ޕީޖީ ޝަމީމް ވަކިކުރުމާ ދެކޮޅަށް ނަޝީދާ އެކު އެމްޑީޕީގެ 18 މެންބަރަކު ތެދުވެއްޖެ

ރައީސް މުޙައްމަދު ނަޝީދު އަދި ޕީޖީ ޝަމީމް: ޕީޖީ ޝަމީމުގެ ދިފާއުގައި ނަޝީދު ވަނީ ނިކުންނަވާފައި ----

ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުން ޙުސައިން ޝަމީމް ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ނިންމި ނިންމުމާ ދެކޮޅަށް އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާ އެކު 18 މެންބަރަކު ތެދުވެއްޖެއެވެ.

ޝަމީމް ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 21 މެންބަރުންގެ ތެރެއިން 17 މެންބަރުންގެ ވޯޓުންނެވެ.

އެމްޑީޕީ ޕީޖީން އެގޮތަށް ނިންމުމާއެކު އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕްގައި ވަނީ ޕީޖީ ޝަމީމްގެ ދިފާއުގައި ނިކުންނަވާނެ މަޖިލިސް މެންބަރުންގެ ލިސްޓެއް އާންމުކޮށްފައެވެ.

އެ ލިސްޓް ވަޓްސް އެޕް ގުރޫޕަށް ފޮނުއްވީ އެ ޕާޓީގެ ކުރީގެ ޗެއާޕާޝަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

އެ ގްރޫޕަށް ހަސަން ލަތީފް ފޮނުއްވި މެސެޖުގައި ވަނީ, ޕީޖީން ކަންކަން ނިންމަމުން ގެންދާ ގޮތަށް ބަލައި ކޮންމެ ފަހަރަކު ވިޕްލައިނާ އެއްގޮތަށް ވޯޓުލާން ބޭނުންނުވާ މެންބަރުން ނަން ނޯޓު ކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

"އާންމު މެންބަރުންނަށް ސާފުވާނެ. ސާފުވާނެ އަޅުގަނޑުމެން އެގޮތަށް ވޯޓުލާ ސަބަބު. އަޅުގަނޑު އުންމީދުކުރަނީ އާންމު މެންބަރުން އަޅުގަނޑުމެން ޕާޓީން ވަކި ނުކުރާނެ ކަމަށް," ހަސަން ލަތީފް ފޮނުއްވި މެސެޖުގައި ލިޔުއްވާފައިވެއެވެ.

އެ ލިސްޓުގެ ދެވަނައަށް ނަން ޖެއްސެވީ ރައީސް ނަޝީދެވެ. ހަވީރު ފަހެއް ޖެހުމާ ހަމައަށް އެ ލިސްޓްގައި ވަނީ އެމްޑީޕީ ޕާލަމެޓްރީ ގްރޫޕްގެ 18 މެންބަރުންގެ ނަން ހިމަނުއްވާފައެވެ.

އެ ލިސްޓުގައި ތިއްބެވީ ރައީސް ނަޝީދަށް ތާއިދުކުރައްވާ މެންބަރުން އެކަންޏެވެ.

ޕީޖީ ޝަމީމް ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ފާސްކުރި ނަމަވެސް އެ މައްސަލައިގައި ވަކި ގޮތަކަށް ވޯޓު ދެއްވުމަށް އަދި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ވިޕް ލައިނެއް ނުނެރެއެވެ.

comment ކޮމެންޓް