ޕީއެސްޖީއިން އެ ޓީމުގެ ކޯޗު ޕޮޗެޓީނޯ ދޫކޮށްލަނީ

ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ---

ޕީއެސްޖީން އެ ޓީމުގެ ކޯޗުގެ މަގާމުގައިހުރި މައުރީސިއޯ ޕޮޗެޓީނޯ ދޫކޮށްލަން ނިންމައިފިއެވެ.

ސްކައި ސްޕޯޓްސްއިން ރިޕޯޓުކޮށްފައި ވާގޮތުގައި ޕޮޗެޓީނޯ އެ ޓީމުން ބޭރުކުރުމަށް ކުރަންޖެހޭ ކަންކަން ޕީއެސްޖީން ދަނީ ކުރަމުންނެވެ.

ނިމިދިޔަ ސީޒަނުގައި ޕީއެސްޖީގައި އޮތް ވަރުގަދަ ސްކޮޑާއެކު ވެސް ޗެމްޕިއަންސް ލީގު ގަދަ 16 އިން އެ ޓީމު ކެޓުމާއެކު ޕޮޗެޓީނޯ އެ ޓީމުގައި މަޑުކުރުމާ މެދު އޭރު ވެސް ވަނީ ސުވާލު އުފެދިފައެވެ.

ޕީއެސްޖީއަށް ޗެމްޕިއަންސް ލީގު ހޯދުމުގެ އަމާޒުގައި އެ ޓީމުން މިދިޔަ ސީޒަނަށް ވަނީ ވަރުގަދަ ޓީމެއް ބިނާކޮށްފައެވެ. ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނަލް މެސީގެ އިތުރުން މެދުތެރެއަށް ލިވަޕޫލަށް ކުޅުނު ގިނީ ވައިނާލްޑަމްއާއި ޑިފެންސްލައިނަށް ރެއާލް މެޑްރިޑަށް ކުޅުނު ދުނިޔޭގެ އެންމެ މޮޅު އެއް ޑިފެންޑަރު ސާޖިއޯ ރާމޯސްގެ އިތުރުން އަޝްރަފް ހަކީމީ ވަނީ އެ ޓީމަށް ގެނެސްފައެވެ.

ޕޮޗެޓީނޯ އެ މަގާމުން ދުރުކޮށް ޕީއެސްޖީން މަސައްކަތްކުރަނީ ރެއާލްއަށް ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގު ހޯދައިދިން ޒައިނުއްދީން ޒިދާން އެ މަގާމަށް ގެނައުމަށެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މިހާރު އެ ކުލަބުގެ ވެރިން ޒިދާނާއެކު ދަނީ ވާހަކަ ދައްކަމުންނެވެ.

މީގެ އިތުރުން ބާސެލޯނާގެ ކޯޗު ޒަވީ ހަނާންޑޭޒް އަކީ ވެސް އެ ޓީމުން ފާރަލާ ކޯޗެކެވެ. ގަތަރުގެ ކުލަބެއްކަމަށްވާ އަލް ސަދްއަށް ކުޅުމަށް ފަހު އެ ޓީމަށް ކޯޗުކޮށްދިން ޒަވީ އެ ޓީމުގެ ކޯޗުގެ މާގަމަށް ގެނައުމަށް ޕީއެސްޖީ ހިންގާ ގަތަރުގެ ވެރިން މީގެ ކުރިން ވެސް ވަނީ ބޭނުންވެފައެވެ.

ނަމަވެސް އަލް ސަދް ސީޒަންގެ މެދުތެރެއިން ދޫކޮށްލުމަށްފަހު ބާސެލޯނާގެ ކޯޗު ކަމާ ޒަވީ ވަނީ ހަވާލުވެފައެވެ. ނަމަވެސް މިހާރު ވެސް ޕީއެސްޖީން އޭނާ އެ ޓީމަށް ގެންދިއުމަށް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ޕީއެސްޖީގެ މިހާރުގެ ކޯޗު ޕޮޗެޓީނޯ އެ ޓީމާ ހަވާލުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހުގައެވެ. ތޯމަސް ޓުޗެލްގެ ބަދަލުގައި ކޯޗަކަށް ހަމަޖެއްސި ޕޮޗެޓީނޯ ވަނީ ޓޮޓެންހަމްގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ. އޭގެކުރިން ސައުތްހެމްޓަންއަށް ވެސް އޭނާ އިރުޝާދު ދިނެވެ. ނަމަވެސް 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޓޮޓެންހަމްގެ ކޯޗުކަމުން ވަކިކުރި ފަހުން އޭނާ ހުރީ ކްލަބަކާ ހަވާލުނުވެއެވެ. ޕޮޗެޓީނޯއަކީ ކުރިން ޕީއެސްޖީއަށް ކުޅުނު ކުޅުންތެރިއެއް ވެސް މެއެވެ.

comment ކޮމެންޓް