ޕިރްލޯ ތުރިކީ ލީގުގެ ފަތިހް ކަރަގަމްރާ އެސްކޭއާ ގުޅިއްޖެ

ޕިރްލޯ ފަތިހް ކަރަގަމްރާ އެސްކޭއާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން---

ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތިރިޔާ އަދި ޔުވެންޓަސްގެ ކުރީގެ ކޯޗު އަންދްރޭ ޕިރްލޯ ތުރުކީގެ ޓީމެއްކަމަށްވާ ފަތިހް ކަރަގަމްރާ އެސްކޭއާ ގުޅިއްޖެއެވެ.

ތުރުކީގެ ސުޕްލީގުގައި ކުޅޭ ފަތިހް ކަރަގަމްރާއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އެ ޓީމުގެ ކޯޗެއްގެެ ގޮތުގައި ޕިރްލޯ މަސައްކަތް ކުރާނެކަމަށެވެ.

މީގެ އިތުރުން އޭނާ އެ ޓީމާ ހަވާލުވެ ނޫސްވެރިންނާ ބައްދަލުކުރުން މި މަހުގެ 14 ވަނަ ދުވަހު އޮންނާނެކަމަށް ވެސް އެ ޓީމުން ބުންޏެވެ.

ޔުވެންޓަސްގެ ކޯޗުކަމާ ޕިރްލޯ ހަވާލުވެ 2021 ވަނަ އަހަރު އެ ޓީމަށް އިޓާލިއަން ލީގު ނުހޯދުމުން އޭނާ އެ މަގާމުން ވަކިކޮށް ޔުވެންޓަސްގެ ކުރީގެ ކޯޗު މަސިމިލިއާނޯ އެލެގްރީ އެ މަގާމަށް ވަނީ އަލުން ގެނެސްފައެވެ.

ޕިރްލޯ ޔުވެންޓަސްގެ ކޯޗުކަމަށް ގެނައިގޮތުން އެ ޓީމުގެ ސަޕޯޓަރުންނަށް ލިބުނީ ޝޮކެކެވެ. އެ އަހަރުގެ ޗެމްޕިއަންސް ލީގުން އެ ޓީމު ކެޓުމުން އޭރު ކޯޗުގެ މަގާމުގައި ހުރި މައުރީޒިއޯ ސާރީ ވަކިކުރުމަށްފަހު ހުސްވެފައިވާ ކޯޗުގެ މަގާމަށް އޭރު ޕްރޮފެޝަނަލް ފުޓުބޯޅައިގައި ކޯޗުކަން ކުރުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ޕިރްލޯ ވަނީ ހަމަޖައްސައިފައެވެ.

ޔުވެންޓަސްއިން 2012 ވަނަ އަހަރުން ފެށިގެން ހޯދަމުން އައި ލީގު ތަށި ދިފާއު ނުކުރެވި, އެ ޓީމަށް އެ ސީޒަން ނިންމާލަން ޖެހުނީ ތާވަލުގެ ހަތަރުވަނައިގައި އޮވެއެވެ.

ކޯޗިންގް ދާއިރާގައި ތަޖުރިބާ މަދު ނަމަވެސް ޕިރްލޯ އަކީ މި ޖީލުގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. އިޓަލީއަށް 2006 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ޕިރްލޯ އެންމެ ބޮޑަށް ފާހަގަވީ 2001-2011 އަށް އޭސީ މިލާނުގައި ކުޅުނު ދުވަސްވަރުއެވެ.

އެ ޓީމާ އެކު ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކުރުމަށްފަހު، ޔުވެންޓަސް އަށް ބަދަލުވެ އެ ޓީމާ އެކު ހަތަރު ފަހަރު އިޓާލިއަން ލީގު އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް