ޗެލްސީގައި 'ބާކީ'ވެފައި ހުރި ލުކާކޫ 30 މިލިއަން ޕައުންޑަށް ނަޕޯލީއަށް

ރޮމޭލޫ ލުކާކޫ: އޭނާ ވަނީ ނަޕޯލީއަށް ބަދަލުވެފައި -- ފޮޓޯ/ ސްކައި ސްޕޯޓްސް

އިޓާލިއަން ސެރީއާގެ ނަޕޯލީން, އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީއަށް ނިސްބަތްވާ ބެލްޖިއަމްގެ ފޯވަޑް ރޮމެލޫ ލުކާކޫގެ ސޮއި ހޯދައިފިއެވެ.

ކުޅިވަރު ރިޕޯޓުތައް ބުނާ ގޮތުގައި ނަޕޯލީން ލުކާކޫ ގެންގޮސްފައިވަނީ 30 މިލިއަން ޕައުންޑްގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަޕޯލީން ލުކާކޫ ގެންގޮސްފައިވަނީ އެ ޓީމުގެ އާ ކޯޗު އެންޓޯނިއޯ ކޮންޓޭގެ އެދުމުގެ މަތިންނެވެ.

ލުކާކޫވަނީ ކޮންޓޭ އިންޓާ މިލާނަށް 2019 އިން 2021 އަށް ކޯޗު ކޮށްދިންއިރު ކާމިޔާބު ދެ ސީޒަން އެކުގައި ހޭދަކޮށްފައެވެ. ލުކާކޫވަނީ 2021 ވަނަ އަހަރު 97.5 މިލިއަން ޕައުންޑްގެ އަގަކަށް ޗެލްސީއަށް ބަދަލުވެފައެވެ. ނަމަވެސް، އެކަން މާ ރަނގަޅަށް ނުގޮސް ލުކާކޫވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ދެ ފަހަރެއްގައި އިޓާލިއަން ސެރިއާގައި ކުޅެފައެވެ. ފުރަތަމަ ފަހަރު އިންޓާއަށް އަދި ފަހުން އޭއެސް ރޯމާ އަށެވެ.

ކޮންޓޭ ބުނީ، ކުރިއަށް އޮތް ހަފުތާ ބަންދުގައި ޕާމާއާ ދެކޮޅަށް ކުޅޭ މެޗުގައި ލުކާކޫ ފެންނާނެ ކަމަށެވެ. ލުކާކޫގެ އިތުރުން ޗެލްސީއަށް ކުޅޭ ޓީނޯ އެންޖޮރިން ވެސް ވަނީ އިޓާލިއަން ސެރީއާގެ އެމްޕޯލީއަށް ބަދަލުވެފައެވެ.

ނަޕޯލީއިން ލުކާކޫ ގެންދިޔައިރު އެ ޓީމަށް ކުޅޭ ނައިޖީރިއާގެ ފޯވަޑް ވިކްޓާ އޮސިމްހޭން ވިއްކާލުމާ ގުޅޭގޮތުން އެ ޓީމުން އަންނަނީ ޗެލްސީއާއި ސައުދީ ޕްރޯ ލީގުގެ އަލް އަހްލީއާ ވެސް ވާހަކަދައްކަމުންނެވެ.

ލުކާކޫ ޗެލްސީއަށް ބަދަލުވި ބަދަލުވުން ވެފައިވަނީ ދެ ފަރާތަށް ވެސް ވަރަށް ނާކާމިޔާބު ވިޔަފާރިއަކަށެވެ. މިގޮތުން، ލުކާކޫއަށް އޭނާގެ މޮޅު ކުޅުން ޗެލްސީގައި ދެއްކޭގޮތެއް ނުވިއެވެ. މީގެ އިތުރުން، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އޭނާގެ ކަކުލަށް ލިބުނު އަނިޔާއަށް ފަހު ފުރަތަމަ 11އިން ޖާގަ ލިބުން މަދުވިއެވެ.

އެ ދުވަސްވަރާ ދިމާކޮށް އޭނާ ދިން އިންޓަވިއުއެއްގައި ދުނިޔޭގައި އެންމެ މޮޅު ތިން ޓީމަކީ ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި ބަޔޭން މިޔުނިކް ކަމަށް ބުނުމުން އެ ކްލަބްގެ ސަޕޯޓަރުންގެ ނުރުހުން އޭނާއަށް އަމާޒުވެ، ޓީމުން އިތުރަށް ބާކީވެގެންދިޔައެވެ.

އޭނާ އެންމެ ފަހުން ޗެލްސީއަށް ކުޅެފައިވަނީ 2022 ވަނަ އަހަރެވެ. މި ސީޒަންގައި މިހާތަނަށް ޗެލްސީއާ އެކު ފަރިތަކުރަމުން ދިޔަ ނަމަވެސް އެ ޓީމުން އޭނާ ބޭނުންކޮށްފައެއް ނުވެއެވެ. އަދި، ލުކާކޫ ވެފައިވީ ޗެލްސީން ވިއްކާލަން ބޭނުންވެފައިވާ ކުޅުންތެރިންގެ ތެރޭގައި ހިމެނުނު އެއް ކުޅުންތެރިޔަކަށެވެ.

comment ކޮމެންޓް