ޣާޒީ ސްކޫލްގައި ގިނަ މައްސަލަތަކެއް، ކިޔަވަން ވެސް ދަތިތަކެއް

ހުޅުމާލެ ގާޒީ ސްކޫލް: ދަރިވަރުންނަށް ނުރައްކާވާ ވަރަށް އެ ސްކޫލްގެ ހާލަތު ވަނީ ގޮސްފައި --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހުޅުމާލޭގެ ޣާޒީ ސްކޫލްގައި ހުރި ގިނަ މައްސަލަތަކެއްގެ ސަބަބުން ސްކޫލްގެ ދަރިވަރުންނަށް ކިޔެވުން ކުރިއަށްގެންދަށް އުނދަގޫވެފައިވާ ކަމަށް އެ ސްކޫލުގެ ބެލެނިވެރިން ބުނެފިއެވެ.

އެ ސްކޫލްގެ ބައެއް ބެލެނިވެރިންނާއި ޓީޗަރުންގެ އިތުރުން ޕީޓީއޭގެ ބައެއް ބޭފުޅުން ވަނީ އެ ކަންބޮޑުވުންތައް "ސަން"އާ ހިއްސާކޮށްފައެވެ.

ޣާޒީ ސްކޫލްގެ ޕީޓީއޭގެ މެމްބަރަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވީ އެ ސްކޫލުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ކަރަންޓު ކެނޑުން ކަމަށެވެ.

ކަރަންޓު ކެނޑި ގިނައިރު ވާތީ ހޫނުވާ ކަމުގެ ޝަކުވާ ދަރިވަރުން ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިދިޔަ މަހު އަޅުގަނޑު ސްކޫލުގަ ހުރިން 15 ވަރަކަށް މިނިޓު. އެގަޑީގަ ވެސް ކަރަންޓު ހަމަ އައިސްފަ ދަނީ. މި މައްސަލަ ދިމާވެފައިވާތާ އެތައް އެތައް ދުވަހެއް ވެއްޖެ. ހައްލު ހޯދަން ކުރާ މަސައްކަތެއް ވެސް ފެންނާކަށް ނެތް،" އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ސުވާލުކުރުމުން ޓީޗަރުންނަށް ވެސް ވީގޮތެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޓީޗަރު ބުނީ ނޭނގެއޯ މިހާރު ތި [ކަރަންޓް ކެނޑޭ] މައްސަލަ ވަރަށް ބޮޑު ވެއްޖެޔޯ. އެއްވެސް ގޮތަކަށް މި މައްސަލަ ހައްލެއްނުވެޔޯ،" އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ޕްރިންސިޕަލާ ސުވާލުކުރުމުން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށް ވިދާޅުވި ކަމަށް ޕީޓީއޭގެ މެންބަރު ވިދާޅުވިއެވެ.

"އަޅުގަނޑު އެހިން ކޮންއިރަކުން ފެށިގެންވާ ކަމެއްހޭ. ދެން ވިދާޅުވީ މިދިޔަ އަހަރުން ފެށިގެންވާ ކަމެކޭ. ޕްރިންސިޕަލް ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީ އާއި ކަމާބެހޭ އެހެން ފަރާތްތަކަށް ވެސް މިކަން އަންގާފައިވާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

ކަރަންޓް ކެނޑި ހޫނުވުމުގެ ސަބަބުން ދަރިވަރުންނަށް ސިއްހީ މައްސަލަތައް ކުރިމަތިވާކަމަށް "ސަން"އާ ވާހަކަދެއްކި އެ ސްކޫލްގެ ބައެއް ބެލެނިވެރިން ބުންޏެވެ.

"ހޫނުގަދަވުމުގެ ސަބަބުން އަޅުގަނޑުގެ ދަރިފުޅުގެ ގައިގައި ބިހިނަގާ. އަދި އެހެން ދަރިވަރުންނަށް ވެސް މިފަދަ ކަންކަން ދިމާވޭ،" ބެލެނިވެރިޔަކު ކިޔައިދިނެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް އެ ސްކޫލްގެ ޓީޗަރަކު ކިޔައިދިންގޮތުގައި ކަރަންޓް ކެނޑި ދަރިވަރުންނަށް ހޫނުވާން ފެށުމުން ޓީޗަރުން ބްރޭކަރުގައި ހިފަހައްޓައިގެން ހުންނަންޖެހެއެވެ.

"އޯލެވެލް ހެދިއިރު ވެސް އެއްފަޅިން ކަރަންޓު އަންނައިރަށް އަނެއްފަޅިން ކަރަންޓު ދަނީ. ކަރަންޓު ދާތީ ބްރޭކަރު ނަގަން ދެކޮޅަށް ހިނގާލަ ހިނގާލަ ހުންނަންޖެހޭ،" އެ ޓީޗަރު ކިޔައިދިނެވެ.

ކަތުރުފަނީގެ މައްސަލަ ވެސް އެ ސްކޫލަށް ވަނީ ކުރިމަތިވެފައެވެ.

އެ ސްކޫލްގެ ޕީޓީއޭގެ މެންބަރަކު ކިޔައިދިންގޮތުގައި 2017 ވަނަ އަހަރުން ފެށިގެން ކަތުރުފަނީގެ މައްސަލަ އަންނަނީ ކުރިމަތިވަމުންނެވެ. ކަތުރުފަނީގެ މައްސަލަ ހައްލުކުރަން ފަސް އަހަރުތެރޭ ބޭސް ޖަހާފައިވަނީ އެންމެ ފަހަރަކު ކަމަށް އޭނާ ވިދާޅުވިއެވެ.

"2017ވަނަ އަހަރުން ފެށިގެން މި މައްސަލަ ހައްލުނުވީމަ މުޅި ސްކޫލުގަ މިހާރު އޮތީ ކަތުރުފަނި،" އޭނާ ވިދާޅުވިއެވެ.

ކިޔަވައިދޭއިރު ކްލާސް ރޫމް ތެރެއަށް ދިރޭތަކެތި ވަންނަ މައްސަލައަކީ ވެސް ބޮޑުވެފައިވާ މައްސަލައެއް ކަމަށް އެ ސްކޫލްގެ ބެލެނިވެރިޔަކު ފާހަގަކުރިއެވެ.

ކިޔަވައިދޭ ވަގުތު ވެސް ކޮތަރާއި ބުޅަލާއި މީދާ، ކްލާސް ރޫމް ތެރެއަށް ވަންނަ ކަމަށް ބެލެނިވެރިޔާ ބުންޏެވެ.

"ގްރޭޑް ދޭއްގެ ކްލާސްރޫމެއްގައި ބުޅަލެއް ވަނީ ވިހާފައި. އަދި ސްކޫލުގެ ކެންޓީނަށް ވެސް މީދާ ވަދޭ،" ބެލެނިވެރިޔާ ކިޔައިދިނެވެ.

އެ ބެލެނިވެރިޔާ ކިޔައިދިންގޮތުގައި ބުޅާފަދަ ތަކެތި ކްލާސް ރޫމް ތެރެއަށް ވަންނަ މައްސަލަ ބޮޑުވެ ތުއްތު ކުދިން ސްކޫލަށްދާން ޖެހިލުންވެއެވެ.

"އަޅުގަނޑުމެން ބޭނުން މިކަމަށް ހައްލެއް. ސްކޫލްގެ އަދުގެ ހާލަތު މިއޮތީ ދަރިވަރުންގެ ސަލާމަތާމެދު ކަންބޮޑުވާންޖެހޭ ފަދަ ގޮތެއްގައި. އަޅުގަނޑުމެންގެ މި ވާހަކަތައް އަޑުއައްސަވައި ސަރުކާރުން މިކަމަށް އަވަސް ހައްލެއް ގެނެސްދިނުމަކީ އަޅުގަނޑުމެން އާދޭހެއް،" ބެލެނިވެރިޔާ ބުންޏެވެ.

މިކަމާ ގުޅިގެން ބަހެއް ހޯދުމަށް ސްކޫލްގެ ޕްރިންސިޕަލަށް ގުޅައި މެސެޖުކުރުމުން ވެސް ޖަވާބު ދެއްވާފައިނުވާތީ، ޣާޒީ ސްކޫލްގެ ބަހެއް މިކަމާ ގުޅިގެން ލިބޭގޮތް ވަނީ ނުވެފައެވެ.

comment ކޮމެންޓް