އިނގިރޭސި ޕްރިމިއާ ލީގުގެ ބްރައިޓަން އެންޑް ހޯވު އެލްބިއަންއިން އެ ކުލަބުގެ ރިކޯޑު އަގަކަށް ފަރަންސޭސި ފޯވަޑް ޖޯޖީނިއޯ ރުޓާ އެ ޓީމަށް ގެންގޮސްފިއެވެ.
ކުޅިވަރު ރިޕޯޓުތައް ބުނާ ގޮތުގައި ބްރައިޓަންއިން ރުޓާގެ ސޮއި ހޯދާފައިވަނީ 40 މިލިއަން ޕައުންޑްގެ އަގަކަށެވެ. މިއީ ބްރައިޓަންއިން އެންމެ އަގުބޮޑުކޮށް އެ ޓީމަށް މިހާތަނަށް ސޮއިކުރުވި ކުޅުންތެރިޔާއެވެ. އުމުރުން 22 އަހަރުގެ ފޯވަޑް ބްރައިޓަންއަށް ސޮއިކޮށްފައިވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ރުޓާ ބްރައިޓަންއަށް ސޮއި ކުރިއިރު ކުޅެމުންދިޔައީ ޗެމްޕިއަންޝިޕްގެ ލީޑްސް ޔުނައިޓެޑަށެވެ. މިދިޔަ އަހަރު ޖަރުމަނު ބުންޑެސްލީގާގެ ހޯފެންހައިމްއިން ލީޑްސްއަށް ބަދަލުވި ރުޓާވަނީ އެ ޓީމަށް 66 މެޗު ކުޅެދީ އަށް ލަނޑު ޖަހައިދީފައެވެ.
ބްރައިޓަންގެ ޓެކްނިކަލް ޑިރެކްޓާ ޑޭވިޑް ވެއާ ބުނި ގޮތުގައި ރުޓާއަށް އެ ކުލަބުން ފާރަލަމުން އަންނަތާ ދުވަސް ކޮޅެއް ވެއްޖެއެވެ. ރުޓާއަކީ ވަރަށް ޓެކްނިކަލް ކުޅުންތެރިއެއް ކަމަށާއި އޭނާ ކުލަބަށް ގެނެވުމުން ހިތްހަމަޖެހުން ލިބިއްޖެކަމަށް އޭނާ ބުންޏެވެ.
ބްރައިޓަންއަށް ކޯޗުކޮށްދެމުން އަންނަ ޕްރިމިއާ ލީގުގެ އެންމެ ޒުވާން ކޯޗު ކަމަށްވާ އުމުރުން 31 އަހަރުގެ ފެބިއަން ހާޒެލާ ބުނީ ރުޓާއަކީ އެ ކުލަބުގެ ސަޕޯޓަރުން މެޗު ބަލަށް ތިބޭއިރު ގޮނޑިން ތެދުވާވަރު ކުރާނެ ކުޅުންތެރިއެއް ކަމަށެވެ.
ލީޑްސްއިން ވަނީ ރުޓާ އެ ޓީމުގައި ބެހެއްޓޭތޯ ވަރަށް މަސައްކަތްކޮށްފައެވެ. ރުޓާ ބްރައިޓަންއަށް ބަދަލުވުމުގެ ކުރިން މި ސީޒަންގައިވަނީ ލީޑްސް ޗެމްޕިއަންޝިޕްގައި ކުޅުނު ފުރަތަމަ މެޗާއި ލީގު ކަޕްގެ މެޗެއްގައި އެ ޓީމަށް ކުޅެފައެވެ.