޅިވަރަށް ގެންނަންޖެހޭ އިންގިލާބީ ބަދަލު ހުރިހާ ކުޅިވަރަކަށް ވެސް ގެނައުމަށް މި ސަރުކާރުން މަސައްކަތް ކުރާކަމަށެވެ. އަދި އެ ބަދަލުގެ ތެރެއިން ރާއްޖޭގައި ބައިނަލްއަޤްވާމީ ރާޒުވާ މުބާރާތެއް މި ބާއްވަނީ މުޅިން އަލަށް ކަމަށް މަހުލޫފް ވިދާޅުވިއެވެ.

"ކުޑަ ކުޅިވަރެއް، ބޮޑު ކުޅިވަރެއް ނުބަލާ ހުރިހާ ކުޅިވަރުތަކަކަށް ވެސް ހަމަހަމަކަމާއެކީގަ ފުރުސަތު ހަމަ ފޯރުކޮށްދިނުމުގެ ވިސްނުމުގަ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ،" މަހުލޫފް ވިދާޅުވިއެވެ.

މި މުބާރާތަށް ފަހު އަންނަ މަހު އޭޝިއަން ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ބޮޑީ ބޯޑިންގެ ބައިނަލްއަޤްވާމީ ފެންވަރުގެ މުބާރާތެއް ވެސް މިއަހަރު ބާއްވާނެކަމަށް މަހުލޫފް ވިދާޅުވިއެވެ.

comment ކޮމެންޓް